އަލްފާޟިލް ޢަބްދުއްސައްތާރު ޢަލީ
ހަތިހާ، ބ. އޭދަފުށި

ޢަބްދުއްސައްތާރު ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އުމުރުން 18 އަހަރުގައި ބ.އަތޮޅު ފިހާރައިގެ ކާތިބެއްގެ ވަޒީފާއިންނެވެ. އެއީ، 10 ޖުލައި 1963 ގައެވެ. އުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ބ.އަތޮޅު ފިހާރައިގެ ކާތިބުކަމާއި، ބ.އަތޮޅު ކޮމިޓީ އޮފީހުގެ ޕިޔޯނު ކަމާއި، ބ.އަތޮޅުއޮފީހުގެ ކާތިބު ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީކަން ހިމެނެއެވެ. އަދި އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި، އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމުވެސް ޢަބްދުއްސައްތާރު ޢަލީ ފުރުއްވައިފައި ވެއެވެ.

ޢަބްދުއްސައްތާރު، ބ.އަތޮޅު ފިހާރައިގައި މާލޭގައި ވަޒީފާ އަދާކުރެއްވިއިރު، ފިހާރައިގައި ވިޔަފާރި ކުރުމުގެ ގޮތުން ކުރަންޖެހުނު މަސައްކަތްތައް ކުރެއްވުމާއި، އެކި ފިހާރަތަކުން މުދާ ބައްލަވައިގަތުމާއި، މުދާ ވިއްކުމާއި، ފައިސާ ބަލައިގަތުމާއި، ލިބޭ ފައިސާ، ސަރުކާރުގެ ބޮޑު އިސްޓޯރަށް ޖަމާކުރުމާއި، ނަގަންޖެހޭ ފައިސާ ނަންގަވައި، ފިހާރައާ ހަވާލުކުރެއްވުމާއި، އެހެނިހެން ލިޔެކިޔުންތައް ލިޔެ ބަލަހައްޓަވައިފައި ވެއެވެ. ބ.އަތޮޅު ކޮމިޓީގައި މަސައްކަތް ކުރެއްވިއިރު، އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާއާއި ތަކެތި، އެ ފަރާތްތަކަށް ހަވާލުކުރެއްވުމާއި، އޮފީހުގައި ކުރައްވަންޖެހުނު އެހެން ބައެއް ކަންތައްތައްވެސް ކުރައްވައިފައި ވެއެވެ. އަތޮޅުއޮފީހުގައި މަސައްކަތް ކުރެއްވިއިރު، މުޅިންވެސް ކުރެއްވީ ބަޖެޓް ބެލެހެއްޓެވުމާއި، އަތޮޅު ކޮމިޓީގެ ހިސާބުތައް ބެލެހެއްޓެވުމާއި، އަތޮޅުގެ ރަށްރަށުގެ އެކައުންޓްތައް ބެލެހެއްޓެވުމާއި، އަތޮޅު ރައްޔިތުންގެ ފައިސާއިން ކުރާ ޚަރަދުތައް ބެލެހެއްޓެވުމާއި، އަތޮޅުއޮފީހުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ބެލެހެއްޓެވުމުގެ މަސައްކަތްތަކެވެ.

ބ.އަތޮޅުއޮފީހުގައި ފައިސާއާބެހޭ ކަންތައްތައް ކުރެއްވިއިރު، މުސާރަ ދެއްވުމާއި، މުސާރަ ޝީޓް ތައްޔާރުކުރެއްވުމާއި، މުސާރައަށްދޭ ފައިސާ ނަންގަވަން މާލެއަށް ވަޑައިގަތުމާއި، މުސާރައަށްދޭ ފައިސާ މާލެއިން ފޮނުވުމުން، އެ ފައިސާއާ ހަވާލުވެވަޑައިގަތުމާއި، އަތޮޅުގެ ރަށްރަށުން ގެންނަ ފައިސާ، ރަށްރަށުގެ އެކައުންޓްތަކަށް ޖަމާކުރައްވައި ބެލެހެއްޓެވުންފަދަ ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.

ޢަބްދުއްސައްތާރު ޢަލީއަކީ، ފައިސާ ބެލެހެއްޓެވުމުގެ މަސައްކަތުގައި ވަރަށް ތެދުވެރި ބޭފުޅެކެވެ. އެއްވެސްއިރެއްގައި ފައިސާގެ މައްސަލައެއް ޖެހިފައިނުވާކަން އެއީ، މި ދެންނެވި ބަހުގެ ހެއްކެކެވެ. ޢަބްދުއްސައްތާރު ޢަލީއަކީ، ލިބިވަޑައިގެންފައިވާ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި، ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް މުވައްޒަފުންނަށް އޮޅުންފިލުއްވައި ދެއްވައިފައިވާ ބޭފުޅެކެވެ. އަދި އަލަށް ވަޒީފާއާ ގުޅޭ މުވައްޒަފުންނަށްވެސް ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އެކިއެކި ތަމްރީނުތައްވެސް ދެއްވައިފައި ވެއެވެ.

އަތޮޅު ކޮމިޓީ އޮފީހާއި، އަތޮޅުއޮފީހުގައި ޢަބްދުއްސައްތާރު ޢަލީ ވަޒީފާ އަދާކުރެއްވިއިރު، އަތޮޅުގެ ރަށްރަށަށް ކުރައްވަންޖެހޭ ދަތުރުތަކުގައި ބައިވެރިވެވަޑައިގެން، ފައިސާގެ ކަންތައްތަކާއި، އިދާރީ ކަންތައްތައް ކުރާނެގޮތް މުވައްޒަފުންނަށް އޮޅުންފިލުއްވައިދެއްވައި، އެކިއެކި މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރައްވައި ބަލަހައްޓަވައިފައިވެސް ވެއެވެ.

ޢަބްދުއްސައްތާރު ޢަލީ ވަނީ، 46 އަހަރަށްވުރެ ގިނަދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.