އަލްފާޟިލާ ޢާއިޝަތު ޒަޢީމާ
ހުސްނޫވިލާ މ. މުލައް

ޢާއިޝަތު ޒަޢީމާއަކީ، 2004 ވަނަ އަހަރުން ފެށިގެން ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ، މިހާރު ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގައި، އިންކްލޫސިވް އެޑިޔުކޭޝަން ތަރައްޤީ ކުރުމުގައި ހީވާގިކަމާއި، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ އިންކްލޫޝަން ކޯޗެކެވެ.

އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން މާސްޓަރ އޮފް ޓީޗިންގ ހާސިލު ކުރައްވައިފައިވާ ޢާއިޝަތު ޒަޢީމާއަކީ، މެއިންސްޓްރީމް އެޑިޔުކޭޝަން، ސްޕެޝަލް އެޑިޔުކޭޝަން އަދި އިންކްލޫސިވް އެޑިޔުކޭޝަންގެ ތަޖުރިބާކާރެކެވެ. އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާ އިތުރަށް ތަރައްޤީ ކުރެއްވުމަށް ބޭނުންވާ ޢިލްމާއި، ހުނަރާއި، ޤާބިލުކަން ހޯއްދެވުމުގެ ގޮތުން ޒަޢީމާ ވަނީ، ރާއްޖެއިން ބޭރުންވެސް ގިނަ ތަމްރީނުތަކެއް ފުރިހަމަ ކުރައްވައިފައެވެ.

އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުން ފުޅާކޮށް، ތަރައްޤީ ކުރުމުގެ ގޮތުން ޒަޢީމާ ވަނީ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމަށް މަގުފަހިވާގޮތަށް ސިޔާސަތުތަކާއި، އުސޫލުތަކާއި، މިންގަނޑުތައް އެކުލަވައިލުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ޤާއިމުކުރެއްވި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓުތައް ޤާއިމުކުރުމުގައި ވަރަށް ބޮޑަށް އެހީތެރިވެދެއްވައިފައެވެ.

ޢާއިޝަތު ޒަޢީމާ ހިލޭސާބަހަށް ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އިންކްލޫސިވް އެޑިޔުކޭޝަން ކުރިއެރުވުމަށާއި، މި ދާއިރާއަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ބޭނުންވާ މަޢުލޫމާތު ހިމެނޭ ތަފާތު ޕޯސްޓަރުތައް (އިންފޯގްރެފިކްސް) އަމިއްލަފުޅަށް ތައްޔާރުކުރައްވައި، ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވުން ހިމެނެއެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން، އިންކްލޫސިވް އެޑިޔުކޭޝަނަށް މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ގޮތުން ޚާއްޞަ ފޭސްބުކް ޕޭޖެއް، "ފޮޅޭމާ" (ޕްރޮމޯޓިންގ އިންކްލޫސިވިޓީ)ގެ ނަމުގައި ފަރުމާކުރައްވައި، އެ ޕޭޖް، ކާމިޔާބުކަމާއެކު ގެންދަވަނީ ހިންގަވަމުންނެވެ. އަދި ރޭޑިއޯ މެދުވެރިކޮށްގެންވެސް، އިންކްލޫސިވް އެޑިޔުކޭޝަނާ ގުޅޭ މަޢުލޫމާތު ތަފާތު ޕުރޮގްރާމުތަކުގައި ހިއްސާ ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިންނަށާއި، ޔުނިވަރސިޓީތަކުގެ ދަސްކުރާ މުދައްރިސުންނަށްވެސް، އިންކްލޫސިވް އެޑިޔުކޭޝަނަށް އަހުލުވެރި ކުރުވުމުގެ ތަފާތު ސެޝަންތައް ނުހަނު ޝައުޤުވެރިކަމާއެކު ހިލޭސާބަހަށް، ޒަޢީމާ ނަންގަވައިދެއްވައިފައި ވެއެވެ.

2021 ވަނަ އަހަރު، ޢާއިޝަތު ޒަޢީމާ ވަނީ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ވަޒީފާގެ ބާޒާރަށް ނެރުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން "ޝާމިލު ރާސްތާ- ބާރުވެރި ޒުވާނާ" މިނަމުގައި ކޮންސެޕްޓެއް ފަރުމާ ކުރައްވައި، އެފަދަ ދަރިވަރުން ޕްރޮފައިލް ކުރާނެ ގޮތާއި، އަޖުމަ ބެލުމުގެ މަރުޙަލާ ކުރިއަށް ގެންދާނެ ގޮތުގެ ކަރުދާހެއް އެކުލަވައިލައްވައި، މި ކަމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފައެވެ. މީގެ އިތުރުން، ކޯވިޑު-19ގެ ޙާލަތުގައިވެސް ޒަޢީމާ ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާނެ ގޮތްތަކަށް ބެލެނިވެރިން އަހުލުވެރިކުރުވުމުގެ ޕުރޮގްރާމެއް ފަރުމާ ކުރައްވައި، މާލޭގައި ހިންގާ ސްކޫލުތަކުގެ ސްޕެޝަލް އެޑިޔުކޭޝަން ލީޑިންގ ޓީޗަރުންނާ ގުޅިގެން އެ ޕުރޮގުރާމު ކުރިއަށް ގެންދަވައިފައެވެ. އެ ޕުރޮގުރާމުގައި 450 އަށްވުރެ ގިނަ ބެލެނިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެއްވައިފައި ވެއެވެ.

ޢާއިޝަތު ޒަޢީމާ މި ދާއިރާއިން ހޯއްދަވައިފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަންނީ ގޮތުން ޚިދުމަތް ކުރެއްވުމުގެ ރޮނގުން "ޑިސްއެބިލިޓީ އެވޯޑް 2014" ހާސިލުކުރެއްވުން ހިމެނެއެވެ. އަދި އޮސްޓްރޭލިޔާގެ ކްއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީން ދޭ "ކިޔު.ޔޫ.ޓީ. އިމްޕެކްޓް އެމްބެސެޑަރ ޓު މޯލްޑިވްސް ފޮރ އަ ޓްރާންސްފޮމެޓިވް ކޮންޓްރިބިއުޝަން ޓު ދަ ރިއަލް ވާރލްޑް 2021"ގެ އެވޯޑް، އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ޒަޢީމާ ހާސިލު ކުރައްވައިފައިވެއެވެ.