އަލްފާޟިލާ މަރްޔަމް ނޫރައްދީން
މ. ތާނގީދޮށުގެ

މަރްޔަމް ނޫރައްދީނަކީ، ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރެއްވުމުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް އުފެދުނު ޝައުޤުވެރިކަމުގެ ސަބަބުން މަތީ ޘާނަވީއަށް ކިޔަވައި ވިދާޅުވުމަށްފަހު، ހޮސްޕިޓޭލިޓީ ދާއިރާއިން އިނގިރޭސިވިލާތުން ޑިޕްލޮމާއާއި ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވިއެވެ. އަދި 2003 ވަނަ އަހަރު ހޮސްޕިޓޭލިޓީ މެނޭޖްމަންޓުން މާސްޓަރޒް ޑިގްރީ ފުރިހަމަކުރެއްވިއެވެ.

1987 ވަނަ އަހަރު، ޔޫ.އެން.ޑީ.ޕީ.ގެ މަޝްރޫޢެއްގެ ދަށުން، ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގެ ދަށުން ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ސްކޫލް އޮފް ހޮޓެލް އެންޑް ކޭޓަރިންގ ސަރވިސަސް އުފެއްދެވުމާއެކު، ޓްރެއިނީ އިންސްޓްރަކްޓަރެއްގެ ގޮތުން މަރްޔަމް ނޫރައްދީން އެ މަރުކަޒާ ގުޅިވަޑައިގެން، އެތަނުގެ ކަރިކިއުލަމް ތައްޔާރުކުރެއްވުމާއި، ތަމްރީނުތައް ހިންގުމުގެ މަސައްކަތުގައި އުޅުއްވިއެވެ. އޭގެ ފަހުން، 1990 ވަނަ އަހަރު، އެ މަރުކަޒު ހިންގެވުމުގެ ޒިންމާއާ ޙަވާލުވެވަޑައިގަތެވެ.

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ އާ ކޯސްތައް ހޮޓެލް ސްކޫލަށް ތަޢާރުފް ކުރެއްވުމާއި، މަރުކަޒު އިތުރަށް ތަރައްޤީ ކުރައްވައި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ގޮތުގައި ޤާއިމުކުރެއްވުމުގައި، މަރްޔަމް ނޫރައްދީން ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މަރްޔަމް ނޫރައްދީނަކީ، އެ ފެކަލްޓީގެ އެންމެ ފުރަތަމަ ޑީންއެވެ. މަރްޔަމް ނޫރައްދީނުގެ ބެއްލެވުމުގެ ދަށުން އެ ހިޔާވަހިކަމުން ތަމްރީނުވެގެން 4,000 އަށްވުރެ ގިނަ ދަރިވަރުން ވަޒީފާތަކަށް ނުކުމެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވިއިރު މަރްޔަމް ނޫރައްދީން ވަނީ، ވޮކޭޝަނަލް ތަމްރީނު ދިނުމުގެ ނިޒާމެއް ޤާއިމުކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ. އެއާއެކު، ސަރުކާރުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ (ޓިވެޓް) އޮތޯރިޓީ އުފެއްދެވުމުގައިވެސް މަރްޔަމް ނޫރައްދީންގެ ހިއްސާ ވަރަށް ބޮޑެވެ.

2014 ވަނަ އަހަރުން ފެށިގެން މަރްޔަމް ނޫރައްދީން ގެންދަވަނީ "ޝެފްސް ގިލްޑް އޮފް މޯލްޑިވްސް"ގެ ނަމުގައި ދިވެހި ޝެފުންގެ ޖަމުޢިއްޔާއެއް އުފައްދަވައިގެން ހިންގަވަމުންނެވެ. މަރްޔަމް ނޫރައްދީނުގެ މޭސްތިރިކަމުގެ ދަށުން މި ޖަމުޢިއްޔާއިން ގެންދަނީ ދިވެހި ޝެފުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަމްރީނުގެ ފުރުޞަތުތަކާއި، ބައިނަލްއަޤްވާމީ ކެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވެ، ދިވެހި ޝެފުންގެ ހުނަރު ދައްކައިލުމުގެ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ތަމްރީނުކޮށް ނެރުއްވުމަކީ، އަބަދުވެސް މަރްޔަމް ނޫރައްދީނުގެ އެންމެބޮޑު އެއް އަމާޒެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ބޭއްވުނު ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާވަނީ މަރްޔަމް ނޫރައްދީނަށް "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" އަރުވައިިފައެވެ. މީގެއިތުރުން، 2019 ވަނަ އަހަރު "ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް" އިން ވަނީ ލީޑަރޝިޕް އެކްސަލަންސް (ގޯލްޑް) އިން ޓޫރިޒަމް އެންޑް ހޮސްޕިޓޭލިޓީ އެވޯޑު މަރްޔަމް ނޫރައްދީނަށް އަރުވައިފައެވެ.