އަލްފާޟިލް މުޙައްމަދު ޔޫސުފް
ގުލްރައުނާގެ/ރ.އަލިފުށި

 

އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތުގެތެރެއަށް މުޙަންމަދު ޔޫސުފު ވެދެވަޑައިގަތީ، 1984 ވަނައަހަރު، އޭރުގެ އާރު.ވައި.ވީ.ޓީ.ސީ.އިން އަލިފުށީގައި ހިންގި ބޯޓް ބިލްޑިންގ ކޯސް ފުރިހަމަކުރެއްވުމަށްފަހުގައެވެ.
 
މުޙަންމަދު ޔޫސުފު ވަނީ ދޯނިފަހަރާއި، ސްޕީޑް ލޯންޗްފަހަރު އަދި ސަފާރީ އުޅަނދުފަހަރު ބަނުމާއި ފަރުމާ ކުރުމުގެ މަސައްކަތް، ގިނަ ބަޔަކަށް ދަސްކޮށްދެއްވާފައެވެ. ޖުމްލަ 292 ފަރާތަކަށް މި މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ. މީގެތެރޭގައި، ސްޕީޑް ވާރކަރސް ލެވެލްއަށް 108 ފަރާތަކަށް، ސެޓްފިކެޓް ލެވެލް 1ގެ ފެންވަރަށް 87 ފަރާތަކަށް، ސެޓްފިކެޓް ލެވެލް 3ގެ ފެންވަރަށް 16ފަރާތަކަށް އަދި އެޑްވާންސްޑް ސެޓްފިކެޓް ލެވެލް ފެންވަރަށް 90 ފަރާތަކަށް، މިމަސައްކަތް ދަސްކޮށްދެއްވާފައިވާކަން ފާހަގަކުރެވެއެވެ. މުޙަންމަދު ޔޫސުފު މަސައްކަތް ދަސްކޮށްދެއްވި ގިނަ ފަރާތްތަކުން ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ހިސާބުގައި، އޮޑިދޯނިފަހަރު ބަނުމާއި ފަރުމާ ކުރުމުގެ މަސައްކަތުގެ އިތުރުން، ލަކުޑިއާއި ފައިބަރގްލާސް އުޅަނދުފަހަރު ބަނުމުގެ މަސައްކަތް، ފުޅާ ދާއިރާއެއްގައި ކުރަމުންގެންދާކަން އެއީ މުޙަންމަދު ޔޫސުފަށް މިރޮނގުން ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބިއެކެވެ.
 
އުޅަނދުފަހަރު ފަރުމާކުރުމާއި ބަނދެދިނުމުގެ ޚިދުމަތުގައި މުޙަންމަދު ޔޫސުފް މިވޭތުކުރެއްވި 28 އަހަރަށްވުރެ ދިގުމުއްދަތުގައި މިހާތަނަށް 70 ފޫޓު ދިގުމިނުގެ 45 މަސްދޯނި އެކިފަރާތްތަކަށް ފަރުމާ ކޮށްދެއްވާފައި ވެއެވެ. އަދި 95 ފޫޓުގެ 15 ސަފާރީ އުޅަނދާއި، 15 ފޫޓުގެ 10 ސްޕީޑް ލޯންޗްވެސް ފަރުމާކޮށްދެއްވާފައި ވެއެވެ. މީގެއިތުރުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާއާ ގުޅިގެން، ޖަޕާނު ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވި ހިލޭ އެހީގެ ދަށުން 85 ފޫޓުގެ ފައިބަރ ގްލާސް 5 މަސްދޯނި ބަނދެ، ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރައްވާފައިވެއެވެ. އަދި އެކިފަރާތްތަކަށް، 35 ފޫޓުގެ 14 ދޯނި، އޭނާ ބަނދެދެއްވާފައިވެއެވެ. ކަންނެލީގެ މަސްވެރިކަމުގައި، މަސް ފިނިކުރުމާއި، އެކްސްޕޯޓް ކުރުމަށް ތައްޔާރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 110 ފޫޓުގެ ފައިބަރ ގްލާސް ބާޖެއްވެސް 2007 ވަނަ އަހަރު ބަންނަވާފައިވެއެވެ.
 
ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ރާއްޖެއިން ބޭރުގެ ދެފަރާތެއްގެ ދެ ސަފާރީ އުޅަނދާއި، ދެ އެކްސްކަރޝަން ދޯނި ބެންނެވުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން އެބަ ގެންދަވައެވެ. މި އިންވެސްޓްމަންޓުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ފައިދާކޮށް، އަލިފުށީގެ 150 މީހުންނަށް ވަޒީފާގެ ފުރުސަތު ލިބި، ރަށުގެ އާމްދަނީ އިތުރުވެފައިވާކަން މުޙައްމަދު ޔޫސުފް ފާހަގަކުރައްވައެވެ. މިއީ 165 ފޫޓުގެ ދެ ސަފާރީއެވެ. މީގެތެރެއިން އެއް ސަފާރީ، އަންނަ އަހަރުގެ ޖެނުއަރީ މަހު ނިންމޭވަރަށް ހަލުވިކޮށް މަސައްކަތް ކުރައްވަމުން އެބަ ގެންދަވައެވެ. މިއީ ރާއްޖޭގައި ފައިބަރގްލާސްއިން މިހާތަނަށް ބަނދެވޭ އެންމެބޮޑު އުޅަނދެވެ.
 
އުޅަނދުފަހަރު ބަނުމާއި ފަރުމާކުރުމުގެ ދާއިރާއިން މީހުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަތަރު ޕްރޮގްރާމެއް، ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި މުޙަންމަދު ޔޫސުފު ހިންގަވާފައިވެއެވެ. މިގޮތުން، ށ.މަރޮށީގަޔާއި، ރ.އިނގުރައިދޫގަޔާއި، ގދ.މަޑަވެލީގަޔާއި، ސ.ހިތަދޫގައި މިޕްރޮގްރާމްތައް ހިންގެވިއެވެ. މިދާއިރާގައި ޙަރަކާތްތެރިވާ ކުދިންނަށް، އެކުދިންގެ މަސައްކަތުގެ ފަންނުވެރިކަން އިތުރަށް ތަރައްޤީކޮށްދެއްވުމަށްޓަކައި ފަރުމާ ކުރުމާއި، ފައިބަރގްލާސް އުޅަނދުފަހަރު ބަނުމުގައި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން ހިލޭސާބަހަށް މަޢުލޫމާތު ފޯރުވައިދެއްވާފައިވެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި، އޮޑިދޯނިފަހަރު ފަރުމާ ކުރުމާއި، ފައިބަރގްލާސް މަސައްކަތް ކުރުމުގައި، މިހާރު ޙަރަކާތްތެރިވާ ގިނަ ކުދިންނަކީ، މުޙަންމަދު ޔޫސުފްގެ ދަރިވަރުންނެވެ.