އަލްފާޟިލް ޢަލީ ޔޫސުފް
ހިތަށްފިނިވާގެ ޅ. ނައިފަރު

ޢަލީ ޔޫސުފަކީ، އަމިއްލަފުޅަށް އިސްނަންގަވައިގެން ހިލޭސާބަހަށް އިންސާނިއްޔަތަށް ޚިދުމަތްކުރައްވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ. މިގޮތުން، ލޭ ބޭނުންވާ މީހުންނަށް ހިލޭސާބަހަށް ލޭ ދެއްވަން ޢަލީ ޔޫސުފް ފެށްޓެވީ 2007 ވަނަ އަހަރުގެ ތެރޭގައެވެ. މެދުކެނޑުމެއްނެތި ހިލޭސާބަހަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާތާ މިހާރު 15 އަހަރުވެއްޖެއެވެ.

ލޭ ބޭނުންވާ މީހުންނަށް ލޭ ހަދިޔާ ކުރެއްވުމުގެ އިތުރުން، އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާކުރުމުގެ މުހިންމުކަން ޢަލީ ޔޫސުފްގެ ރަޙުމަތްތެރިންނަށާއި، އެނޫން މީހުންނަށް އޮޅުންފިލުއްވައި ދެއްވައި، އެމީހުން ހޭލުންތެރި ކުރުއްވައިގެން ލޭ ހަދިޔާކުރުމުގެ ޝައުޤުވެރިކަން އުފެއްދެވުމުގެ މަސައްކަތްވެސް ޢަލީ ޔޫސުފް ކުރައްވަމުން ގެންދަވައެވެ. މިގޮތުން، ޢަލީ ޔޫސުފް ކުރައްވާ މަސައްކަތުން، ލޭ ބޭނުންވާ މީހުންނަށް ލޭ ދެއްވާނެ ފަރާތްތައް ހޯއްދަވައިދެއްވައިފައި ވެއެވެ.

ލޭ ބޭނުންވާ ފަރާތްތަކުން ލޭ ހޯދުމަށްޓަކައި ކުރަމުންދާ ބުރަ މިންނެތް މަސައްކަތަށާއި، ލޭ އަޅާ ކުދިންނާއި މީހުން އުފުލަމުންދާ ވޭނާއި ކެކުޅުމަށް ލުއިކަމެއް ހޯދައިދިނުމަށްޓަކައި، ލޭ ނުލިބިގެން އުޅެނީ ކޮންބައެއްތޯ ޢަލީ އަބަދުވެސް ބައްލަވަމުން ގެންދަވައެވެ. އަދި ލޭ ނުލިބިގެން އުޅޭ ފަރާތަކާ ދިމާވެއްޖެނަމަ އެހީތެރިވެދެއްވައި، ލޭ ދޭނޭ މީހުން ހޯއްދަވައިދެއްވުމުގެ މަސައްކަތްވެސް ކުރައްވައެވެ.

ޢަލީ ޔޫސުފް ވަނީ، ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހަދިޔާކުރެއްވުމުގެ އިތުރުން، ލޭ ހަދިޔާކުރުމަށް އެކި ފަރާތްތަކުން ހިންގާ ކޭމްޕްތަކަށް ވަޑައިގެން، ލޭ ހަދިޔާކުރައްވައި، މި ރޮނގުން މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތްވެސް ކުރައްވައިފައެވެ. އަދި ލޭ ހޯދަން ބޭނުންވާ ފަރާތްތަކުން ޢަލީ ޔޫސުފާ ފަސޭހައިން ގުޅޭނޭ ގޮތް ހެއްދެވުމުގެ ގޮތުން ލޭ ދޭ މީހުންނާއި، ލޭ ދޭ މީހުންނަށް އެހީތެރިވުމުގެ ގޮތުން އެކި ފަރާތްތަކުން ހަދާފައިވާ ތަފާތު ވައިބަރ ގްރޫޕްތަކުގައިވެސް ނަން ހިމަނުއްވައި، އެ ގްރޫޕްތައް އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމުގެ މަސައްކަތްވެސް ޢަލީ ޔޫސުފް ކުރައްވަމުން ގެންދަވައެވެ.

ލޭ ހަދިޔާ ކުރައްވައިގެން އިންސާނިއްޔަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާއިރު، ޢަލީ ޔޫސުފަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އުފަލަކީ، ކުރައްވަމުން ގެންދަވާ މަސައްކަތުން އެތައް ޢާއިލާއެއްގެ އެތައް ބަޔަކަށް ހިތްހަމަޖެހުން ގެނެސްދެވޭތީއެވެ. ދިގު މުއްދަތަކަށް މި ރޮނގުން ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަން އެއީ، މި ދާއިރާއިން ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ޢަލީ ޔޫސުފް ދެކެވަޑައިގަންނަވައެވެ.

ކޮންމެ 3 މަހަކުން އެއްފަހަރު ގަވާއިދުން ލޭ ހަދިޔާ ކުރައްވަމުން ގެންދަވާކަން އެއީ، އިންސާނިއްޔަތަށް އަދި ޚާއްޞަކޮށް ރާއްޖޭގައި ލޭ ބޭނުންވާ އެކި ބަލިތަކުގެ މީހުންނަށް ޢަލީ ޔޫސުފް ކޮށްދެއްވަމުން ގެންދަވާ ވަރަށްބޮޑު ޤައުމީ ޚިދުމަތެކެވެ.

ޢަލީ ޔޫސުފް މިހާރުވެސް ހުންނެވީ މާތްﷲ ގެ ރަޙްމަތްފުޅާއެކު، އިންސާނިއްޔަތަށް މި ރޮނގުން ޚިދުމަތް ކުރެއްވުމުގައި ކުރިއަށް ވަޑައިގަތުމަށް އަތުކުރި އޮޅާލައްވައިގެންނެވެ.