އަލްފާޟިލް އިބްރާހީމް ޒުބައިރު
އަސުރުމާގެ/ބ.ތުޅާދޫ

 

އިބްރާހީމް ޒުބައިރަކީ، މަސައްކަތްތެރިކަމުގެ ދާއިރާއިން ލިޔެލާޖެހުމުގެ ރޮނގުން ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިމަސައްކަތުގެ ތެރެއަށް ވެދެވަޑައިގެންނެވުމުގެ އަޞްލު ސަބަބަކީ، ޒުބައިރުގެ ލޮބުވެތި ކާފައެވެ. ޢާއިލީ މަސައްކަތެއްގެގޮތުގައި، މަސައްކަތް ފެށްޓެވި ހިސާބުން ފެށިގެން މިއަދާ ހަމައަށް ގިނަގުނަ ކުރިއެރުންތަކެއް ޒުބައިރުވަނީ ހޯއްދަވާފައެވެ.
 
ޢުމުރުން އެންމެ 14 އަހަރުގައި ޢަމަލީގޮތުން މިދާއިރާއަށް ވެދެވަޑައިގެން، އޭރު އެންމެބޮޑަށް ކުރައްވަމުން ގެންދެވި އެއްކަމަކީ، ހިރިގަލުގައި ކަނޑާ ނެގުމުގެ މަސައްކަތެވެ. އޭރުގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން އިންތިޒާމު ކުރައްވައިގެން، ކޮންމެ އަހަރަކު ބާއްވަވަމުން ގެންދެވި އަތު މަސައްކަތާއި، އަތްތެރި މަސައްކަތުގެ މަޢުރަޒުން އެކި އަހަރުތަކުގައި ޒުބައިރު ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލު ކުރައްވާފައެވެ. މިގޮތުން، 1994ވަނަ އަހަރު ބޭއްވުނު މައުރަޒަށް އޭނާ ހިރިގަލުން ހެއްދެވި މާޖަހާ އެއްޗަށް 1 ވަނަ އަދި ހިރިގަލުން ހެއްދެވި އަޅިކެނޑިއަށް 2 ވަނަ ލިބިވަޑައިގަތެވެ. 1985ވަނަ އަހަރާއި، 1987ވަނަ އަހަރާއި، 1988ވަނަ އަހަރުވެސް ގަލުގެ މަސައްކަތުން އޭނާ މަތީ ވަނަތައް  ހޯއްދަވާފައިވެއެވެ. އަދި ލަކުޑީގައި ކަނޑާ ނަގައި ލިޔުމާއި، ލަކުޑީގައި ކުރެހުމާއި، ލިޔެލާ ޖެހުމާއި، ލާފެންކުރުމުގެ މަސައްކަތުންވެސް މަތީ ވަނަތައް ޒުބައިރު ހާސިލު ކުރައްވާފައިވެއެވެ.
 
ޒުބައިރުގެ މަސައްކަތް މިއަދުވަނީ ވަރަށް ބޮޑަށް ފުޅާކުރައްވައި ތަރައްޤީ ކުރައްވާފައެވެ. ޒަމާނީ މެޝިނަރީ ހޯއްދަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އޭނާއަށް މިއަދު ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅަކީ، އޭނާގެ މަސައްކަތަށް މީހުންކުރާ އިތުބާރެވެ. އޯޑަރުތައް އަބަދުވެސް ލިބިވަޑައިގަންނަވައެވެ. އެހެން ނަމަވެސް، އޯޑަރުތައް ނަންގަވަނީ، މަސައްކަތް ނިންމެވޭނެ މުއްދަތަށް ބައްލަވައިގެންނެވެ.
 
މިވޭތުވެދިޔަ މުއްދަތުގައި، ގިނަ އަދަދެއްގެ ކުދިންނަށް ޒުބައިރުވަނީ މަސައްކަތް ދަސްކޮށްދެއްވާފައެވެ. މަސައްކަތް ދަސްކުރާ ކުދިންނަށް، މަސައްކަތަށް ބޭނުންވާ އާލާތްތައް ހިލޭސާބަހަށް، ހައްދަވައިދެއްވާފައިވެސް ވެއެވެ.
 
ރާއްޖޭގެ ބައެއް މިސްކިތްތަކުންވެސް ޒުބައިރުގެ ހުނަރުވެރިކަން ފެންނަން އެބަހުއްޓެވެ. ބައެއް މިސްކިތްތަކުގެ ލިޔެލާޖެހި ތަނބުތައް ޒުބައިރު ހައްދަވައިދެއްވާފައިވެއެވެ. ބޭރުގެ ޢިއްޒަތްތެރިން ރާއްޖެއަށް ކުރައްވާ ޒިޔާރަތާ ގުޅިގެން، އެބޭފުޅުންނަށް އެރުވުމަށްޓަކައި ސަރުކާރުގެ އެކިއެކި އޮފީސްތަކުގެ އެދިވަޑައިގަތުމަށް ލިޔެލާޖެހި އެއްޗެހި ހައްދަވައިދެއްވަމުން ގެންދަވައެވެ. އަދި ޒުބައިރަކީ، ރަނގަޅު ފެންވަރަކަށް ލިޔެލާޖެހި އެއްޗެހި ތައްޔާރުކޮށްދެއްވުމުގައި ތަޖުރިބާކާރު އަދި ވަގުތަށް މަސައްކަތް ނިންމަވާ ބޭފުޅެއްގެ ގޮތުގައި އެ އިދާރާތަކުން ފާހަގަކުރައްވައެވެ.
 
1980ގެ އަހަރުތަކުން ފެށިގެން ޒުބައިރާއި، ޒުބައިރުގެ ލޮބުވެތި ބޭބެ އަލްމަރްޙޫމް ޢަލީ ޢުމަރު ހައްދަވާފައި ހުރި ތަކެތި، އަންނަން އޮތް ޖީލުތަކަށް ދެއްކުމަށްޓަކައި ގޭގައި މިޔުޒިއަމެއް ހައްދަވައި، އެ މިޔުޒިއަމްގައި އެތަކެތި ބަހައްޓަވާފައިވެއެވެ.  
 
ލިޔެލާޖެހުމުގެ މަސައްކަތުން ވަރަށް ހިތްވަރާއެކު މިއަދު ކުރިއަށް ވަޑައިގަންނަވާއިރު، އޭނާ އެންމެ ކަންބޮޑުވެވަޑައިގަންނަވާކަމަކީ، ރާއްޖޭގައި ނުއުފައްދާ ތަކެތިވެސް [މޭޑް އިން މޯލްޑިވްސް] ގެ ނަމުގައި ރާއްޖެއިން ބޭރުން ތަކެތި ރާއްޖެއަށް އެތެރެކުރަމުން ގެންދާކަމެވެ. އެއީ ޒުބައިރު ޤަބޫލުކުރައްވާ ކަމެއް ނޫނެވެ. އަދި އެއީ ރާއްޖޭގައި ތިބި މިފަންނުގެ މަސައްކަތްތެރިންގެ ކުރިމަގަށް އޮތް ބޮޑު ހުރަހެއް ކަމަށްވެސް ދެކެވަޑައިގަންނަވައެވެ. ޒުބައިރުގެ އުންމީދަކީ، ރާއްޖޭގެ ފަންނުވެރިން އުފައްދާ އުފެއްދުންތައް އަބަދުވެސް ރާއްޖޭގެ މާކެޓުން ފެނުމެވެ. އެއީ ރާއްޖެއަށް ޒިޔާރަތްކުރާ މެހުމާނުންނާއި ފަތުރުވެރިން، ރާއްޖޭގެ އުފެއްދުންތަކަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށްވެސް ޒުބައިރު ދެކެވަޑައިގަންނަވައެވެ.
 
އިބްރާހީމް ޒުބައިރަށް ލިޔެލާޖެހުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް މިއަދު ލިބިވަޑައިގަންނަވާއިރު، އޭނާގެ އުންމީދަކީ މިފަދަ މަސައްކަތްތައް ރާއްޖެއިން ބޭރުގައި ކުރާ ތަންތަން ބައްލަވައިލައްވައި، މިރޮނގުން އިތުރު ތަޖުރިބާ ހޯއްދެވުމެވެ. އަދި އޭނާގެ މި ހުނަރުވެރިކަން ރާއްޖެއިން ބޭރުގައި ދައްކަވައިލެއްވުމުގެ ފުރްޞަތު ލިބިވަޑައިގަތުމެވެ.