އަލްފާޟިލް ޢަބްދުﷲ ޢަލީ
ހ.ތުވަރު

ޢަބްދުﷲ ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 2 ޖަނަވަރީ 1979 ގައި، މަޖީދިއްޔާ ސްކޫލްގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. އެ ވަޒީފާއިން ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ދެނަންބަރު ކާތިބުކަމަށް ބަދަލުވެވަޑައިގަތީ، 12 ޑިސެންބަރު 1981 ގައެވެ. އެ ވަޒީފާގައި އަދާކުރެއްވި މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މާލޭގެ ފިހާރަތަކަށް ލިބޭ ފައިސާއާއި އަދި އެހެނިހެން ގޮތްގޮތުން ފިނޭންސަށް ލިބޭ ފައިސާ ބަލައިގަތުމުގެ މަސައްކަތް ހިމެނެއެވެ. ޢަބްދުﷲ ޢަލީ، މިނިސްޓްރީ އޮފް ފިނޭންސްގައި 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު،
މި އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހު ވަނީ ރިޓަޔަރ ކުރައްވައިފައެވެ. ޢަބްދުﷲ ޢަލީ ވަނީ މެދުނުކެނޑި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައެވެ.

އަބްދުﷲ ޢަލީ، އެ މިނިސްޓްރީގައި ގިނަދުވަހު ކުރައްވައިފައިވަނީ ބަޖެޓު ބެލެހެއްޓެވުމާއި ފައިސާއާބެހޭ މަސައްކަތްތަކެވެ. ސްޓެޓިސްޓިކްސް ބިއުރޯއާއި ޤައުމީ ޢަރުޝީފާއި، އެން.ސީ.އައި.ޓީ.އާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ފައިނޭންސް އެގްޒެކެޓިވްކަންވެސް ޢަބްދުﷲ ޢަލީ ކުރައްވައިފައި ވެއެވެ.

ޢަބްދުﷲ ޢަލީއަކީ، 1982 ން ފެށިގެން 2016 އަށް ދައުލަތުގެ ބަޖެޓު ތައްޔާރުކުރެއްވުމުގެ މަސައްކަތުގައި، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުގެ މަސައްކަތްވެސް ކުރައްވައިފައިވެއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސްގެ ބިޑް ކޮމިޓީގެ މެންބަރުކަމާއި، މާލިއްޔަތު ގަވާއިދު އެކުލަވައިލާ ކޮމިޓީގެ މެންބަރުކަމާއި، ޒަކާތު ފަންޑު ކޮމިޓީގެ މެންބަރުކަމާއި، އެމް.ޓީ.ސީ.ސީ.ގެ ބޯޑު މެންބަރުކަމާއި، އެން.އެސް.ޕީ.އޭ.ގެ ބޯޑު މެންބަރުކަމާއި، މާލިއްޔަތު މައްސަލަތަކާބެހޭ ކޮމިޓީގެ ޗެއަރމަންކަމާއި، އެއިޑްސް ބޯޑުގެ މެންބަރުކަމާއި، ޓޮބެކޯ ބޯޑުގެ މެންބަރުކަމާއި، ޙައްޖު އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަން ކުރައްވައިފައި ވެއެވެ.

ޢަބްދުﷲ ޢަލީ، މިނިސްޓްރީ އޮފް ފިނޭންސްގައި އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ކާތިބު ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމާއި، ޑިރެކްޓަރު ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވައިފައިވެއެވެ. ޗީފް ފައިނޭންސް އެގްޒެކެޓިވްގެ ހައިސިއްޔަތުން ޢަބްދުﷲ ޢަލީ އެންމެފަހުން ހުންނެވީ، މިނިސްޓްރީ އޮފް ފިނޭންސްގެ ޚާއްޞަ ބަޖެޓާއި، ޕެންޝަން ބަޖެޓު ބެލެހެއްޓެވުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައެވެ.

ޢަބްދުﷲ ޢަލީ ފާހަގަކުރެވިފައި ވަނީ އަތުލިޔުން ރީތި ބޭފުޅެއްގެ ގޮތުގައެވެ. އަދި ޓައިޕް-ރައިޓަރ ތަޢާރުފުވުމުގެ ކުރިން، އެތައް އަހަރަކު ދައުލަތުގެ ބަޖެޓް ސްޕީޗް އަތުން ލިޔުއްވިއެވެ. ސުނާމީ ކާރިސާއާ ގުޅިގެން، ހަމަޖައްސަންޖެހުނު ފައިސާގެ ކަންތައްތައް ހަމަޖެއްސުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން އިސްކަންދަރު ސްކޫލްގައްޔާއި، ސޯޝަލް ސެންޓަރުގައި ހަރަކާތްތެރިވި ޓީމުގައިވެސް ޢަބްދުﷲ ޢަލީ އިސް ދައުރެއް އަދާކުރެއްވިއެވެ.

ޢަބްދުﷲ ޢަލީ ފާހަގަކުރެވިފައިވަނީ، ޤާނޫނުތަކާއި ގަވާއިދުތަކުގައި ވަރަށް ފުރިހަމައަށް ހިފެހެއްޓެވި އަދި ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ޢަބްދުﷲ ޢަލީގެ ތަޖުރިބާ ހިއްސާ ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.

2008 ވަނަ އަހަރު ތަޞްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ފާދިއްޕޮޅު މެންބަރުކަންވެސް ޢަބްދުﷲ ޢަލީ ވަނީ ކުރައްވައިފައެވެ. މީގެ އިތުރުން، ތަޢުލީމީ ފަންޑުގައި، މިނިސްޓްރީ އޮފް ފިނޭންސް ތަމްސީލު ކުރައްވާ މެންބަރުކަމާއި، ޑްރައިވިންގ ލައިސަންސް ދިނުމުގެ އެގްޒަމިނަރުކަމާއި، ޒުވާނުންގެ މަރުކަޒުގެ ކުޅިވަރުތައް ހިންގާ ކޮމިޓީގެ މެންބަރުކަމާއި، ސަރުކާރު މުވައްޒަފުންގެ ނާދީގެ ހިންގާކޮމިޓީގެ މެންބަރުކަމާއި، ކުޅިވަރުތައް ހިންގާ ކޮމިޓީގެ މެންބަރުކަމާއި، ވޮލީ ރެފްރީކަމާއި، ވޮލީ މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ކުރައްވައިފައި ވެއެވެ.