އަލްފާޟިލް ޢަބްދުﷲ ޙުސައިން
މއ.ޑޯރެންސީވިލާ

ޢަބްދުﷲ ޙުސައިން، ދިވެހި ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަނުގެ ޕިޔޯނުކަމުގެ ވަޒީފާއިން 1 އޮގަސްޓު 1974 ގައެވެ. އެ ވަޒީފާގައި ހުންނެވުމަށްފަހު 23 އޮގަސްޓް 1977 ގައި ބަދަލުވެވަޑައިގެންނެވީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑެޓްސް ޑިވިޜަންގެ ދެނަންބަރު ކާތިބުކަމުގެ މަގާމަށެވެ. އޭގެ ފަހުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ދެނަންބަރު ކާތިބުކަމާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރެކޯޑްސް ކްލާކް ކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. 25 ޖަނަވަރީ 1982 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގެންނެވީ، އެއްނަންބަރު ކާތިބަކަށެވެ. އޭގެ ފަހުން، އެ އޮފީހުގެ ކްލެރިކަލް އެސިސްޓެންޓްކަމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓްކަމާއި، އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓެރީކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. 44 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރަށް ޚިދުމަތް ކުރެއްވުމަށްފަހު، އުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރުކަމުގެ މަގާމުގައެވެ.

ޢަބްދުﷲ ޙުސައިން، ޑެޓްސް ޑިވިޜަނާއި، ޖަސްޓިސް މިނިސްޓްރީގައި ފައިސާއާބެހޭ މަސައްކަތް ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބަދަލުވެވަޑައިގެން ކުރެއްވި މަސައްކަތަކީ، މަޖިލީހުގެ މެންބަރުން، މަޖިލީހުގެ ތަޅުމުގައި ދައްކަވާ ވާހަކަފުޅުތައް ލިޔުއްވުމުގެ މަސައްކަތެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް ބަދަލުކުރެއްވީ، ޢިބާރާތް ކުރެއްވުމުގެ ހުނަރު ރަނގަޅުވުމާއި، ލިޔުން ރީތިވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގަތުމަށްފަހުގައިވެސް އެންމެ ގިނަ ދުވަހު ކުރައްވައިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ވާހަކަފުޅުތަކާއި ތަޤްރީރުތައް ލިޔުއްވުމުގެ މަސައްކަތާއި، އެ ލިޔުންތައް އާކައިވްކޮށް ބެލެހެއްޓެވުމުގެ މަސައްކަތެވެ. މީގެ އިތުރުން، ހުކުރު ޚުޠުބާއާއި، ދީނުގެމަގުގައި ޝާއިޢުކުރާ ލިޔުންތަކުގެ ޕްރޫފް ބެއްލެވުމާއި، ޤާނޫނުތަކާއި ގަވާއިދުތަކާއި ދެންނެވުންތަކުގެ ޕްރޫފް ބެއްލެވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.

ޢަބްދުﷲ ޙުސައިން ކުރައްވައިފައިވާ ފާހަގަކޮށްލެވޭ އެހެން މަސައްކަތްތަކުގެ ތެރޭގައި، އިސްލާމީ މަރުކަޒުގައިވާ އިސްލާމީ ލައިބްރަރީ ގާއިމުކުރުމަށް ކުރެވުނު މަސައްކަތްތަކުގައްޔާއި، ރައީސް އޮފީހުގައި ލައިބްރަރީއެއް ގާއިމުކުރުމަށް ކުރެވުނު މަސައްކަތްތަކުގައި، ފޮތްތައް އެއްކުރުމާއި ތަރުތީބުކުރުމާއި، ފޮތްތަކުގެ ރަޖިސްޓަރީ ހެދުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. މީގެ އިތުރުން، ޢަބްދުﷲ ޙުސައިނަކީ، ރައީސް އޮފީހުން އިންތިޒާމު ކުރައްވައިގެން ބާއްވަވާ މުހިންމު ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ހީވާގިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޢަބްދުﷲ ޙުސައިނަކީ، ވަރަށް އިޚުލާޞްތެރިކަމާއި ކެތްތެރިކަމާއި ފަރުވާތެރިކަމާއެކު ކަމަށްކަމޭހިއްތަވައިގެން ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ކުރައްވާ ކޮންމެ ކަމެއްވެސް ކުރައްވައިފައިވަނީ، ފަހުން އަންނަ ބަޔަކަށް ރަނގަޅަށް އޮޅުންފިލާނޭހެން ވަކި ހަމައަކާއި ތަރުތީބެއްގެ މަތީންކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޢަބްދުﷲ ޙުސައިނަށް ވަނީ އެކަމުގެ ހަނދާނީ ފިލާ މި އަހަރު އަރުވައިފައެވެ.