މަރްޔަމް މޫސާއަކީ، މަދްރަސީ ދައުރުއްސުރެ ވާހަކަ ލިޔުއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. 1994 ވަނަ އަހަރުން ފެށިގެން ތަފާތު މައުޟޫޢުތަކަށް ވާހަކަ ލިޔުއްވަމުން ގެންދަވައެވެ. މީގެތެރޭގައި، ލޯބީގެ ވާހަކައާއި، އިޖްތިމާޢީ ވާހަކައާއި، ކުޑަކުދިންނަށް އަމާޒުކޮށް ލިޔުއްވާފައިވާ ވާހަކަތައް ހިމެނެއެވެ. މިގޮތުން މިހާތަނަށް 51 ވާހަކަ ލިޔުއްވައި، ޝާއިޢުކުރައްވާފައިވެއެވެ.
މަރްޔަމް މޫސާ ލިޔުއްވި ވާހަކަތަކުގެ ތެރެއިން 7 ވާހަކައަކަށް ދިވެހި ފިލްމު ހަދާފައިވެއެވެ. އަދި 3 ވާހަކައަކަށް ކުރު ފިލްމު ތައްޔާރު ކޮށްފައިވެއެވެ. މީގެއިތުރުން 5 ޓެލެޑްރާމާވެސް ލިޔުއްވާފައިވެއެވެ.
1998 ވަނައަހަރު ބޭއްވެވި ދިގުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން 1 ވަނަ، 2005 ވަނަ އަހަރު ބޭއްވެވި ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން 2 ވަނަ، މަރްޔަމް މޫސާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި، ކުޑަކުދިންނަށް ޚާއްޞަކުރައްވައިގެން ލިޔުއްވި ދެ ވާހަކަފޮތަކަށް، ސަރުކާރުން ދެއްވަ ޚާއްޞަ އިނާމު 2006 ގައި ލިބިވަޑައިގެންފައިވެއެވެ.