އަލްފާޟިލް އިސްމާޢީލް ރަޝީދު
ހ.އިރުވައި

 އިސްމާޢީލް ރަޝީދަކީ، ބައިޤަރުނާ ކައިރިކުރާ މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، 13 ޖުލައި 1957 ގައެވެ. އެއީ، ވުޒާރަތުއްދާޚިލިއްޔާ، މުނިސިޕަލްޓީގެ ކާތިބުކަމުގެ ވަޒީފާއިންނެވެ. 

ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ވުޒާރަތުއްދާޚިލިއްޔާގެ ކާތިބުކަމާއި، ވަޒީރުލްއަޢުޡަމްގެ ކާތިބުކަމާއި، ވަޒީރުލްއަޢުޡަމްގެ ސެކްރެޓެރީކަމާއި، ވަޒީރުލްއަޢުޡަމް އޮފީހުގެ ކާތިބުކަމާއި، މުނިސިޕަލްޓީގެ ސެކްރެޓެރީކަމާއި، ގ.އަތޮޅާއި، ޏ.އަތޮޅު އޮފީހުގެ ކާތިބު ކަމާއި، ވުޒާރަތުއްދާޚިލިއްޔާގެ ގ.އަތޮޅުގެ އިންސްޕެކްޓަރުކަމާއި، ކަސްޓަމުގެ ސަރުޖަނުކަމާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ކާތިބުކަން ކުރައްވައިފައިވެއެވެ. 

އިސްމާޢީލް ރަޝީދު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އެއް ދާއިރާއަކީ، ރާއްޖޭގެ އަތޮޅުތަކާބެހޭ ވުޒާރާއެވެ. އެގޮތުން، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ އަތޮޅުވެރިޔާގެ ބަދަލުކަމުގެ މަގާމުގައި ހުންނަވައިގެން އަތޮޅުތަކުގެ ތަރައްޤީއަށް ކޮށްދެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ. އިސްމާޢީލް ރަޝީދަކީ 6 އަތޮޅެއްގެ އަތޮޅުވެރިކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. މީގެތެރޭގައި، ހއ.އަތޮޅު އަތޮޅުވެރިކަމާއި، ށ.އަތޮޅު އަތޮޅުވެރިކަމާއި، ޅ.އަތޮޅު އަތޮޅުވެރިކަމާއި، ފ.އަތޮޅު އަތޮޅުވެރިކަމާއި، ލ.އަތޮޅު އަތޮޅުވެރިކަމާއި، ރ. އަތޮޅު އަތޮޅުވެރިކަން ކުރެއްވުން ހިމެނެއެވެ. މި ދެންނެވި އަތޮޅުތަކުގެ އަތޮޅުވެރިކަމުގެ މަގާމުގައި ހުންނެވިއިރު، އެ އަތޮޅުތަކުގެ ކުރިއެރުމަށާއި، އެ އަތޮޅުތަކުގައި ހިންގުނު ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިންގެވުމުގައި ރައްޔިތުންނާ ގުޅިވަޑައިގެން އިސްމާޢީލް ރަޝީދު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. އަދި އޭރު ރައްޔިތުންނަށް ދަތިވެގެން ހުށަހެޅޭ ކަންތައްތަކުގައި ރައްޔިތުން އެދޭގޮތަށް ނިންމަވައިދެއްވުމަކީ ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފާފުޅެވެ. މިގޮތުން، ރަށްރަށުގެ ބަނދަރު ހެދުމާއި، ބިންހިއްކުމުގެ މަސައްކަތްތައް ގެންދެވީ، ރައްޔިތުންގެ މަޝްވަރާއާ އެކުގައެވެ.  އަދި ލ.ގަމުގެ ތިން އަވަށުގެ މީހުން، އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމުގައި މެދުވެރިވި ދަތިކަންތައްތައް ޙައްލުކޮށްދެއްވައި، ގަމުގެ ޞިނާޢީ ބޮޑުމަގު، ސާފުކުރެއްވުމުގެ މަސައްކަތަކީވެސް ކުރެއްވުނު ވަރަށް ބޮޑު އަދި އެ މަސައްކަތުން ރައްޔިތުންނަށާއި، އިސްމާޢީލް ރަޝީދަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި މަސައްކަތެއްވެސް މެއެވެ.

އިސްމާޢީލް ރަޝީދު، މި ދާއިރާގައި 24 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ޖެނެރަލްކަމާއި، އެ މިނިސްޓްރީގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރކަމުގެ މަގާމުވެސް ފުރުއްވިއެވެ. 

އިސްމާޢީލް ރަޝީދު، ސަރުކާރުގެ ޚިދުމަތުގެ ތެރެއިން އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި އަނެއް ދާއިރާއަކީ، ފައިނޭންސްގެ ދާއިރާއެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ކާތިބުކަމާއި ސަރުކާރުގެ ބަޖެޓް ކާތިބުކަމުގެ މަގާމު އަދާކުރެއްވިއިރު، ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރުކުރެއްވުމަކީ ވަރަށް ބުރަކޮށް، ކަމަށްކަމޭހިއްތަވައިގެން، ކެތްތެރިކަމާއެކު ކުރައްވަން ޖެހިވަޑައިގެން މަސައްކަތެކެވެ. ހަމައެއާއެކު، ބަޖެޓްފޮތް ހެއްދެވުމާއި، ލިޔެކިޔުންތައް ބައްލަވައި، ޗެކުކުރެއްވުމަކީވެސް އެހާ އުނދަގޫ މަސައްކަތެއް ކަމަށްވިޔަސް، އެކަންވެސް ކުރެއްވީ ވަރަށް ފަރުވާބަހައްޓަވައިގެން، އެއްވެސް މައްސަލައެއް ނުޖެހޭގޮތަށެވެ.

އިސްމާޢީލް ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވި ދިގު ދަތުރު، އުމުރުން 65 އަހަރުވެގެން 1 މެއި 2008 ގައި ނިންމަވައިލެއްވިއިރު، 49 އަހަރާއި 3 މަހަށްވުރެ ގިނަ ދުވަހު، ދިވެހި ދައުލަތަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވެއެވެ. ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމުގައެވެ. 

ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އިސްމާޢީލް ރަޝީދު ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 15 މެއި 2008 ގައި ވަނީ ޝަރަފުގެ ހަނދާނީ ލިޔުމެއްވެސް އަރުވައިފައެވެ.