އަލްފާޟިލާ ޞާބިރާ ވަޙީދު
މއ. ބޮޑުގަލުމާފަތްގެ

ޞާބިރާ ވަޙީދަކީ، ބައި ޤަރުނަށްވުރެ ދިގުމުއްދަތެއްގައި ދިވެހި ދައުލަތަށް ވަރަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޚިދުމަތް ފެށްޓެވީ 25 ނޮވެންބަރު 1964 ގައި މާލިއްޔާގެ ކަސްޓަމްސްގެ މަޢުމޫލު ނަގާ ވަގުތީ ވަޒީފާއިންނެވެ. އޭގެފަހުން ކަސްޓަމްސްގެ 2 ނަންބަރު ކާތިބާކަމުގެ ވަޒީފާ އަދާކުރެއްވިއެވެ.

ވޭތުވެދިޔަ ދިގު މުއްދަތުގައި، ޞާބިރާ ވަޙީދު ތަފާތު އެކި އިދާރާތަކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މިގޮތުން، ސ. ބޮޑުއިސްޓޯރުގެ ފައިސާ ބަލަހައްޓާ 2 ނަންބަރު ކާތިބާ ކަމާއި، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ 2 ނަންބަރު ކާތިބާ ކަމާއި، ބްރީޗް އޮފް ލޯ އެންޑް ޕޮލިޓިކަލް ޓްރައަލްސް ޑިވިޜަންގެ 2 ނަންބަރު ކާތިބާ ކަމާއި، ޕްރިޒްންސް ޑިވިޜަންގެ 2 ނަންބަރު ކާތިބާ ކަމާއި، އިލެކްޝަންސް ޑިވިޜަންގެ 2 ނަންބަރު ކާތިބާ ކަމާއި، ޕްރޮޕަޓީ ކްލެއިމްސް ޑިވިޜަންގެ 2 ނަންބަރު ކާތިބާ ކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. އަދި ކޯޓު ނަންބަރު 6ގެ ސީނިއަރ ކްލާކް ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޢަރުޝީފުގެ ސީނިއަރ ކްލާކް ކަމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ކޭޝިއަރު ކަމާއި، އެ މިނިސްޓްރީގެ 2 ނަންބަރު ކާތިބާކަން ހިމެނެއެވެ.

ޞާބިރާ އެންމެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ، ފެނާބެހޭ އިދާރާގައެވެ. 20 މާރިޗު 1993 ގައި ފުރަތަމަ އަދާކުރެއްވީ، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ ވަޒީފާއެވެ. އޭގެފަހުން، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑުގެ ސެކްރެޓެރީ ކަމާއި، ކޭޝިއަރ އެސިސްޓެންޓް ކަމާއި، ރިސެޕްޝަނިސްޓް ކަމާއި، އޮފީސް އެސިސްޓެންޓް ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. 2012 ވަނަ އަހަރު ކުންފުނީގެ ވަޒީފާއިން ޞާބިރާ ރިޓަޔަރ ކުރެއްވުމަށްފަހުގައިވެސް ވަގުތީ ކޮންޓްރެކްޓެއްގެ ދަށުން 2016 ވަނަ އަހަރާ ހަމަޔަށް ކުންފުންޏަށް ވަނީ ޚިދުމަތް ކޮށްދެއްވައިފައެވެ. 15 އަހަރަށްވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ކުންފުންޏަށް ޚިދުމަތް ކޮށްދެއްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ދިގު މުއްދަތަށް ކުންފުނީގައި ޚިދުމަތްކުރާ މުވައްޒަފުންނަށް ދޭ، ލޯންގް ސަރވިސް އެވޯޑު، 2009 ވަނަ އަހަރު ޞާބިރާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ޞާބިރާ ވަޙީދު، އެމް.ޑަބްލިޔު.އެސް.ސީ.ގައި މަސައްކަތް ކުރެއްވި މުއްދަތުގައި ވަނީ ކުންފުނީގެ ލިޔެކިޔުންތަކާއި، އިދާރީ މަސައްކަތްތައް ބަލަހައްޓަވައިފައެވެ. އަދި ކުންފުނީގެ މުހިންމު ބައްދަލުވުންތައް އިންތިޒާމު ކުރައްވައި، އެ ބައްދަލުވުންތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޞާބިރާ، ސަރުކާރަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި، އިދާރީ އެކިއެކި ކަންކަމާއި، ފައިސާއާބެހޭ އެކިއެކި ކަންކަން ބަލަހައްޓަވައިފައި ވެއެވެ. އަދި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، އޮފީހަށް އަލަށް ވަންނަ މުވައްޒަފުންނަށް ކަންކަން ދަސްކޮށްދެއްވައި، މަސައްކަތަށް އަހުލުވެރި ކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.

ޞާބިރާ ވަޙީދު އަދާކުރެއްވި ކޮންމެ ވަޒީފާއެއް އަދާކުރައްވައިފައިވަނީ، ނަޒާހަތްތެރިކަމާއި ތެދުވެރިކަމާ އެކުގައެވެ. އަދި ފައިސާއާބެހޭ އެންމެހައި ކަންކަން ބެލެހެއްޓެވިއިރުވެސް، ދުވަހަކުވެސް ފައިސާގެ އެއްވެސް މައްސަލައެއް ޖެހި، އެއްވެސް އިންޒާރެއް ކުރައްވައިފައެއް ނުވެއެވެ. ޞާބިރާއަކީ، ހާޒިރީއަށް ވަރަށް ފަރުވާބެހެއްޓެވި އަދި ހުރިހާ މުވައްޒަފުންނާވެސް ވަރަށް ބޮޑަށް ގުޅިވަޑައިގެން މަސައްކަތް ކުރެއްވި، ނަމޫނާ ޝަޚްޞިއްޔަތެކެވެ. 50 އަހަރާއި 8 މަސް ދުވަހު ޞާބިރާ ވަނީ ދައުލަތަށް ޚިދުމަތްކޮށްދެއްވައިފައެވެ.