އަލްފާޟިލް މައްލާ ޅަތުއްތު
ހ. ސާވަން

މައްލާ ޅަތުއްތު، ސަރުކާރުގެ ޚިދުމަތަށް ނުކުމެވަޑައިގަތީ، އުމުރުން 16 އަހަރުގައި، 1964 ވަނަ އަހަރު، ސިފައިންގެ މީހެއްގެ ވަޒީފާއަށެވެ. އޭގެފަހުން ހޯމް އެފެއާޒްގެ ރަޖިސްޓްރޭޝަން ޑިވިޜަންގެ އިނގިރޭސި ކާތިބުކަމާއި، ކުޅިވަރާބެހޭ ބައިގެ ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ.

މައްލާ ޅަތުއްތު، އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވަނީ އެސް.ޓީ.އޯ. ގައެވެ. އެގޮތުން، އެސް.ޓީ.އޯ.ގެ ސެކްރެޓެރީއެއްގެ މަގާމު، މައްލާ ޅަތުއްތުއަށް ދެއްވީ، 1976 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. 16 ވަރަކަށް އަހަރު އެސް.ޓީ.އޯ.ގައި ތަފާތު މަގާމުތައް އަދާކުރެއްވިއެވެ. އެންމެފަހުން ހުންނެވީ، ސޭލްސްއާ ބެހޭ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ. މައްލާ ޅަތުއްތުއަކީ ވަރަށް މުރާލި، މަސައްކަތަށް ފަރުވާ ބެހެއްޓެވި، އަމާނާތްތެރި، އިޚްލާޞްތެރި ޚިދުމަތްތަކެއް އެސް.ޓީ.އޯ. އަށް ކޮށްދެއްވި ބޭފުޅެކެވެ.

މައްލާ ޅަތުއްތު ވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގައިވެސް ތަފާތު އެކިއެކި މަގާމުތަކުގައި 11 އަހަރަށްވުރެ ގިނަ ދުވަހު، ވަރަށް އިޚުލާޞްތެރިކަމާއި، ނަޒާހަތްތެރިކަމާއި، މުރާލިކަމާއެކު ޚިދުމަތްތަކެއް ކުރައްވައިފައެވެ. މައްލާ ޅަތުއްތުއަކީ، ހަވާލުކުރާ ކޮންމެ ކަމެއްގައި ފަސްނުޖެހި، ވަރަށް ސާބިތުކަމާއެކު، ވަރަށް ފުރިހަމައަށް އެކަމެއް ކުރެއްވި، ވަރަށް ހީވާގި ބޭފުޅެކެވެ. ހަމައެހެންމެ، ފައިސާއާބެހޭ ކަންތައްތައް ވަރަށް އަމާނާތްތެރިކަމާއެކު ބެލެހެއްޓެވި އަދި ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަންކަމުގައި ޢަމަލުކުރެއްވި ބޭފުޅެއްވެސް މެއެވެ.

މައްލާ ޅަތުއްތު ވަނީ، ޕަބްލިކް ވާރކްސް މިނިސްޓްރީގެ ފައިނޭންސް ސެކްޝަނާއި، މާލޭ ހާބަރ ސެކްޝަން، ވަރަށްގިނަ ދުވަސްތަކެއް ވަންދެން ބަލަހައްޓަވައިފައެވެ. މާލޭ ފަޅުތެރެ، އެއްވެސް ހަމައެއް ލަމައެއްނެތި ބޮއްސުންލަމުން ދަނިކޮށް، މިނިސްޓަރުގެ މަޝްވަރާއާއެކު، ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތައް ހައްދަވައި، އެކަން ހަމަމަގަށް އެޅުއްވުމުގައި މައްލާ ޅަތުއްތުގެ ހިއްސާ ވަރަށްބޮޑެވެ. އަދި ފަސޭހައިން އެއަރޕޯޓަށް ދަތުރުކުރުމަށްޓަކައި، މާލެ-އެއަރޕޯޓް ފެރީގެ ޚިދުމަތްވެސް، ކަމާބެހޭ އިދާރާތަކާ ވާހަކަ ދައްކަވައިގެން ވަރަށް ރަނގަޅު އުސޫލުތަކެއްގެ މަތިން، މައްލާ ޅަތުއްތު އިސްކޮށް ހުންނަވައިގެން އިންތިޒާމުތައް ހަމަޖައްސަވައި ދެއްވައިފައިވެއެވެ.

މީގެއިތުރުން، މާލޭ ފަޅުގެ އެއްވެސް ސަރަޙައްދަކުން އޮޑިދޯނިފަހަރަށް މުދާ އަރުވައި ބޭލޭނެ ގޮތެއްނެތި، ވަރަށްދަތި ހާލުގައި އުޅެމުން ދަނިކޮށް، ކަމާބެހޭ ގަވާއިދުތަކެއް ހައްދަވައި، އާންމުންނަށް ފަސޭހަވާގޮތަށް މުދާ އަރުވައި ބޭލޭނެ އިންތިޒާމު ހަމަޖެއްސެވީވެސް މައްލާ ޅަތުއްތު އިސްވެ ހުންނަވައިގެންނެވެ. ވަކިން ޚާއްޞަކޮށް، މާލޭ ހުޅަނގު ބަނދަރުގެ މެދު ޖެޓީއަށްވެސް މުދާ އަރުވައި ބޭލޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެއްސެވުމުގައިވެސް މައްލާ ޅަތުއްތުގެ ދައުރު ބޮޑެވެ.

މައްލާ ޅަތުއްތު އެންމެފަހުން ޚިދުމަތް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިވެސް އިޚުލާޞްތެރިކަމާއި ނަޒާހަތްތެރިކަމާއެކު، 6 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއިރު، އެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވިއެވެ. އެންމެފަހުން ފުރުއްވީ، އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމެވެ.

ދިވެހި ދައުލަތަށް ވަރަށް އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، މައްލާ ޅަތުއްތު ރިޓަޔަރ ކުރެއްވީ 20 އެޕްރީލް 2010 ގައެވެ.

މައްލާ ޅަތުއްތުއަކީ، ދިވެހިރާއްޖޭގައި ފުޓްބޯޅަ ރެފްރީކަން، އެންމެމަތީ ފަންތީގައި، ދިގު މުއްދަތެއްގައި ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ވަރުބަލިވުމެއްނެތި، ދިވެހި ކުޅިވަރުގެ ތަރައްޤީއަށް 52 އަހަރު މައްލާ ޅަތުއްތު ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ. މައްލާ ޅަތުއްތުއަށް ވަނީ ކުޅިވަރުގެ ރޮނގުން 1990 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2021 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވައިފައެވެ. 31 ޖުލައި 2019 އިން ފެށިގެން މައްލާ ޅަތުއްތު ގެންދަވަނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕްރެޒިޑެންޓްގެ އެޑްވައިޒަރުގެ މަގާމު ފުރުއްވަމުންނެވެ.