އަލްފާޟިލާ މަރްޔަމް ރަޝީދާ
މ. އުނިމާވިލާ

މަރްޔަމް ރަޝީދާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ކާތިބާއެއްގެ ވަޒީފާގައި 27 އެޕްރީލް 1980 ގައެވެ. އެ ތާރީޚުން ފެށިގެން މިއަދާ ހަމަޔަށް ދައުލަތުގެ ވަޒީފާގައި އުޅުއްވާތާ 42 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މިހާރު ހުންނެވީ ސިވިލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.

ވޭތުވެދިޔަ ދިގު މުއްދަތުގައި، މަރްޔަމް ރަޝީދާ ވަނީ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވައިފައެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވަނީ ޝަރުޢީ ދާއިރާގައެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ 2 ނަންބަރު ކާތިބާ ކަމާއި، އެ މިނިސްޓްރީގެ ސީނިއަރ ކްލާކް ކަމާއި، ކޯޓު ނަންބަރު 3ގެ ސެކްރެޓެރީ ކަމާއި، އެ ކޯޓުގެ ސީނިއަރ ސެކްރެޓެރީ ކަމާއި، ކޯޓު ނަންބަރު 2ގެ ސީނިއަރ ސެކްރެޓެރީ ކަމާއި، އެ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ. އަދި މަދަނީ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެ ކޯޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

މަރްޔަމް ރަޝީދާ، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގައި ހޭދަކުރެއްވި 6 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި، މައިގަނޑު ގޮތެއްގައި ކުރެއްވީ އެ މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން މަސައްކަތްތަކެވެ. ކޯޓު ނަންބަރު 3 އާއި، ކޯޓު ނަންބަރު 2 ގައި އަދި މަދަނީ ކޯޓުގައި މަސައްކަތް ކުރެއްވިއިރު، އިދާރީ ސެކްޝަން ހިންގަވާ އިސް ބޭފުޅެއްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިދާރީ އެންމެހައި މަސައްކަތްތަކާއި، މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންކަމާއި، އެކި މައްސަލަތަކާ ގުޅިގެން، އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓުތައް ރައްދުކުރުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން ހިމެނެއެވެ. އަދި އެ ކޯޓުތަކަށް ހުށަހެޅޭ އެންމެހައި މައްސަލަތައް، ކަމާބެހޭ ސެކްޝަންތަކަށް ހަވާލުކުރުމާއި، އެ ކޯޓުގެ ތަފާސްހިސާބު ބެލެހެއްޓެވުމާއި، ކޯޓުން ބަލައިގަންނަ އެންމެހައި ލިޔެކިޔުންތައް ބަލައިގަނެ، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި ލިޔުންތަކާއި ރިޕޯޓުތައް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވައި، ޢަމަލީގޮތުން އެ މަސައްކަތްތައް ކުރައްވައިފައި ވެއެވެ.

މަރްޔަމް ރަޝީދާ، 21 އޮކްޓޫބަރު 2010 ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ސިވިލް ކޯޓުގައި، އެ ކޯޓުގެ ފައިސާއާބެހޭ ސެކްޝަންގެ އިސް ވެރިއެއްގެ ގޮތުންނެވެ. މި މުއްދަތުގެ ތެރޭގައި، އެ ސެކްޝަންގެ މަސައްކަތްތަކުގެ އިތުރުން، ސިވިލް ކޯޓުގެ އެކިއެކި ސެކްޝަންތަކުގެ އިސްވެރިޔާގެ މަސްއޫލިއްޔަތު، އެކިފަހަރު މަތިން އަދާކުރައްވައިފައި ވެއެވެ. އަދި އެ ކޯޓުގެ ވަޒީފާއާބެހޭ ކޮމިޓީއާއި، ޚަރަދު ކޮމިޓީގެ މެންބަރެއްގެ ގޮތުން މިހާރުވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މަރްޔަމް ރަޝީދާގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އެކިފަހަރު މަތިން ވަނީ ފިލަޔާއި ސެޓްފިކެޓުވެސް ލިބިވަޑައިގެންފައެވެ. އެގޮތުން މަދަނީ ކޯޓުގެ މުވައްޒަފުންގެ ތެރެއިން 2001ވަނަ އަހަރު އެންމެ ޚިދުމަތްތެރި މުވައްޒަފަކަށް ހޮވިވަޑައިގެންފައިވާތީ، މިނިސްޓްރީ އޮފް ޖަސްޓިސްއިން ދެއްވި ހަނދާނީ ފިލައާއި، 5 ޖޫން 1980 ން 5 ޖޫން 2016 އަށް ސިވިލް ކޯޓާއި ދައުލަތަށް 36 އަހަރު ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާތީ ސިވިލް ކޯޓުން ދެއްވައިފައިވާ ޚިދުމަތުގެ ޝަރަފުގެ ހަނދާނީ ފިލައާއި، 2016، 2017، 2018 އަދި 2019 ވަނަ އަހަރު ސިވިލް ކޯޓުގެ މުވައްޒަފުންގެ ތެރެއިން ހާޒިރީންނާއި މަސައްކަތުގެ ނަމޫނާ މުވައްޒަފެއްގެ ގޮތުގައި ހޮވިވަޑައިގެންފައިވާތީ ސިވިލް ކޯޓުން ދެއްވާފައިވާ ދަރަޖަވެރިކަން ދެއްވިކަމުގެ ފިލައާއި ލިޔުން ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުންވެސް ސިވިލް ކޯޓުގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވާތީ، އެކަންކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ސިވިލް ކޯޓުން ދެއްވައިފައިވާ ސެޓްފިކެޓްތައް މަރްޔަމް ރަޝީދާއަށް ލިބިވަޑައިގެންފައިވެއެވެ.