އަލްފާޟިލާ ޞާބިރާ އާދަމް
ނޫރާނީހިޔާ، ހއ. އުތީމު

1979 ވަނަ އަހަރު، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުން ފެމިލީ ހެލްތު ވަރކަރ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ސަރުކާރު ވަޒީފާ އަދާކުރައްވަން ޞާބިރާ އެންމެ ފުރަތަމަ ފެށްޓެވީ، އުމުރުން އެންމެ 18 އަހަރުގައި 1 މޭ 1979 ގައެވެ. ފެމިލީ ހެލްތު ވަރކަރުގެ ވަޒީފާ ޞާބިރާ އަދާކުރައްވަމުން ގެންދެވީ، މަދު ވަސީލަތްތަކާއެކު، އޭރުގެ ރަށު އޮފީހުގައި އެ އޮފީހުގެ މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު، މަހަކު -/150 ރުފިޔާގެ މުސާރައިގައެވެ. އަދި ރަސްމީގަޑީގެ އިތުރުން، އާންމު ރައްޔިތުންނަށް ދެއްވަންޖެހޭ ޞިއްޙީ ފަރުވާ ދެއްވަމުން ގެންދެވީ އަމިއްލަ ގޭގައެވެ.

1 މޭ 1979 ން 19 މާރިޗު 2002 އާ ހަމަޔަށް ރަށުގެ ޞިއްޙީ ހުރިހާ ކަމެއް ބަލަހައްޓަވަމުން ގެންދެވީ ޞާބިރާ އަމިއްލަފުޅަށެވެ. އެހެން އެއްވެސް މުވައްޒަފެއްގެ އެހީތެރިކަމެއްނެތި ރަށުގެ އާންމު ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، ޞާބިރާގެ އިސްނެންގެވުމުގެ މަތީން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ ހައިސިއްޔަތުން، ހިލޭސާބަހަށް ރަށުތެރެ ސާފުކުރެއްވުމާއި، ރަނގަޅު ކާނާއާބެހޭ މަޢުލޫމާތު ދެއްވުމާއި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން، ޞިއްޙީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ބާއްވަވަމުން ގެންދެވިއެވެ. ކުޑަކުދީންގެ ބަރުދަން ބެލުމާއި، ވެކްސިން ދިނުމާއި އަދި ތަފާތު ބަލިތަކުގެ ބަލިމީހުންނަށް ފަރުވާދިނުމުގެ އިތުރުން، މާބަނޑު މީހުންގެ ކަންކަން ބެލެހެއްޓެވުމާއި، ދޭތެރެ ދުރުކުރުމާބެހޭ މަޢުލޫމާތު ދެއްވުމާއި، ކަމާގުޅޭ ކައުންސިލިންގ ދެއްވުމާއި، ގެޔާއި ގޯތިތެރޭގެ ސާފުތާހިރުކަން ހުރިނެތްގޮތް ބެލުމަށް ގޭގެޔަށް ޒިޔާރަތް ކުރެއްވުން ފަދަ ކަންކަން ވަނީ ކުރައްވައިފައެވެ. މީގެއިތުރުން، ރަށުން ފަރުވާ ދެވެން ނެތް ބަލިމީހުންނާ އެކީގައި އިތުރު ފަރުވާއަށް ރީޖަނަލް ހޮސްޕިޓަލަށް އެކިފަހަރުމަތިން ދަތުރުކުރައްވައިފައި ވެއެވެ. ހަމައެއާއެކު، އެ ދުވަސްވަރު ރަށްރަށުގައި ވެކްސިން ދެވޭނެގޮތް ނެތުމުން، ވެކްސިން ދެއްވުމަށް އަތޮޅުގެ ރަށްރަށަށް ޞާބިރާ ދަތުރުކުރައްވައިފައިވެސް ވެއެވެ.

1990 ވަނަ އަހަރުގެ އޮގަސްޓު މަހު، ފެމިލީ ހެލްތު ވަރކަރ އަޕްގްރޭޑިންގ ކޯހެއް ޞާބިރާ ފުރިހަމަކުރައްވައި، އޭގެފަހުން އެކިފަހަރުމަތިން، ދާއިރާއާ ގުޅުންހުރި ތަފާތު ވަރކްޝޮޕްތަކުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

2004 ވަނަ އަހަރު ރަށުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް، "ހެލްތު ޕޯސްޓް"ގެ ނަމުގައި ޤާއިމުވުމަށްފަހު، އެ އިމާރާތް 2005 ވަނަ އަހަރު ޞިއްޙީ މަރުކަޒަކަށް ބަދަލުވެގެންދިޔަ ދިޔުން އެއީ، ޞާބިރާއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެކެވެ. 1979 ވަނަ އަހަރުން ފެށިގެން މި ދާއިރާގައި މިއަދާ ހަމަޔަށް 43 އަހަރު ޚިދުމަތް ކުރައްވައިފައިވާއިރު، މި ވޭތުވެދިޔަ ދިގު މުއްދަތުގައި އާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު މަސައްކަތްތައް ޞާބިރާ ކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

"މިނިވަން ދިވެހިރާއްޖެ ސާފު ދިވެހިރާއްޖެ" މި ޝިޢާރުގެ ދަށުން ރަށުތެރެ ސާފުކޮށް ނަމޫނާ ރަށެއްގެ ގޮތުގައި ބޭއްވުމުގައި އިސް ދައުރެއް ޞާބިރާ އަދާކުރައްވައިފައި ވެއެވެ. އަދި ރަށުގެ އަންހެނުން ބާރުވެރިކުރުވައި، އެމީހުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށްދީ ފުދުންތެރި ބަޔަކަށް ހެއްދެވުމުގެ މަސައްކަތާއި، ކުޑަކުދީންނަށް ފަށާތަޢުލީމު ދިނުމަށް އަމިއްލަ ގޭގައި ޕްރީސްކޫލް ފަށްޓަވައިގެން ކުރިއަށް ގެންދަވައިފައި ވެއެވެ.

ޞާބިރާ މިހާރު ހުންނެވީ، އުތީމު ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރު ކަމުގެ މަގާމުގައެވެ.