އަލްފާޟިލް މުޙައްމަދު ޙަސަން
މ. ދިޔަނެރު

މުޙައްމަދު ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އިލެކްޓްރިކް ޑިޕާޓްމަންޓުގެ ޑްރައިވަރެއްގެ ވަޒީފާއިން 2 ޖަނަވަރީ 1969 ގައެވެ. އުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ އިންޖިނިއަރ ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އިލެކްޓްރިކް ޑިޕާޓްމަންޓުގެ އިންޖިނިއަރ އެސިސްޓެންޓް ކަމާއި، އިންޖިނިއަރ ކަމާއި، ރީޖަނަލް ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމާއި، އިންޖިނިއަރ ކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ.

މުޙައްމަދު ޙަސަން، ވަޒީފާ އަދާކުރެއްވިއިރު ފާހަގަކުރެވިފައިވަނީ ވަރަށް ފަރުވާތެރިކަމާއެކު، މަސައްކަތަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވި އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ގަވާއިދުތަކުގެ ޑްރާފްޓް އެކުލަވައިލުމަށްޓަކައި އޮފީހުގައި އޭރު ޤާއިމުކުރެވުނު ކޮމިޓީގެ މަސައްކަތް ރާވައި ހިންގެވުމުގައި ވަރަށް ހީވާގިކަމާއެކު އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އޭރު އޮފީހުން ހަވާލުކުރެއްވި ޚާއްޞަ މަސައްކަތްތައް، ސީދާ މުޙައްމަދު ޙަސަންގެ ބެއްލެވުމުގެ ދަށުން ކުރައްވައިފައިވެސް ވެއެވެ.

މުޙައްމަދު ޙަސަން، ކައިރި ރަށްރަށުގައި ޤާއިމުކުރެވިފައިވާ އިންޖީނުގެތަކަށް ގަވާއިދުން ޒިޔާރަތް ކުރައްވައި، އެތަންތާނގައި މަސައްކަތް ހިނގަމުންދާގޮތް ބައްލަވައި، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި އެތަންތަނުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމުގައި ޢަމަލީގޮތުން މަސައްކަތް ކުރައްވައިފައި ވެއެވެ. ސްޓެލްކޯއިން ބާއްވާ ޚާއްޞަ ޙަފުލާތަކާއި މިނޫންވެސް އެކިއެކި ކަންކަމުގައި މުޙައްމަދު ޙަސަން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެސް ވެއެވެ.