އަލްފާޟިލް މުޙައްމަދު ނަޞީރު
ވ. މުޖާހިދު

 މުޙައްމަދު ނަޞީރު، ދިވެހި ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 31 ޖަނަވަރީ 1974ގައި ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ މެސެންޖަރެއްގެ ވަޒީފާއިންނެވެ. ހައެއްކަ މަސްދުވަހު އެ ވަޒީފާގައި ޚިދުމަތް ކުރެއްވުމަށްފަހު 23 ޖުލައި 1974 ގައި، ޕްރައިމް މިނިސްޓަރުގެ އޮފީހަށް ބަދަލުވެވަޑައިގަތެވެ. އޭގެފަހުން 8 މަސްދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނެއްގެ ވަޒީފާ އަދާކުރެއްވުމަށްފަހު، 6 ޑިސެންބަރު 1981 ގައި، ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ސަރުދާރަކަށް ބަދަލުވެވަޑައިގެންނެވިއެވެ. އަދި 9 ޖޫން 1982 ގައި އަލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ޕިޔޯނެއްގެ ވަޒީފާގައި ގުޅިވަޑައިގެންނެވި ގޮތަށް މިއަދާ ހަމައަށް ވަޒީފާގައި ދެމިހުންނަވައި ތަފާތު ވަޒީފާތައް އަދާކުރައްވައިފައި ވެއެވެ. މިގޮތުން، މުޙައްމަދު ނަޞީރު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ވޭންގެ ޑްރައިވަރު ކަމާއި، ފޯމަން/ ޑްރައިވަރު ކަމާއި، ސުޕަވައިޒަރ ޑްރައިވަރު ކަމާއި، ޖެނެރަލް ސަރވިސަސް އޮފިސަރ، ސުޕަވައިޒަރ، ނަރސަރީ އަދި ސީނިއަރ ސުޕަވައިޒަރުކަން ހިމެނެއެވެ.

ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރެއްވިއިރު، އެކިއެކި ބޭބޭފުޅުންނަށާއި އަތޮޅުތަކުގެ ރަށްތަކަށް ވަޔަރލެސް މެސެޖްތައް ފަރުވާތެރިކަމާއެކު ރައްދުކޮށްދެއްވައިފައި ވެއެވެ. ޕްރައިމް މިނިސްޓަރުގެ އޮފީހުގައި، ސިޓީ ބެހުމާއި، ތީމުގޭ ޑިއުޓީ އަދާކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންމެ ފުރަތަމަ ޕިޔޯނެއްގެ ވަޒީފާ އަދާކުރައްވަމުން، އޮފީހުން ހަވާލުކުރައްވާ ޚާއްޞަ މަސައްކަތްވެސް ކުރައްވަމުން، އޭރު ސަރުދާރުން ކުރާ މަސައްކަތްތައް އަމިއްލަފުޅަށް ދަސްކުރެއްވިއެވެ. އެގޮތުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި އޮފީހުގެ އިސްވެރިންގެ އިތުބާރު ހޯއްދެވުމުގެ ނަތީޖާއަކަށްވީ ސަރުދާރެއްގެ ޒިންމާ ހަވާލުކުރެއްވުމެވެ.

މުޙައްމަދު ނަޞީރު، އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައި ވަނީ އޮފީހުގެ މެއިންޓަނަންސާއި، ޕްރޮޕަޓީ މެނެޖްމަންޓާއި ހައުސްކީޕިންގ ދާއިރާގައެވެ. މިގޮތުން، އޮފީހުގެ އެކިއެކި އިމާރާތްތައް ބެލެހެއްޓުމާއި، ރިހިޖެހިކޮށީގައި ހުންނަ، އޮފީހުގެ ހަރު މުދާ ބެހެއްޓިފައިވާ ގުދަންތަކާއި، އޮފީހުގެ ފަރާތުން ނީލަމަށް ފޮނުވޭ ތަކެތި ވަކިކުރުމާއި، ރާއްޖެއިން ބޭރުން އޮފީހަށް ގެންނަ މުދާ ކްލިއަރ ކުރުމުން އެތަކެތި އޮފީހަށް ގެންނެވުމާއި، މިކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ. އަދި މިއާއެކު، އޮފީހުގެ ނަރސަރީތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، އޮފީސް މާހައުލު ޒީނަތްތެރިކުރުމުގައި މުޙައްމަދު ނަޞީރު އިސްދައުރެއް އަދާކުރައްވައިފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ބައެއް ޖަލްސާތަކާއި، ޙަފުލާތައް ބާއްވާ ތަން ތައްޔާރުކޮށް ޒީނަތްތެރިކުރެއްވުމުގެ މަސައްކަތްތަކަކީވެސް، ނަޞީރު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. މުޙައްމަދު ނަޞީރު ވަނީ މަސައްކަތަށް އޮންނަ ޝައުޤެއްގެ ސަބަބުންނާއި އަމިއްލަފުޅަށް ކަންތައްތައް ދަސްކުރެއްވުމުގައި ގެންގުޅުއްވި ވިސްނެވުމާއި، ވަޒީފާގައި ކުރިއަށް ދިއުމުގެ ރޫޙުގައި، މަސައްކަތަށް ބޭނުންވާ ހުނަރުތައް ހޯއްދެވުމުގެ ގޮތުން ތަފާތު ފެންވަރުގެ ތަމްރީނު ޕުރޮގުރާމުތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެތެރޭގައި، ނަރސަރީ ބެލެހެއްޓުމާއި، ހައުސްކީޕިންގ ދާއިރާގެ ތަމްރީނުތައް ހިމެނެއެވެ.

މުޙައްމަދު ނަޞީރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގަތީ، ރައީސް މަރްޙޫމް އިބްރާހީމް ނާޞިރުގެ ރަންނަބަނޑޭރި ކިލެގެފާނުގެ ދައުރުގައެވެ. މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚިދުމަތުގައި ދެމިތިއްބެވި ބޭފުޅުންގެ ތެރެއިން 6 ރައީސުންގެ ޒަޢާމަތުގައި ޚިދުމަތް ކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި މުޙައްމަދު ނަޞީރު ހިމެނިވަޑައިގަންނަވައެވެ. މިހާރު ހުންނެވީ މެއިންޓަނަންސް ސުޕަވައިޒަރުގެ މަގާމުގައެވެ.
މުޙައްމަދު ނަޞީރު، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާއިރު، ފާހަގަކުރެވިފައިވަނީ އޮފީހުގެ އިސްވެރިންގެ އިޙްތިރާމާއި އިތުބާރު ހޯއްދަވައިފައިވާ، ހުރިހާ މުވައްޒަފުންނާވެސް ގުޅިގެން މަސައްކަތް ކުރައްވާ، ވަގުތަށް ކަމޭހިއްތަވައި، ހަވާލުކުރާ މަސައްކަތްތައް އެ ގަޑިއަކަށް ނިންމަވާ ބޭފުޅެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 40 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މުޙައްމަދު ނަޞީރަށް އެކަމުގެ ހަނދާނީ ފިލާ މި އަހަރު ވަނީ އަރުވައިފައެވެ.