އަލްފާޟިލް ޢަބްދުލްވާޙިދު ޙަސަން
ފެންފިޔާޒުގެ، ހއ. އުތީމު

ޢަބްދުލްވާޙިދު ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 6 މޭ 1970 ގައެވެ. އުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 43 އަހަރަށްވުރެ ދިގު މުއްދަތުގައި، އުތީމު މިސްކިތުގެ މުދިމު ކަމާއި، އުތީމު ކުޑަކަތީބު ކަމާއި، އުތީމު ކަތީބު ކަމާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުކަން ކުރައްވައިފައި ވެއެވެ.

އުތީމު ކުޑަކަތީބު ކަމުގެ މަގާމުގައި އޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވިއިރު، ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުންނާ އެކީގައި ތަފާތު މަސައްކަތްތައް ކުރެއްވިއެވެ. އެގޮތުން، ރަށުއޮފީހެއް އިމާރާތް ކުރުމުގައްޔާއި، ކުދިންނަށް ކިޔަވައިދިނުމަށް ދަނޑިފަނުން މަކުތަބެއް ހެއްދެވުމުގައި މުހިންމު ދައުރެއް ޢަބްދުލްވާޙިދު ޙަސަން އަދާކުރެއްވިއެވެ. އަދި އެ މަކުތަބުގައި ކުދިންނަށް ކިޔަވައިދެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. އުތީމު ކަތީބު ކަމުގައި ހުންނެވިއިރު، އުތީމުގެ ތަރައްޤީއަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ރަށުގައި ކަރަންޓުގެ ޚިދުމަތް ދެއްވަން ފެށްޓެވުމާއި، ރަށްވެހިގެއެއް އިމާރާތްކުރުމުގެ މަސައްކަތާއި، ރައްޔިތުންލައްވައި ރަށުގެ އެކި ހިސާބުތަކުގައި މަގުތައް ހެއްދެވުމުގެ މަސައްކަތްތަކުގައި ޢަބްދުލްވާޙިދު ޙަސަން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި، އުތީމުބަންޑާރައިންގެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތްތަކުގައްޔާއި، ކަނދުވަލު މިސްކިތް މަރާމާތު ކުރެއްވުމުގެ މަސައްކަތްތަކުގައިވެސް ޢަބްދުލްވާޙިދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތާއި، އެމަރުކަޒުގެ މަސައްކަތް ނިމިގެން ހުޅުވުމާ ހަމައަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއްގައި، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ހޯއްދަވައިގެން، ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އުތީމު ގަނޑުވަރުގެ ޚާދިމުގެ ގޮތުގައި ހުންނަވައިގެން އުތީމު ގަނޑުވަރުގެ ބިން ވަކަރު، ހައިވަކަރުން އަލުން ލެއްވުންފަދަ އެތައް މަރާމާތުތަކެއް ކުރެއްވިއެވެ. އަދި ގަނޑުވަރުގެ ވަށައިގެންވާ ސަރަޙައްދު ތަރައްޤީ ކުރައްވައި، ރުއްގަސް އިންދަވައި، ގަނޑުވަރަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހައިން މަޑުކޮށްލެވޭގޮތަށް ތަންތަން ހެއްދެވިއެވެ. މީގެއިތުރުން، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރު ކަމުގައި ހުންނަވައިގެން، އެ މަރުކަޒުގެ ތަރައްޤީއަށްވެސް ޢަބްދުލްވާޙިދު ޙަސަން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ހަނދާނީ މަރުކަޒުގެ އިތުރުން، ރަށުއޮފީހުގައި ޚިދުމަތް ކުރެއްވިއިރު، މުވައްޒަފުންނަށް މުސާރަ ދެއްވުމުގެ މަސައްކަތާއި، ހާޒިރީ ބެލެހެއްޓެވުންފަދަ ލިޔެކިޔުމުގެ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ޚިދުމަތުގައި ދެމިހުންނެވިއިރު އެއްވެސްކަހަލަ މައްސަލައެއް އަދި ފައިސާގެ އެއްވެސް މައްސަލައެއްވެސް ޖެހިފައެއް ނުވެއެވެ.

ޢަބްދުލްވާޙިދު ޙަސަނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، އެކިއެކި ތަމްރީނުތައް ދެއްވަމުން ގެންދެވިއެވެ. އަދި އުތީމު ސްކޫލުން ހިންގާ އެކިއެކި ޕުރޮގުރާމުތަކުގައްޔާއި، އެކިއެކި ޓްރޭނިންގތަކުގައި ބައިވެރިކުރާ ކުދިންނަށްވެސް ތަފާތު މަޢުލޫމާތުތައް ދެއްވަމުން ގެންދަވައިފައި ވެއެވެ.