އަލްފާޟިލް ޢައްބާސް މުޙައްމަދު
ހ. ނިއޯލައިޓް

ޢައްބާސް މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، 12 ޖޫން 1978 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް ބޯޓްސް އިކުއިޕްމަންޓް ގިއަރ 1ގެ މެކޭނިކްގެ އެހީތެރިޔާ ކަމުގެ ވަޒީފާއެވެ. އޭގެފަހުން، މެކޭނިކަލް ޓްރާންސްޕޯޓް އެންޑް ސަރވިސަސް ޑިވިޜަންގެ މެކޭނިކްގެ އެހީތެރިޔާ ކަމާއި، މެކޭނިކް ކަމާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މެކޭނިކް 1 ނަންބަރު ކަމާއި، އެސިސްޓެންޓް މެނޭޖަރުކަން ކުރެއްވިއެވެ. އަދި، އެ ކުންފުނީގެ އިންޖިނިއަރުކަންވެސް ކުރެއްވިއެވެ. އޭގެފަހުން ޚިދުމަތް ކުރެއްވީ، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގައެވެ. 17 ޑިސެންބަރު 1989ގައި އެ އޮތޯރިޓީގެ ޖޮބް ޕްލޭނަރ، މެކޭނިކަލް ވަރކްސްގެ މަގާމަށް ޢައްބާސް ބަދަލުކުރެއްވިއެވެ. އުމުރުން 65 އަހަރު ވެގެން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޗީފް މެނޭޖަރުގެ މަގާމުގައެވެ.

ޢައްބާސް މުޙައްމަދު، ވަޒީފާ އަދާކުރެއްވިއިރު، ޓެކްނިކަލް ސްޓޯރުގެ އިންވެންޓްރީ ބެލެހެއްޓުމުގައި މާގިނަ ވަސީލަތްތަކެއް ނެތިވެސް މެނުއަލް ސިސްޓަމެއްގެ ތެރެއިން ބިންކާޑު ތައްޔާރު ކުރައްވައި، ފިއުލް ޓޭންކްތަކުގެ އިންވެންޓްރީ، އަމާނާތްތެރިކަމާއި ނުހަނު ފަރުވާތެރިކަމާއެކު ބެލެހެއްޓެވުމުގެ ޒިންމާ އަދާކުރައްވައިފައިވެއެވެ. އަދި، ފިއުލް އިންވެންޓްރީ ބަލަހައްޓާނެ ނިޒާމެއް، ކަމާ ގުޅުންހުރި ތަމްރީނު ހޯއްދަވައިގެން ޤާއިމުކުރެއްވިއެވެ.

ޢައްބާސް މުޙައްމަދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މުވައްޒަފުން ބިނާކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ. މިގޮތުން، ސްޓޯރާ ގުޅޭ މުވައްޒަފުންނަށް އިންވެންޓްރީ ސިސްޓަމް މަސައްކަތްކުރާ އުސޫލު އޮޅުންފިލުއްވައިދެއްވައި، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އީ.އާރު.ޕީ. ސިސްޓަމެއް ޤާއިމުކުރެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ވޭތުވެދިޔަ 43 އަހަރު ދުވަހުގެ ތެރޭގައި، ޢައްބާސް މުޙައްމަދު ވަނީ ވަރަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ދައުލަތަށް ކޮށްދެއްވައިފައި ވެއެވެ. ޢައްބާސް ފާހަގަކުރެވިފައި ވަނީ، ހަވާލުކުރެވޭ މަސައްކަތްތައް ވަގުތަށް ނިންމެވުމަށް ސަމާލުކަން ދެއްވައިގެން، ވަރަށްދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.