އަލްފާޟިލާ ފާޠިމަތު ވަދީފާ
މއ. ރުއްކުރި

ފާޠިމަތު ވަދީފާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެއަރ މޯލްޑިވްސްގެ ކާތިބާ ކަމުގެ ވަޒީފާގައި 21 އޮގަސްޓު 1979 ގައެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމެވެ. ޚިދުމަތުގައި ހޭދަކުރެއްވި
42 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، އެއަރ މޯލްޑިވްސްގެ ކާތިބާ ކަމާއި، ނޭޝަނަލް ޕްލޭނިންގ އެޖެންސީގެ 2 ނަންބަރު ކާތިބާ ކަމާއި، ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ.

ފާޠިމަތު ވަދީފާ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގައި ވަޒީފާ އަދާކުރެއްވިއިރު، މިނިސްޓަރުގެ ސެކްރެޓެރީއެއްގެ ގޮތުގައި މިނިސްޓަރ ބިއުރޯގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، އަތުން ސިޓީ ލިޔުއްވުމާއި، ޑިސްޕެޗް ކުރެއްވުމާއި، ޓައިޕް ކުރެއްވުމާއި، ރިސެޕްޝަންގައި މަސައްކަތް ކުރެއްވުމާއި، ސްޓޮކް ބެލެހެއްޓެވުމާއި، ފައިލް ކުރެއްވުމާއި، ޔައުމިއްޔާ ލިޔުއްވުމާއި، މުވައްޒަފުންގެ ވަޒީފާގެ މަސައްކަތްތައް ކުރެއްވުމާއި، އަހަރު ރިޕޯޓު ލިޔުއްވުމުގެ މަސައްކަތްތައް ކުރެއްވިއެވެ. އަދި އެ މިނިސްޓްރީން ކުރެއްވި ޚާއްޞަ މަސައްކަތެއް ކަމުގައިވާ 1995 ވަނަ އަހަރުގެ ބޯހިމެނުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު އެކިއެކި ރަސްމިއްޔާތުތަކުގައި ފާޠިމަތު ވަދީފާ ބައިވެރިވެވަޑައިގެންނެވިއެވެ.

ފާޠިމަތު ވަދީފާ، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކަކީ، މައްސަލަތަކުގެ ރެކޯޑިންގތައް އަޑުއައްސަވައި، އަޅައިކިޔުއްވުމާއި، ކުށްފިލުއްވައި ބަޔާން ތައްޔާރުކުރެއްވުމެވެ. އަދި މީގެއިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އުފައްދަވައިފައިވާ ޓައިޕިންގ ޕޫލުން ހަވާލުކުރައްވާ މައްސަލަތަކުގެ ރެކޯޑިންގ ނެންގެވުމުގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި، ފާޠިމަތު ވަދީފާ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، މުވައްޒަފުންނާބެހޭ އެންމެހައި މަސައްކަތްތަކާއި، އަހަރު ރިޕޯޓު ތައްޔާރު ކުރެއްވުމާއި، ނީލަމަށް ތަކެތި ފޮނުއްވުމާއި، 1980 ވަނަ އަހަރުން ފެށިގެން އޮތް އިންވެންޓްރީ އަޕްޑޭޓް ކުރެއްވުމާއި، 1980 ވަނަ އަހަރުން ފެށިގެން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ރަޖިސްޓަރީއަށް އެންޓަރ ކުރެއްވުން ހިމެނެއެވެ. އަދި ދަޢުވާ ފޯމާއި، ޖަވާބު ފޯމު ޓައިޕް ކުރެއްވުމާއި، ސުޕަވައިޒަރު ޗުއްޓީގައި ހުންނަވާ ދުވަސްވަރުގައި، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކުށާއި ދަރަނީގެ ރެކޯޑު ޗެކް ކުރައްވައި ސޮއިކުރެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެއްވި، 1980 ވަނަ އަހަރުން ފެށިގެން އޮތް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިޔެފައިވާ 165 ފޮތް ޑިޖިޓައިޒް ކުރުމުގެ ގޮތުން ފޮތްތައް ސްކޭން ކުރުމުން، ކޮންމެ ސަފުހާއެއް ސްކޭން ކުރެވިފައިވަނީ ރަނގަޅަށްތޯ ބައްލަވައި، ޗެކް ކުރައްވައި، އަޅައިކިޔުއްވުމަށްފަހު، އާރކައިވް ކުރައްވައި، މި މަސައްކަތްތައް މުޅިން ނިންމުމަށް ކުރެވުނު މަސައްކަތްތަކުގައި ފާޠިމަތު ވަދީފާ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، އޮފީހުގައި ބޭއްވި ޙަފުލާތަކާއި، އިޖްތިމާޢީ ރޫޙް އާލާކުރުމަށް ބޭއްވި އެކިއެކި ހަރަކާތްތަކުގައި، ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އެހީތެރިކަން ފޯރުކޮށްދެއްވައިފައިވެއެވެ.