އަލްފާޟިލާ ޢަޒީޒާ އިބްރާހީމް
ފެންފިޔާޒްގެ، ހއ.ހޯރަފުށި

ޢަޒީޒާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ހއ.ހޯރަފުށީ އޮފީހުގެ 2 ނަންބަރު ކާތިބާކަމުގެ ވަޒީފާގައި 7 އޮކްޓޫބަރު 1980 ގައެވެ. އުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ހއ.ހޯރަފުށީ ޞިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.

ޢަޒީޒާ އިބްރާހީމް، ހޭދަކުރެއްވި 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ސަދަން ރީޖަނަލް އޮފީހާއި ނޮދަން ރީޖަނަލް އޮފީހާއި، ހއ.ހޯރަފުށީ އޮފީހުގެ ކާތިބާކަމާއި، ހއ.ހޯރަފުށީ ޞިއްޙީ މަރުކަޒުގެ ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ ވަޒީފާ އަދާކުރެއްވިއެވެ.

ޢަޒީޒާ އިބްރާހީމް، ހޯރަފުށީ އޮފީހުގައި ވަޒީފާ އަދާކުރެއްވިއިރު ޔައުމިއްޔާ ލިޔެ ބެލެހެއްޓެވުމާއި، ސިޓީއާއި މެސެޖާއި އަދި ރިޕޯޓުފަދަ ލިޔުންތައް އަތުން ރީތިކޮށް ލިޔެ ފަރުވާތެރިކަމާއެކު ލިޔުއްވުމުގެ ޒިންމާ އަދާކުރެއްވިއެވެ. އަދި ފޯނާއި، އީ-މެއިލްފަދަ ވަސީލަތްތައް ނެތް، ވަރަށް ދަތި ދުވަސްވަރެއްގައި ވޯކީޓޯކީ މެދުވެރިކޮށް އެކިއެކި މެސެޖުތައް ނެންގެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ.

31 އޮގަސްޓު 1992 ގައި، ހއ.ހޯރަފުށީ ޞިއްޙީ މަރުކަޒާ ގުޅިވަޑައިގެން ވަޒީފާގައި ހޭދަކުރެއްވި 29 އަހަރުދުވަހު ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، މަރުކަޒުގެ ފަރުނީޗަރާއި، އިކުއިޕްމަންޓްސް އިންވެންޓްރީއާއި، ސްޓޮކް ރަޖިސްޓަރީތައް ބެލެހެއްޓެވުމާއި، އަތޮޅުތެރެއިން ލިބެންވާ ރިޕޯޓުތައް ހޯދައި ބެލެހެއްޓެވުމާއި، ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ބެލެހެއްޓެވުމާއި، ރިޕޯޓުތަކާއި ސިޓީ ފަދަ ލިޔުންތައް އެންޓްރީ ކުރެއްވުމާއި، ލިޔަންޖެހޭ ސިޓީއާއި މެސެޖް ފަދަ ލިޔުންތަކާއި، ރިޕޯޓުތައް ތައްޔާރުކުރައްވައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުމާއި، މުވައްޒަފުންގެ މުސާރަ ޝީޓާއި، ފައިސާއާބެހޭ ރިޕޯޓުތައް ތައްޔާރުކުރެއްވުމާއި، މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީ އަދި އެހެނިހެން ރެކޯޑުތައް ބެލެހެއްޓެވުން ހިމެނެއެވެ. އަދި ޞިއްޙީ މަރުކަޒުގެ އިސްވެރިން ޗުއްޓީ ނެންގެވުމުން މަރުކަޒު ހިންގެވުމާ ހަވާލުވެވަޑައިގެން އެ މަސައްކަތްވެސް ކުރެއްވިއެވެ. އެ މަސައްކަތްތައް ކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ސުވާލެއްވެސް ކުރައްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޢަޒީޒާ އިބްރާހީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، މަރުކަޒުގެ މުވައްޒަފުންނަށް، މަސައްކަތުގެ ރިވެތި އަޚްލާޤު ދެއްކެވުމުގައި، ވަޒީފާއިން ވަކިވެވަޑައިގަންނަވަންދެން ސާބިތުވެ ހުންނެވިކަން ފާހަގަކޮށްލަންޖެހެއެވެ.