މަދްރަސީ ދައުރުން ފެށިގެން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ޚިދުމަތް ކުރައްވަމުން ގެންދަވައި، އެ ރޮނގުން މަތީ ކާމިޔާބީތައް ޙަސަން ޝާކިރު މުޙަންމަދު ވަނީ ޙާޞިލު ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ވާހަކަދެއްކުމުގެ 6 ވަނަ ޤައުމީ މުބާރާތުން އަމިއްލަ ފަރާތްތަކުގެ ބައިން 1 ވަނަ ހޯއްދަވާފައިވެއެވެ. 1990 ވަނަ އަހަރުން ފެށިގެން ޙަސަން ޝާކިރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މި ފަންނު ކުރިއެރުވުމަށެވެ.
މިގޮތުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރްކަޒާއި، ދިވެހި ނާދީ ގުޅިގެން އަތޮޅުތަކުގައި ހިންގަވާ، ވާހަކަދެއްކުމުގެ ހުނަރުވެރިކަން ދަސްކޮށްދެއްވާ ކޯސްތަކުގައި ޙަސަން ޝާކިރު ކިޔަވައިދެއްވަމުން ގެންދަވައެވެ. އަދި މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން ހިންގެވި ދިރާސާތިލް އިސްލާމިއްޔާ ކޯހާއި، ރާއްޖެތެރޭގެ ވެރިންގެ ފެންވަރު މަތިކުރުމުގެ ކޯހުގައި، ވާހަކަދެއްކުމުގެ ހުނަރާބެހޭބައި ގެންގޮސްދެއްވާފައިވެއެވެ. އަދި ވާހަކަދެއްކުމުގެ އަތޮޅު މުބާރާތަށް، އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ތައްޔާރުކޮށްދެއްވައި، ބައެއް ރަށްރަށުގައި ބާއްވާ ވާހަކަދައްކަން ދަސްކޮށްދިނުމުގެ ކޯސްތަކުގަޔާއި، މާލޭގެ އެކި ސްކޫލްތަކުގައި ހިންގާ ކޯސްތަކުގައި ޙަސަން ޝާކިރު މަޢުލޫމާތު ދެއްވާފައިވެއެވެ.