އަލްފާޟިލް ޔޫސުފް ޢަބްދުއްރަޙްމާން
މީނާޒް، ބ.މާޅޮސް

ޔޫސުފް ޢަބްދުއްރަޙްމާން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ވުޒާރަތުއް ދާޚިލިއްޔާގެ ބ.މާޅޮހު މުދިމުކަމުގެ ވަޒީފާގައި 15 ފެބުރުވަރީ 1965 ގައެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލް އިދާރާގެ ކަތީބު ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 46 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މާޅޮހު މުދިމުކަމާއި، މާޅޮހު ކުޑަކަތީބު ކަމާއި، މާޅޮހު ކަތީބުކަންވެސް ކުރެއްވިއެވެ.

މާޅޮހު ކުޑަކަތީބުކަމުގައި ހުންނެވިއިރު، މާޅޮހު ސްކޫލާއި، ރައްޔިތުންގެ އިންޖީނުގެ ބިނާކުރުމުގެ މަސައްކަތް ކުރެއްވީ، ހެޔޮއެދޭ ފަރާތްތަކުން އެހީ ހޯއްދަވައިގެން، ރައްޔިތުންނާ ގުޅިގެންނެވެ. މިއީ، ޔޫސުފް ޢަބްދުއްރަޙްމާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރެވުނު މަސައްކަތްތަކެވެ.

ޔޫސުފް ޢަބްދުއްރަޙްމާން މުދިމުކަމުގެ ވަޒީފާ އަދާކުރެއްވިއިރު، ގަޑިއަށް ފަރުވާބަހައްޓަވައިގެން މާޅޮހު މިސްކިތުގައި އިމާމުވެ ނަމާދު ކުރައްވައިފައި ވެއެވެ. ކުޑަކަތީބުކަމުގެ ވަޒީފާގައި ހުންނެވިއިރު ރަށުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރެއްވިއެވެ. މަސައްކަތަށް އިސްކަން ދެއްވައިގެން ފަރުވާތެރިކަމާއެކު މަސައްކަތް ކުރެއްވިއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލް އިދާރާގެ ގަވާއިދުތަކުގެ ޑްރާފްޓް އެކުލަވައިލުމަށްޓަކައި އޮފީހުގައި އޭރު ޤާއިމުކުރެވުނު ކޮމިޓީގެ މަސައްކަތް ރާއްވަވައި ހިންގެވުމުގައި ވަރަށް ހީވާގިކަމާއެކު އިސްނަންގަވައިގެން ޔޫސުފް ޢަބްދުއްރަޙްމާން މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އޭރު އޮފީހުން ހަވާލުކުރެއްވި ޚާއްޞަ މަސައްކަތްތައް ކަމުގައިވާ ރަށުގެ މަގުތައް ބެލެހެއްޓުމާއި، ބަނދަރު ބެލެހެއްޓުންފަދަ މުނިސިޕަލް ޚިދުމަތްތައްވެސް، ސީދާ ޔޫސުފް ޢަބްދުއްރަޙްމާނުގެ ބެއްލެވުމުގެ ދަށުން ދެއްވައިފައި ވެއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތް ކުރެއްވިއިރު، މައްސަލައެއް ޖެހިގެން ސުވާލެއްވެސް ކުރައްވައިފައި ނުވާކަމާއި، ސަރުކާރުގެ އުސޫލަކާ ނުވަތަ ގަވާއިދަކާ ޚިލާފުވެގެން ފިޔަވަޅެއް އެޅުއްވި ކަމުގެ އެއްވެސް ރެކޯޑެއް ނެތްކަން ފާހަގަކޮށްލަންޖެހެއެވެ.

ޔޫސުފް ޢަބްދުއްރަޙްމާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، ރަށުއޮފީހާއި، ފަހުން ކައުންސިލް އިދާރާގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނާއި، ވަޒީފާ އަދާކުރައްވަމުން ގެންދަވާ މުވައްޒަފުންނަށް، ކަންކަން ކުރުމުގެ އިރުޝާދު ދެއްވުމާއި، ޢަމަލީގޮތުން އެކަންކަމުގައި ބައިވެރިވެވަޑައިގަތުމާއި، ކައިރި ރަށްރަށުގެ ކައުންސިލްތަކަށް ދިމާވާ މައްސަލަތަކުގައި، އެ ކައުންސިލްތަކުގެ ކަތީބުންނާ ގުޅިގެން މައްސަލަ ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވުން ހިމެނެއެވެ.