އަލްފާޟިލް ޢަބްދުއްލަޠީފް މޫސާ
ވ.އެލަމް

ޢަބްދުއްލަޠީފް މޫސާ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، 8 ނޮވެންބަރު 1978 ގައި، ޕެންޝަން އެންޑް ސޯޝަލް ވެލްފެއަރ ޑިވިޜަންގެ ދެނަންބަރު ކާތިބުކަމުގެ މަގާމުންނެވެ. އެއަށްފަހު، އޯޑިޓް އޮފީހުގެ އެސިސްޓެންޓް އެކައުންޓެންޓް ކަމުގެ މަގާމަށް ބަދަލުވެވަޑައިގެންނެވީ 6 ނޮވެންބަރު 1979 ގައެވެ. އެ މަގާމުގައި ހުންނަވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކާތިބުގެ މަގާމަށް ބަދަލު ކުރެއްވީ 22 އެޕްރީލް 1980 ގައެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކްލެރިކަލް އެސިސްޓެންޓްކަމުގެ މަގާމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓްކަމުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީކަމުގެ މަގާމާއި، ސެކްރެޓެރީކަމުގެ މަގާމާއި ސީނިއަރ ސެކްރެޓެރީކަމުގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމާއި، ކޯޑިނޭޓަރުކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމާއި، ޑިރެކްޓަރުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޢަބްދުއްލަޠީފް މޫސާ މިހާރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގަތުމަށްފަހު، ޢަބްދުއްލަޠީފް މޫސާ ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ ގަވާއިދުތަކާއި އުސޫލުތަކާއި އެކި ކަންކަމުގައި ޢަމަލުކުރައްވަންވީ ގޮތް، ދައުލަތުގެ އޮފީސްތަކަށް އެންގެވުމާއި، ދައުލަތުގެ ފަރާތުން އިސްނަންގަވައިގެން ހިންގެވި ބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތް ހިނގާނުހިނގާގޮތް ބެއްލެވުމާއި، ކުރީގެ އެންޓި-ކޮރަޕްޝަން ބޯޑުން ފޮނުވާ މައްސަލަތަކާ ގުޅިގެން ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ. ހަމައެއާއެކު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާ ލިޔުންތަކުގެ ކުށްފިލުވައި ޝާއިޢުކުރެއްވުމުގެ މަސައްކަތާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރާ ފޮތްތަކުގެ ޕްރޫފް ބެއްލެވުމުގެ މަސައްކަތް ފަދަ އެތައް މަސައްކަތެއް މިރޮނގުންވެސް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅޭ ކްލެމެންސީއާބެހޭ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވައެވެ.

ޢަބްދުއްލަޠީފް މޫސާއަށް ލިބިވަޑައިގެންފައިވާ ހުނަރުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ހުނަރަކީ، ހިސާބުކިތާބު ބެލެހެއްޓެވުމުގެ ހުނަރެވެ. މިގޮތުން، ޚާއްޞަ މުނާސަބަތުތަކާ ގުޅިގެން އޮފީހުގެ މުވައްޒަފުން އޮފީހުން ބޭރުގައި ކުރާ މަސައްކަތްތަކާ ގުޅިގެން ދޭ ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމުގެ މަސައްކަތްތައްވެސް ވަރަށް އިޚުލާޞްތެރިކަމާއި ފަރުވާތެރިކަމާއެކު ވަނީ ކުރައްވައިފައެވެ. އަދި ދައުލަތުގެ ތަންތަނުގެ ރަސްމީ ޔުނިފޯމު ހަމަޖެއްސެވުމާބެހޭ މަސައްކަތްތަކާއި، މަޖިލިސްތަކާއި، ކޮމިޓީތަކާއި، ކައުންސިލްތަކާއި، ބޯޑުތަކުގެ ރަޖިސްޓަރީ ބެލެހެއްޓެވުމާއި، ރާއްޖެއިން ބޭރަށްދާ ކުޅިވަރު ޓީމުތަކާއި، ރާއްޖެއަށް އަންނަ ކުޅިވަރު ޓީމުތަކުގެ ރެކޯޑްތައް ބެލެހެއްޓެވުމާއި، ތަފާތު އިދާރީ އެތައް މަސައްކަތްތަކެއްވެސް ޢަބްދުއްލަޠީފް މޫސާ ވަނީ ކުރައްވައިފައެވެ.

ޢަބްދުއްލަޠީފް މޫސާ، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 43 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތް ކުރައްވާތާ 42 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 40 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޢަބްދުއްލަޠީފް މޫސާއަށް ވަނީ އެކަމުގެ ހަނދާނީ ފިލާ މި އަހަރު އަރުވައިފައެވެ.