އަލްފާޟިލް މުޙައްމަދު ނަޞީރު
ހ.ސޯޓޭލްވިލާ

މުޙައްމަދު ނަޞީރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 2 ސެޕްޓެންބަރު 1964ގައި، މަޙްކަމަތުލް ޚާރިޖިއްޔާގެ ޕިޔޯނުކަމުގެ ވަޒީފާއިންނެވެ. އެއީ، އުމުރުން 16 އަހަރުގައެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުގެ ސުޕަވައިޒަރުގެ މަގާމުގައެވެ.

ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، މަޙްކަމަތުލް ޚާރިޖިއްޔާގެ ޕިޔޯނުކަމާއި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ މެހުމާނުންގެ ކާރު ޑްރައިވަރުކަމާއި، ޑްރައިވަރުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑްރައިވަރުކަމާއި، ޕާރމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދި ޔުނައިޓެޑް ނޭޝަންސްގެ ޕިޔޯނުކަމާއި، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ ޑްރައިވަރުކަން ކުރެއްވިއެވެ. އަދި އިލެކްޝަންސް ޑިވިޜަންގެ އިންސްޕެކްޓަރކަމާއި، ޑިޕާޓްމަންޓް އޮފް އިލެކްޝަންސާއި، ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުގެ އިންސްޕެކްޓަރކަމާއި، ސުޕަވައިޒަރުކަންވެސް ކުރައްވައިފައި ވެއެވެ.

މުޙައްމަދު ނަޞީރު ފާހަގަކުރެވިފައިވަނީ މަސައްކަތަށް އިސްކަން ދެއްވައިގެން، ވަރަށް ފަރުވާތެރިކަމާއެކު ޚިދުމަތް ކުރެއްވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި، ހާޒިރީއަށް ވަރަށް ބޮޑަށް ފަރުވާބަހައްޓަވައި، އޮފީހުގެ އެހެން މުވައްޒަފުންނަށް ވަނީ ނަމޫނާ ދައްކަވައިފައެވެ. ހަމަ އެއާއެކު، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން އަބަދުވެސް މަސައްކަތް ކުރައްވައިފައި ވެއެވެ.

މުޙައްމަދު ނަޞީރު އަދާކުރެއްވި ކޮންމެ ވަޒީފާއެއްވެސް އަދާކުރައްވައިފައިވަނީ އިޚުލާޞްތެރިކަމާއި، ހީވާގިކަމާއި، ޝައުޤުވެރިކަމާއެކު، އެ ވަޒީފާއެއް އަދާކުރައްވާހިތްޕުޅުން، ކަމަށް ކަމޭހިއްތަވައިގެންނެވެ.

1 އޮކްޓޫބަރު 2009 ގައި މުޙައްމަދު ނަޞީރު ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 44 އަހަރާއި 3 މަސް ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.