އަލްފާޟިލް އިބްރާހީމް ރަޝީދު މޫސާ
މއ.އުއިގުޅާގެެ

އިބްރާހީމް ރަޝީދު މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 21 ޖުލައި 1975 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ 2 ނަންބަރު ކާތިބެއްގެ ވަޒީފާއެވެ. 23 ސެޕްޓެންބަރު 1978 ގައި، އޯޑިޓް އޮފީހުގެ ކާތިބު ކަމުގެ ވަޒީފާއަށް ބަދަލުވެވަޑައިގަތުމަށްފަހު، ދިހަވަރަކަށް ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ވަޒީފާއަށް އެނބުރި ބަދަލުވެވަޑައިގަތެވެ. އިބްރާހީމް ރަޝީދު މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގައްޔާއި، ފަހުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައްޔާއި، މިހާރުގެ މިނިސްޓްރީ އޮފް ޑިފެންސްގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 47 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

މި މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ 2 ނަންބަރު ކާތިބު ކަމާއި، ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަމާއި، ފައިނޭންޝަލް ކޮންޓްރޯލަރކަމާއި، ބަޖެޓް ކޮންޓްރޯލަރކަން ކުރައްވައިފައި ވެއެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި އިބްރާހީމް ރަޝީދު މޫސާ ކުރެއްވި މައިގަނޑު މަސައްކަތަކީ، މިނިސްޓްރީ އޮފް ޑިފެންސާއި، އެމް.އެން.ޑީ.އެފް.އާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެހެން އިދާރާތަކުގެ ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓެވުމެވެ. މީގެ ތެރޭގައި މުވައްޒަފުންގެ މުސާރައާބެހޭ ކަންކަން ބެލެހެއްޓެވުމާއި، ބަޖެޓް ހެއްދެވުމާއި، ބަޖެޓާބެހޭ ރިޕޯޓުތައް ތައްޔާރުކުރެއްވުމާއި، ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރު ކުރެއްވުމާއި އަދި ކޮންމެ އަހަރެއްގެ މާލީ ބަޔާން ތައްޔާރުކުރެއްވުން ހިމެނެއެވެ.

އިބްރާހީމް ރަޝީދު މޫސާ މި މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާ ދިގު މުއްދަތެއް ވެފައިވާއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ހަމައެއާއެކު، އެކިއެކި ކަންކަމުގައި އޮފީހަށް އަންނަ ފަރާތްތަކަށްވެސް އެކަންކަމުގައި ޢަމަލުކުރެވެން އޮންނަގޮތް އޮޅުންފިލުއްވައިދެއްވައި، ކުރިއަށްދާންވީ ގޮތުގެ އިރުޝާދު ދެއްވަމުން ގެންދަވައެވެ.

އިބްރާހީމް ރަޝީދު މޫސާއަކީ، ސަރުކާރުގެ ފައިސާއާބެހޭ އެންމެހައި ކަންކަން، މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓެވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އިބްރާހީމް ރަޝީދަކީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.

17 ޖުލައި 2022 ން ފެށިގެން އިބްރާހީމް ރަޝީދު މޫސާ ފުރުއްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް ޑިފެންސްގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ކަމުގެ މަގާމެވެ.