ހަވީރު ނޫހުގެ އެސޯސިއޭޓް އެޑިޓަރ މުޙައްމަދު ޝަހީބް މިރޮނގުން މަސައްކަތް ފަށްޓަވާފައިވަނީ، 1990 ގައެވެ. ފާއިތުވި 16 އަހަރުދުވަހުގެ ތެރޭގައި، ޚަބަރާއި، އިޖްތިމާޢީ އެކިއެކި މައްސަލަތަކާ ބެހޭގޮތުން ފީޗަރ ރިޕޯޓާއި ކޮލަމުގެ އިތުރުން، ވާހަކައާއި، އެކި ލިޔުއްވުންތައް ހަވީރު ނޫހަށް ލިޔުއްވާފައިވެއެވެ. އަދި އާ ޅެންވެސް ހައްދަވާފައިވެއެވެ.
ޝަހީބުގެ އުފެއްދުންތެރި ލިޔުންތެރިކަމުގެ ފަންނު އެންމެބޮޑަށް ފެނިގެންދިޔައީ، 2000 ވަނައަހަރު، ޝަހީބުގެ އެޑިޓަރުކަމުގެ ދަށުން ނެރުއްވަން ފެށްޓެވި "ހުވާސް" މަޖައްލާއިންނެވެ. އެމައްޖައްލާގެ "ހަވާސް" ކޮލަމުންނެވެ. އެ ކޮލަމް މިހާރު ޝާއިޢު ކުރައްވަމުން ގެންދަވަނީ، ކޮންމެ ހަފުތާއަކު އެއްފަހަރު "ހަވީރު" ނޫހުގައެވެ. މިކޮލަމަކީވެސް، އުފެއްދުންތެރި ޚިޔާލުތަކެއް ހުށަހަޅުއްވައި، މުޖުތަމަޢު ބައްޓަން ކުރުމަށް މަގު ކޮށައިދޭ ލިޔުއްވުމެކެވެ.
ޝަހީބުގެ ލިޔުއްވުންތަކުން އެންމެބޮޑަށް ފާހަގަކުރެވެނީ، ސުރުޚީއާއި، ފެށުމާއި، މައިގަނޑާއި، ނިންމުމާ ދެމެދުގައިވާ އުފެއްދުންތެރި ގުޅުމެވެ.
ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 2004 ވަނަ އަހަރު މުޙައްމަދު ޝަހީބަށް ލިބިވަޑައިގެންފައިވެއެވެ.