އަލްފާޟިލާ ސަޢީދާ ޢަބްދުﷲ އިބްރާހީމް
އިބްރާހީމީހިޔާ، ޅ. ނައިފަރު

ސަޢީދާ ޢަބްދުﷲ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އިލެކްޝަންސް ޑިވިޜަންގައި 2 ނަންބަރު ކާތިބާ ކަމުގެ ވަޒީފާގައި 15 ޖަނަވަރީ 1979 ގައެވެ. އުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އޮފިސަރ ގްރޭޑް 1 ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 43 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އިލެކްޝަންސް ޑިވިޜަނާއި، ނޯދަން ރީޖަނަލް އޮފީސް (ޅ.އަތޮޅު އޮފީސް)ގެ ކާތިބާ ކަމާއި، ޅ. އަތޮޅުއޮފީހުގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ކައުންސިލް އޮފިސަރު ކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ.

ސަޢީދާ ޢަބްދުﷲ އިބްރާހީމް ވަޒީފާ އަދާކުރެއްވިއިރު، އަތޮޅު ކައުންސިލްގެ ޔައުމިއްޔާ ލިޔުއްވުމާއި، އަތޮޅުއޮފީހުން ފޮނުވާ ސިޓީތަކަށް ދޭ ޖަވާބު ލިޔުއްވުމާއި، މަހުން މަހަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ރިޕޯޓުތަކާއި، ފައިސާގެ ރިޕޯޓު ފަދަ ލިޔުންތައް އަތުން ރީތިކޮށް ފަރުވާތެރިކަމާއެކު ލިޔުއްވުން ހިމެނެއެވެ. ފަހުން ޓައިޕް ކުރައްވައިގެންވެސް، މި ދެންނެވި އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަވައިފައި ވެއެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދެއްވުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ފަދަ މަސައްކަތްތައްވެސް، ސަޢީދާ ޢަބްދުﷲ އިބްރާހީމް ކުރެއްވިއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތްތައް ކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ސުވާލެއްވެސް ކުރައްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެއާއެކު، ރަށަށް ޒިޔާރަތްކުރާ ޝަރުޢީ ވަފުދުތަކާ ގުޅިގެން ކުރައްވަން ޖެހުނު ކަންކަންވެސް، ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައި ވެއެވެ.

ސަޢީދާ ޢަބްދުﷲ އިބްރާހީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް މަސައްކަތް ކުރަންވީ ގޮތުގެ އިރުޝާދު ދެއްވައި، އެހީތެރިވެދެއްވުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދަން އޮފީހަށް ޒިޔާރަތް ކުރާ، ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ކަންކަން ކުރަންވީ ގޮތާއި، ކަންކަން ހިންގަމުން ގެންދާގޮތް އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ.