އަލްފާޟިލް ރައޫފުއްދީން މޫސާ
ހުޅުމާލެ ފްލެޓް 02-2-107

ރައޫފުއްދީން މޫސާ، 1977 ވަނަ އަހަރުގެ ޖޫންމަހުގެ 18 ވަނަ ދުވަހު ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، ޝިޕިންގ ޑިޕާޓްމަންޓުގެ 2 ނަންބަރު ކާތިބުގެ ވަޒީފާއިންނެވެ. ޝިޕިންގ ޑިޕާޓްމަންޓުގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، ޑިޕާޓްމަންޓަށް ލިބޭ ފައިސާ ބަލައިގަތުމާއި، ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ފައިސާ ޖަމާކުރުމުގެ މަސައްކަތާއި، ބިލް ހެދުމުގެ މަސައްކަތެވެ.

އެއަށްފަހު 19 ނޮވެންބަރު 1979 ން ފެށިގެން 15 ޖޫން 2020 ގައި ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމައަށް ޚިދުމަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކޯޕަރޭޓް ސަރވިސް އޮފީހުގެ އެޑްމިނިސްޓްރޭޝަންގެ ކަރެސްޕޮންޑެންސް ޔުނިޓް ހިންގެވުމާ ހަވާލުވެވަޑައިގެން، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ. ރައޫފުއްދީން މޫސާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތް ކުރެއްވިއިރު، އެ އޮފީހުގެ ތަފާތު ވަޒީފާތައް އަދާކުރައްވައިފައި ވެއެވެ. އެގޮތުން، އެ އޮފީހުގެ 2 ނަންބަރު ކާތިބު ކަމާއި، 1 ނަންބަރު ކާތިބު ކަމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރެއްވިއެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރުކަންވެސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ރައޫފުއްދީން އެންމެ ފުރަތަމަ ކުރައްވައިފައިވަނީ، ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓަށް ފައިސާ ދޫކުރުމާއި، ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ބޭނުންވާ މަތިންދާބޯޓުގެ ޓިކެޓް ހަމަޖައްސައިދިނުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓް ސްޓޮކް ބެލެހެއްޓުމާއި، ގުދަންތައް ބެލެހެއްޓުމުގެ މަސައްކަތެވެ. ރައޫފުއްދީން އެންމެ ދިގު މުއްދަތަކަށް ކުރައްވައިފައިވަނީ، ޕަބްލިކް ރިލޭޝަންސްއާ ގުޅޭ މަސައްކަތްތަކެވެ. އޭގެތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އަމިއްލަ އެކި ފަރާތްތަކުން އޮފީހަށް ފޮނުވާ ސިޓީތަކުގައި ހުށަހަޅާ މައްސަލަތައް ހިނގާ ނުހިނގާގޮތް ބައްލަވައި، ސިޓީތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން، އެކި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންނަ އެކި އުމުރުފުރައިގެ އެކި ގިންތީގެ މީހުންނާ ބައްދަލުކުރައްވައި، ބޭނުންވާ ކަމަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވައި، އެމީހަކު ބޭނުންވާ ކަމެއްގައި ކުރިއަށްދާންވީ ގޮތުގެ މަގު ދައްކަވައިދެއްވަމުން ގެންދަވައެވެ.

ރިޔާސީ ދައުރު ބަދަލުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިދާރީ އޮނިގަނޑަށް އެކިފަހަރުމަތިން ބަދަލުގެންނެވި ކަމުގައިވިޔަސް، އާންމު ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދިނުމުގެ މަސައްކަތުގައި ރައޫފުއްދީން ދެމިހުންނެވީ ކެތްތެރިކަމާއި ހިތްވަރުގަދަ ޢަޒުމަކާ އެކުގައެވެ.

ރައޫފުއްދީން މޫސާ، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާއިރު، ފާހަގަކުރެވިފައިވަނީ، މުވައްޒަފުންނާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި، އަދި ހަވާލުކުރެވޭ މަސައްކަތްތައް ވަރަށް ޒިންމާދާރުކަމާއެކު ކުރައްވައިފައިވާ، ވަގުތަށް ކަމޭހިއްތަވައި، އޮފީސް ދާއިރާގައި މަސައްކަތުގެ އަޚްލާޤު ހިފެހެއްޓެވި، މުވައްޒަފުންނަށް ނަމޫނާ ދެއްކެވި ބޭފުޅެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 40 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ރައޫފުއްދީނަށް ވަނީ އެކަމުގެ ހަނދާނީ ފިލާ މި އަހަރު އަރުވައިފައެވެ.