ޢަބްދުﷲ ޢަލީއަކީ، މަދުރަސީ ދައުރުން ފެށިގެންވެސް އިޖުތިމާޢީ ދާއިރާއާއި ކުޅިވަރު އަދި އިންސާނިއްޔަތަށްޓަކައި ހިލޭސާބަހަށް މަސައްކަތް ކުރައްވައި، މި މަސައްކަތުގައި މިހާރުވެސް ދެމިހުންނެވި ބޭފުޅެކެވެ. 1990 ވަނަ އަހަރު މަދަރުސީ ދައުރު ނިންމެވުމަށްފަހު، ށ.ފުނަދޫ ޒުވާނުންގެ ޖަމުޢިއްޔާއާ ގުޅިވަޑައިގެން، އެ ޖަމުޢިއްޔާގެ ރައީސްކަން ޢަބްދުﷲ ޢަލީ ވަނީ ކުރައްވައިފައެވެ.
ފުނަދޫ ޒުވާނުންގެ ޖަމުޢިއްޔާގައި ކުރެއްވުނު މަސައްކަތުގެ ތަޖުރިބާއާއެކު، އޭގެ ފަހުން ޢަބްދުﷲ ޢަލީ މަސައްކަތް ކުރައްވަމުން ގެންދެވީ، ރާއްޖޭގައި، ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާގައި ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ޒުވާނުން ބިނާކުރެއްވުމަށެވެ. އެގޮތުން، ނޭޝަނަލް ޔޫތު ވޮލަންޓިއަރޒް ޕްރޮގްރާމް ރާވައި ހިންގުމުގައި ޢަބްދުﷲ ޢަލީގެ ފުރިހަމަ ބައިވެރިވެވަޑައިގަތުން ފާހަގަކޮށްލެވެއެވެ.
ޢަބްދުﷲ ޢަލީގެ ޙަޔާތުގެ ބޮޑު ބައެއް އިންސާނިއްޔަތަށާއި، ހިލޭސާބަހަށް މަސައްކަތް ކުރެއްވުމުގައި ވަނީ ހޭދަކުރައްވައިފައެވެ. މިގޮތުން، އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވެދެއްވުމާއި، ސުނާމީއަށްފަހު ދިވެހިރާއްޖޭގައި ރެޑް ކްރެސެންޓް ޖަމާޢަތް އުފެއްދުމަށް ކުރެވުނު މަސައްކަތްތަކުގައި، އެންމެ އިސް ސަފުގައި ޢަބްދުﷲ ޢަލީ ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. ދިވެހި ރެޑް ކްރެސެންޓް އުފެއްދުމާއެކު، އެ ޖަމާޢަތުގެ ފުރަތަމަ ގަވަރނިންގ ބޯޑުގައި ހިމެނިވަޑައިގެން،ދެ ދައުރެއްގައި، ޢަބްދުﷲ ޢަލީ ވަނީ، ރާއްޖޭގެ އުތުރު ތަމްސީލު ކޮށްދެއްވައިފައެވެ. އަދި އެމަގާމުގައި ހުންނަވައިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ރެޑް ކްރެސެންޓުގެ ގޮފިތައް ޤާއިމުކުރައްވައި ހަރުދަނާ ކުރެއްވުމުގައި، ޢަބްދުﷲ ޢަލީ ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ. ހަމައެއާއެކު، ބައިނަލްއަޤްވާމީ ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ޖަމާޢަތުގެ ރަސްމީ މެންބަރުކަން، ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި ރެޑް ކްރެސެންޓަށް ހޯއްދަވައިދެއްވުމަށްޓަކައި، ޢަބްދުﷲ ޢަލީ އިސް ސަފުގައި ހުންނަވައިގެން ކުރެއްވި ކާމިޔާބު މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ.
ޢަބްދުﷲ ޢަލީއަކީ، މާލޭ ވޯޓަރ ކްރައިސިސްގައި، ޢާއްމު ރައްޔިތުންނަށް ފެން ފޯރުކޮށްދެއްވުމުގައާއި، ދިވެހިސަރުކާރާއި ބޭރުގެ ބައެއް ޖަމާޢަތްތަކާ މަޝްވަރާ ކުރައްވައިގެން، މައްސަލައަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.
ދިވެހި ރެޑް ކްރެސެންޓްގައި ޢަބްދުﷲ ޢަލީ ކުރެއްވި މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، އެ ޖަމާޢަތުގެ ދެވަނަ ރައީސްގެ ގޮތުގައި ކުރައްވައިފައިވާ އަގުނުކުރެވޭ ޚިދުމަތްތަކެވެ. މިގޮތުން، އެ ޖަމާޢަތުގެ ހިންގުން ހަރުދަނާވެ، ބައިނަލްއަޤްވާމީ ދާއިރާގައި ދިވެހި ރެޑް ކްރެސެންޓުގެ ދަރަޖަ އުފުލިގެންދިޔަ އެތައް ކަމެއް، އެ ޖަމާޢަތަށް ހިލޭސާބަހަށް ކޮށްދެއްވައިފައި ވެއެވެ. މީގެތެރޭގައި، އިޓޭލިއަން ރެޑްކްރޮސްއާއި، ޓާރކިޝް ރެޑް ކްރެސެންޓާއި، ސަޢޫދީ ރެޑް ކްރެސެންޓާއި، ޗައިނާ ރެޑްކްރޮސްއާއި، ފަލަސްޠީނު ރެޑް ކްރެސެންޓް އަދި ސްރީލަންކާ ރެޑްކްރޮސްއާއެކު ގުޅުން ބަދަހިކުރުން، ޢަބްދުﷲ ޢަލީގެ މިންނެތް މަސައްކަތްޕުޅުގެ ތެރެއިން ފާހަގަކޮށްލެވެއެވެ. އަދި ދިވެހި ރެޑް ކްރެސެންޓް، ބައިނަލްއަޤްވާމީ ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ޖަމާޢަތުގެ ރަސްމީ މެންބަރަކަށްވެ، ބައިނަލްއަޤްވާމީ ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ޖަމާޢަތުގައި ވޯޓުލުމުގެ ޙައްޤު ދިވެހިރާއްޖެއަށް ލިބި، ރާއްޖޭގެ ފަރާތުން ބައިވެރިވި ތާރީޚީ ވޯޓުލުމުގައި ޢަބްދުﷲ ޢަލީ ބައިވެރިވެވަޑައިގެންފައިވާކަން އެއީ، ޢަބްދުﷲ ޢަލީގެ ކާމިޔާބީތަކުގެ ތެރެއިން ހަނދާންކޮށްލަންޖެހޭ ކަންކަމެވެ.