އަލްފާޟިލް އިބްރާހީމް އަޙްމަދުދީދީ
ގ. ކަންޒުދޮށުގެ

އިބްރާހީމް އަޙްމަދުދީދީ، އެންމެ ފުރަތަމަ ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 9 އޮގަސްޓު 1975 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް ފިޝަރީޒްގެ ދެނަންބަރު ކާތިބުކަމުގެ ވަޒީފާއެވެ. އެ ވަޒީފާގައި ކުރެއްވި މައިގަނޑު މަސައްކަތަކީ، އިންޖީނުއަޅާ ދޯނިފަހަރު ރަޖިސްޓަރީކޮށް ބެލެހެއްޓެވުމުގެ މަސައްކަތެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ އިބްރާހީމް އަޙްމަދުދީދީ ގުޅިވަޑައިގަތީ، ރައީސް އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ރައީސްކަމުގެ ދައުރުގައި 29 އޮގަސްޓު 1976 ގައެވެ. އެ ދުވަހުން ފެށިގެން ވަރަށް ހީވާގިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގެންދެވީ ޚިދުމަތް ކުރައްވަމުންނެވެ. މިހާރު ހުންނެވީ، އެމްޕްލޯއިމަންޓް ކޮންޓްރެކްޓެއްގެ ދަށުން، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިބްރާހީމް އަޙްމަދުދީދީ ހޭދަކުރެއްވި 44 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެ އޮފީހުގެ އެއްނަންބަރު ކާތިބު ކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަމާއި، އެސިސްޓެންޓް ޓެކްނިކަލް ސަރވިސަސް އޮފިސަރުކަމާއި، ޓެކްނިކަލް ސަރވިސަސް އޮފިސަރުކަމާއި، ސީނިއަރ ޓެކްނިކަލް ސަރވިސަސް އޮފިސަރުކަން ކުރެއްވިއެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމާއި، ސީނިއަރ ކޯޑިނޭޓަރުކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމާއި، ޑިރެކްޓަރުކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.

އިބްރާހީމް އަޙްމަދުދީދީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ، ސްކޮލަރޝިޕްތަކުގައި ފޮނުވާ މީހުންގެ ރެކޯޑު ބެލެހެއްޓެވުމާއި، ވަޒީފާގެ ބޯޑުގައި ހުންނަ ހުސްމަގާމުތައް ބެލެހެއްޓެވުމުގެ މަސައްކަތާއި، ބަންދުގައި ތިބޭ މީހުންގެ މަޢުލޫމާތު ބެލެހެއްޓުވުމުގެ މަސައްކަތެވެ. އެއަށްފަހު، ޕްރެޒިޑެންޝަލް ޕްރޮޓޮކޯލާ ގުޅޭ އިދާރީ އަދި ފަންނީ މަސައްކަތްތަކާއި، ވަޒީރުންގެ މަޖިލީހުގެ ޖަލްސާތަކާއި، އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޙަފުލާތަކާއި، ކޮމިޓީތަކާއި އަދި މިނޫން އެހެން ބައްދަލުވުންތަކަށް ތަން ތައްޔާރުކުރެއްވުމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ތަޤްރީރުތަކުގެ ސައުންޑާއި، ރެކޯޑިންގ ހެއްދެވުމާއި، އޮޓޯކިޔު ތައްޔާރުކުރައްވައި، އެކަމާބެހޭ އެންމެހައި މަސައްކަތްތަކާއި، އޮފީހުގެ ފޯނުލައިންތަކާއި، އެކްސްޓެންޝަންތަކަށާއި، ޕީ.އޭ.ބީ.އެކްސް. ސިސްޓަމާއި، އެއަރކޯންތަކާއި މިނޫން ބައެއް މެޝިނަރީތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ބައްލަވައި ޙައްލު ކުރެއްވުންފަދަ މަސައްކަތްތައްވެސް ކުރައްވައިފައިވެއެވެ.

އިބްރާހީމް އަޙްމަދުދީދީ ވަނީ، ވެސްޓަރން އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން 9 މަސްދުވަހުގެ "އިންގްލިޝް ލޭންގުއޭޖް އިންޓެންސިވް ކޯސް ފޮރ އޮވަރސީސް ސްޓޫޑެންޓްސް" ފުރިހަމަކުރައްވައިފައެވެ.

އިބްރާހީމް އަޙްމަދުދީދީ ފާހަގަކުރެވިފައިވަނީ، އޮފީހުން ހަވާލުކުރާ މަސައްކަތްތައް، ޚާއްޞަކޮށް، ޕްރެޒިޑެންޝަލް ޕްރޮޓޮކޯލާ ގުޅޭ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރެއްވުމުގައި ވަރަށް ގިނަގޮތްގޮތަށް ވިސްނަވައި، އެ މަސައްކަތްތައް ކުރެއްވުމުގައި ވަގުތަށް ކަމޭހިއްތަވައިގެން، ވަރަށް ހަރުދަނާ އުސޫލުތަކެއްގެ މަތިން އެއް މިންގަނޑެއްގައި ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި، ކުއްލިގޮތެއްގައި ވަގުތުން ވަގުތަށް ކުރަންޖެހޭ ކަންކަމުގައި ވަރަށް ގިނަ ވަގުތުތަކެއް ހޭދަކުރައްވައިގެން، ހީވާގިކަމާއެކު ކުރައްވާ މަސައްކަތްތައްވެސް ފާހަގަކުރެވެއެވެ.

އިބްރާހީމް އަޙްމަދުދީދީ، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 46 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 44 އަހަރަށްވުރެ ގިނަ ދުވަސްވީއިރު، އިބްރާހީމް އަޙްމަދުދީދީއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚިދުމަތުގައި މިހާރު ދެމިތިއްބެވި ބޭފުޅުންގެ ތެރެއިން 6 ރައީސުންގެ ޒަޢާމަތުގައި ޚިދުމަތް ކުރައްވައިފައިވާ ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

40 އަހަރަށްވުރެ ގިނަދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އިބްރާހީމް އަޙްމަދުދީދީއަށް އެކަމުގެ ހަނދާނީ ފިލާ މި އަހަރު އަރުވައިފައި ވެއެވެ.