އަލްފާޟިލް ޢަބްދުﷲ ވަޙީދު
ތަނޑިރަތްމާގެ ބ.އޭދަފުށި

ޢަބްދުﷲ ވަޙީދު، ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 22 ޖަނަވަރީ 1980 ގައި، ލޭންޑް ރަޖިސްޓްރޭޝަންސް ޑިވިޜަންގެ ދެނަންބަރު ކާތިބު ކަމުގެ ވަޒީފާއިންނެވެ. އޭރު ކުރެއްވީ، ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތީގެ ފަތް ލިޔުއްވުމުގެ މަސައްކަތެވެ.

ރަޖިސްޓްރޭޝަންސް ޑިވިޜަނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް ޢަބްދުﷲ ވަޙީދު ބަދަލުކުރެއްވީ 18 މާރިޗް 1980 ގައެވެ. ޢަބްދުﷲ ވަޙީދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާތަނަށް އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ކްލެރިކަލް އެސިސްޓެންޓް ކަމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ. އަދި ކޯޑިނޭޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

ޢަބްދުﷲ ވަޙީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންމެ ގިނަދުވަހު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއި، ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވާ ސިޓީތަކާއި، ވަޒީރުންނާއި، އަތޮޅުވެރިންނާއި، ބޭރު ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ބޭފުޅުންގެ ދިވެހި ފަތްކޮޅުތަކާއި، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާ ބިލްތަކާއި، ޕްރެޒިޑެންޝަލް އެޑްރެސް ލިޔުއްވުން ހިމެނެއެވެ. އަދި ސަރުކާރުގެ އޮފީސްތަކުން ޢަމަލުކުރާ ދެންނެވުންތަކާއި، ހުކުރު ޚުޠުބާއާއި، ޚާއްޞަ ދެންނެވުން ސްޓެންސިލްގައި ލިޔުއްވުން ހިމެނެއެވެ.

އެކިއެކި މުނާސަބަތުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުންތަކުގެ ދަޢުވަތު ކާޑު ލިޔުއްވައި ފޮނުއްވުމާއި، ކޮންމެ ހަފުތާއަކު އެއްފަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވަމުން ގެންދެވި "ދީނުގެ މަގު" ނޫސް ކުށްފިލުއްވުމާއި، ރައީސުލްޖުމްހޫރިއްޔާ އިނާމުގެ ގޮތުގައި ދެއްވާ ތަށިތައް ލޭބަލް ކުރުމަށް އެންގްރޭވް ކުރެއްވުމާއި، އެނޫން ބައެއް ތަކެތި އެންގްރޭވް ކުރެއްވުން ހިމެނެއެވެ.
ލެޖިސްލޭޓިވް އެފެއާޒްގައި ޢަބްދުﷲ ވަޙީދު މަސައްކަތް ކުރެއްވިއިރު، ރައީސުލްޖުމްރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤާނޫނުތައް ލިޔުއްވައި ފޮނުއްވުމާއި، އޮފީހުން ނެރުއްވާ ޚަބަރުތައް ލިޔުއްވައި ފޮނުއްވުމާއި، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ޝާއިޢު ކުރައްވާ ފޮތްތަކުގެ ގިނަ މަސައްކަތްތަކެއްވެސް ކުރައްވައިފައިވެއެވެ. މީގެއިތުރުން، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރާ ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވުމާއި، 2007 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢު ކުރެއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ޝާއިޢު ކުރެއްވުމާ ހަމައަށް ކުރެވުނު ގިނަ މަސައްކަތްތަކުގައިވެސް ޢަބްދުﷲ ވަޙީދު ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޢަބްދުﷲ ވަޙީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންމެ ދިގު މުއްދަތަކަށް ކުރައްވަމުން ގެންދެވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތަކީ، އެކި ފަރާތްތަކަށް ދައުލަތުން ދެއްވާ ޢިއްޒަތާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ އިނާމާއި، ޚާއްޞަ އިނާމާއި، އެހެނިހެން އިނާމު ދިނުމުގެ ކަންތައްތައް ރާއްވަވައި ހިންގެވުމާއި، ޤައުމީ އިނާމާބެހޭ ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވުމުގެ މަސައްކަތެވެ. ކޮންމެ އަހަރަކުވެސް ޤައުމީ އިނާމަށް ހުށަހެޅޭ ފޯމުތައް، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހެޅުމުގެ ކުރިން އެފޯމުތަކުގައި ހުންނަ މަޢުލޫމާތުތައް ދިރާސާ ކުރައްވައި، ހުށަހަޅުއްވާ އެ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތަކީ ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހޭ މަސައްކަތަކަށްވާތީ، ވަރަށް ފަރުވާތެރިކަމާއެކު މި މަސައްކަތްތައް ކުރައްވައި، މި މަސައްކަތް މޮޑަނައިޒްކޮށް، ޕޯޓަލް މެދުވެރިކޮށް ފޯމުތައް ހުށަހެޅުމަށް ކުރެވުނު މަސައްކަތްތަކުގައި ޢަބްދުﷲ ވަޙީދު ބައިވެރިވެވަޑައިގެންފައިވެއެވެ. މ2021 ވަނަ އަހަރުން ފެށިގެން ދައުލަތުން ދެއްވަމުން ގެންދަވާ "ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރުމުގެ އިނާމު" އާ ބެހޭ މަސައްކަތްތައްވެސް ބަލައްޓަވަމުން ގެންދަވަނީ، ޢަބްދުﷲ ވަޙީދެވެ.

ކުރެއްވި ބައެއް ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގައި ފެތުރެމުންދިޔަ ޝިގެއްލާ ރޯގާއާ ގުޅިގެން އުފެއްދެވި ޓާސްކްފޯސްގައްޔާއި، އެނޫންވެސް ބައެއް ޓާސްކްފޯސްތަކުގައްޔާއި، ހަކުރު އަގުބޮޑުވުމާ ގުޅިގެން، މާލޭގެ ރައްޔިތުންނަށް ހަކުރު ކޫޕަން ދޫކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަކިރި ހަދިޔާކުރެއްވުމުގެ މަސައްކަތުގައްޔާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކުރައްވައިގެން ބާއްވަވާ ގިނަ ޙަފުލާތައް ތައްޔާރު ކުރެއްވުމުގައްޔާއި، އިންތިޒާމުތައް ބެލެހެއްޓެވުމުގައްޔާއި، ސާރކް ސަމިޓަށް ތައްޔާރުކުރެއްވި "ދަރުބާރުގެ" ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ފަދަ ގިނަ މަސައްކަތްތަކެއްގައި ޢަބްދުﷲ ވަޙީދު ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޢަބްދުﷲ ވަޙީދަކީ، ތާނަ ލިޔުމުގެ ފަންނަށް ވަރަށް ކުޅަދާނަ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ލިޔުންތައް ޓައިޕް ކުރުމަށް މިހާރުވެސް ބޭނުންކުރަމުންދާ ބައެއް ފޮންޓުތަކަކީ ޢަބްދުﷲ ވަޙީދުގެވެސް ހިއްސާ އޮވެގެން އުފައްދައިފައިވާ ފޮންޓުތަކެކެވެ. އެ ފޮންޓުތަކުގެ ތެރޭގައި، "އެމް.އެލް.އެސް" "އެމްވީ ރަދުން" އަދި "އޭ ވަހީދު" ފޮންޓުގެ މަސައްކަތް ހިމެނެއެވެ.

ޢަބްދުﷲ ވަޙީދު، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 42 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އަދި މިހާރު ހުންނެވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 40 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޢަބްދުﷲ ވަޙީދަށް ވަނީ އެކަމުގެ ހަނދާނީ ފިލާ މި އަހަރު އަރުވައިފައެވެ.