އަލްފާޟިލް ޢައްބާސް ޙަސަން
ކުރަހާގެ، އދ. މަހިބަދޫ

ޢައްބާސް ޙަސަނަކީ، 1 ފެބުރުވަރީ 1979 ން ފެށިގެން ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ، އ.އަތޮޅު ހެލްތު ސެންޓަރުގެ ޕިޔޯނެއްގެ ވަޒީފާއެވެ. އޭގެ ފަހުން އ.އަތޮޅު އޮފީހުގެ ވަޒީފާއަށް ބަދަލުވެ، އ.އަތޮޅުއޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރު ކަމާއި، ރޭޑިޔޯ ޓެލެފޯން އޮޕަރޭޓަރު ކަމާއި، ސީނިއަރ ރޭޑިޔޯ ޓެލެފޯން އޮޕަރޭޓަރު ކަމާއި، ސެކްރެޓެރީ ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. ސަރުކާރުން އަރިއަތޮޅު ދެބައިކުރެއްވުމާ ގުޅިގެން ޢައްބާސްގެ ވަޒީފާ ހަމަޖެހުނީ، އދ. އަތޮޅުއޮފީހުންނެވެ. އޭގެ ފަހުން، އދ. އަތޮޅުއޮފީހުގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. މިހާރު އަދާކުރައްވަނީ އދ.އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އޮފިސަރެއްގެ ވަޒީފާއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޢައްބާސް ޙަސަން ވަނީ އދ.އަތޮޅުއޮފީހަށާއި، އދ. އަތޮޅު ކައުންސިލްގެ އިދާރާއަށް ވަރަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައެވެ. ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އަތޮޅުގެ މުވާޞަލާތީ ކަންތައްތައް ވަރަށް ދަތިކޮށް އޮތް ދުވަސްވަރު، އަތޮޅުގެ ހުރިހާ ރަށެއްގެ ރަށުއޮފީހާއި އަތޮޅުއޮފީހުގެ މުވާޞަލާތީ ގުޅުން ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ހިންގެވި މަޝްރޫޢެއް ކަމަށްވާ، ކޮންމެ ރަށެއްގެ ރަށުއޮފީހުގެ ގޯތިތެރޭގައި، ދަގަނޑު ހޮޅީގެ އެންޓަނާއެއް ޖަހައި، އޮފީހުގައި ވޯކީޓޯކީ ސެޓެއް ބަހައްޓައި، އެ ސެޓުގެ ބެޓެރީ ޗާޖް ކުރުމަށްޓަކައި އޮފީސް ފުރާޅުމަތީގައި، ސޯލާ ޕެނަލެއް ބަހައްޓައިގެން، މެދުނުކެނޑި އަތޮޅުއޮފީހާ ގުޅުމުގެ އެންމެހައި މަސައްކަތްތައް، ކަމާބެހޭ ތަމްރީނުތައް ހޯއްދަވައިގެން ކުރެއްވިއެވެ.

އަތޮޅުއޮފީހުގެ ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަމުގެ ވަޒީފާ އަދާކުރައްވަމުން ގެންދެވި ދުވަސްވަރަކީ، އަތޮޅުގެ އެހެން ރަށްރަށުގެ އޮފީސްތަކަށް ފޮނުވަންޖެހޭ ހުރިހާ ފައިސާއެއް އަތޮޅުއޮފީހުގެ ތިޖޫރީގައި ހުންނަ ދުވަސްވަރެއްކަމުން، މަހަކު އެއްފަހަރު، މުސާރައާއި އެހެނިހެން ފައިސާ، އެ ރަށްރަށުގެ އޮފީސްތަކާ ހަވާލު ކުރެއްވުމުގެ މަސައްކަތްވެސް ޢައްބާސް ކުރެއްވިއެވެ.

މީގެއިތުރުން، އަތޮޅު ފެންވަރުގައި އެކި ރަށްރަށުގައި ޤައުމީ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށްޓަކައި ބޭއްވޭ އެކިއެކި ރަސްމިއްޔާތުތަކަށް އެކި ރަށްރަށުން އިސްބޭފުޅުން ވަޑައިގަތުމުން، އޮފީހުގެ އެންމެ އިސްވެރިޔާގެ މަޝްވަރާގެ މަތިން އެ ބޭފުޅުންގެ އެންމެހައި ކަންތައްތައް ބަލަހައްޓަވައި، ދެއްވަންޖެހޭ އެހީތެރިކަން ދެއްވަމުން ގެންދެވިއެވެ.

ޢައްބާސް ޙަސަނަކީ، މި ވޭތުވެދިޔަ 43 އަހަރުގެ ދިގު މުއްދަތުގައި، ގަޑިނުޖެހި އޮފީހަށް ވަޑައިގެންފައިވާ އަދި ހަވާލުކުރެއްވި ކޮންމެ މަސައްކަތެއްވެސް ޒިންމާދާރުކަމާއެކު ކުރައްވައި، އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަވައިފައިވާ ބޭފުޅެއްވެސް މެއެވެ.