އަލްފާޟިލާ ޙުސްނާ ނަޖީބު
މަލަސް، ގއ.ކޮލަމާފުށި

ޙުސްނާ ނަޖީބު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ސެޕްޓެންބަރު 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ގއ. ކޮލަމާފުށީ ކޯޓުގެ ކާތިބާއެއްގެ ވަޒީފާއެވެ. މަސައްކަތުގެ ދާއިރާގައި ހޭދަކުރެއްވި 41 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި، ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ކާތިބާ ކަމާއި، ސީނިއަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓެރީކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. 30 ޖޫން 2021 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ގއ. ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގައެވެ.

ޙުސްނާ ނަޖީބު، ގއ.ކޮލަމާފުށީ ކޯޓުގެ ކާތިބާ ކަމާއި، ސީނިއަރ ކްލާކްކަމުގެ ވަޒީފާ އަދާކުރެއްވިއިރު ވޯކީޓޯކީ މެދުވެރިކޮށް އެކިއެކި މެސެޖުތައް ނެންގެވުމުގައި ޙުސްނާ ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ. މީގެ އިތުރުން، ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފަދަ ލިޔުންތައް އަތުން ރީތިކޮށް ފަރުވާތެރިކަމާއެކު ލިޔުއްވައިފައި ވެއެވެ. ފަހުން ޓައިޕް ކުރައްވައިގެންވެސް ކޯޓުގެ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަވައިފައި ވެއެވެ. އަދި އެކިއެކި މައްސަލަތަކުގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ޗިޓު ހައްދަވައިގެން، އަމިއްލަފުޅަށް ގޭގެޔަށް ވަޑައިގެން، ޗިޓު ރައްދުކުރެއްވުން ފަދަ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.

ގއ. ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ފަދަ މަސައްކަތްތައްވެސް ޙުސްނާ ނަޖީބު ކުރެއްވިއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތް ކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ސުވާލެއްވެސް ކުރައްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމަ އެއާއެކު، ރަށަށް ޒިޔާރަތްކުރާ ޝަރުޢީ ވަފުދުތަކާ ގުޅިގެން ކުރައްވަންޖެހުނު ކަންކަންވެސް ވަރަށް ފަރުވާތެރިކަމާއެކު ޙުސްނާ ކުރައްވައިފައި ވެއެވެ.

ޙުސްނާ ނަޖީބަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވުމުގައިވެސް ހަަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، ކޯޓުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވުމާއި، ކައިރި ރަށްރަށުގެ ކޯޓުތަކުގައި ދިމާވާ އިދާރީ މައްސަލަތަކާއި، ފައިސާގެ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދަން ކޯޓަށް އަންނަ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް، ކަންކަން ކުރަންވީގޮތާއި، ކަންކަން ހިންގަމުން ގެންދާނެގޮތް އޮޅުންފިލުއްވައި ދެއްވުން ހިމެނެއެވެ.