އަލްފާޟިލް އިބްރާހީމް މަމްދޫޙް
ސީނާ ރ. ރަސްމާދޫ

އިބްރާހީމް މަމްދޫޙް، ނުވަތަ އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވެފައިވާ ނަމުން ދަންނަވާނަމަ "މަންޑޭ"އަކީ، ވަރަށް ކުޑައިރުއްސުރެ ބޮޑުބެރު ޖެހުމުގެ ޝައުޤުވެރިކަން ހުންނަ ބޭފުޅެކެވެ. އެ ޝައުޤުވެރިކަން އުފެދިގެންއައީ، މަމްދޫޙުގެ އުފަންރަށް ރަސްމާދުއަކީ ޒަމާނުއްސުރެވެސް ސަގާފީ ކުޅިވަރުގައި ރާއްޖޭގައި މަޝްހޫރު ރަށަކަށްވެފައި، މަމްދޫޙުގެ ކާފައަކީ ބޮޑުބެރު ޖެހުމަށް އެރަށުގައި މަޝްހޫރު ބޭފުޅަކަށް ވުމުންނެވެ. މަމްދޫޙު ވަނީ ވަރަށް ޅަ އުމުރުގައި ކާފަގެ އަރިހުން އެ ހުނަރު ދަސްކުރައްވައިފައެވެ.

ބޮޑުބެރުގެ ރޮނގުން އިބްރާހީމް މަމްދޫޙް، ޕްރޮފެޝަނަލް ގޮތެއްގައި މަސައްކަތް ކުރައްވަން ފެށްޓެވީ 1999 ވަނަ އަހަރުއެވެ. ފުރަތަމަ މަސައްކަތް ފެށްޓެވީ، އިބްރާހީމް މަމްދޫޙާއި، މަމްދޫޙުއާ އެކީގައި މަދްރަސަތުލް އަމީރު އަޙްމަދުގައި އޭރު ކިޔަވަމުން ގެންދިޔަ ބައެއް ރަޙްމަތްތެރިންނާ ގުޅިގެން އުފެއްދި ގުރޫޕެއްގެ ތެރެއިންނެވެ. މި ގުރޫޕުގެ ހުނަރުވެރިކަން ތަރައްޤީވެ، ގުރޫޕެއްގެ ގޮތުގައި "ހަރުބީ" އުފެދިގެންދިޔައެވެ. އިބްރާހީމް މަމްދޫޙް، އާންމުންގެ ތެރެއަށް އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2010 ވަނަ އަހަރު، އެމް.އެން.ބީ.ސީ.އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ބޮޑުބެރު ޗެލެންޖުން، މަމްދޫޙުގެ ހުނަރު ފެނިގެން ދިޔަ ހިސާބުންނެވެ. ނަތީޖާއެއްގެ ގޮތުން "ހަރުބީ" ގުރޫޕުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ މަގާމު އިބްރާހީމް މަމްދޫޙަށް ލިބިވަޑައިގެންނެވިއެވެ. ހަމައެއާއެކު، ވިދިގެންއައި 2011 ވަނަ އަހަރު އެމް.އެން.ބީ.ސީ.އިން ހިންގި ބޮޑުބެރު ޗެލެންޖުންވެސް ގިނަ ގުރޫޕުތަކަކާ ވާދަކޮށްގެން، އިބްރާހީމް މަމްދޫޙް ނިސްބަތްވާ "ހަރުބީ" ބޮޑުބެރު ގުރޫޕުން ޗެމްޕިއަންކަން ހޯދިއެވެ.

"ބޮޑުބެރު ޗެލެންޖް" މުބާރާތުގެ ފުރަތަމަ އަހަރާއި ދެވަނަ އަހަރު ހަރުބީ ބޮޑުބެރު ގުރޫޕަށް ކާމިޔާބު ލިބުމުގައި މަމްދޫޙް އަދާކުރެއްވި ދައުރު ވަރަށްވެސް ބޮޑެވެ. ނަތީޖާއަކަށް ވެގެންދިޔައީ، މަމްދޫޙުގެ މޭސްތިރިކަމާއެކު ބޮޑުބެރަށް ޒަމާނީ އިންޤިލާބެއް އައުމެވެ. މި އިންޤިލާބުގެ އަޑާއި މޫނަކަށް ވެގެންދިޔައީ މަމްދޫޙްކަމާމެދަކު ދެބަސް ވެވޭކަށް ނެތެވެ. ރާއްޖެއިން ބޮޑުބެރު އުވިދާނޭ ކަމުގެ ބިރު ހީވެފައިވަނިކޮށް މިހާރު މުޅި ރާއްޖޭގައި މިއޮތް ފޯރިގަދަ ބޮޑުބެރު މި ހިސާބަށް ގެނެސްދެއްވި އެންމެ ވަރުގަދަ އެއް މޭސްތިރި ކަމަށްވާ އިބްރާހީމް މަމްދޫޙް ވަނީ ގިނަ ކާމިޔާބީތަކެއް ހޯއްދަވައިފައެވެ. ބޮޑުބެރުގެ ޝޯތައް ހުށަހަޅުއްވައިދެއްވުމަށްޓަކައި މަމްދޫޙް ވަޑައިނުގަންނަވާ އެއްވެސް އަތޮޅެއް މި ރާއްޖޭގައި ނެތްކަން ފާހަގަކޮށްލަމެވެ. ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި މަންޒިލްތަކުގައި އިޝްތިހާރުކޮށް، ރާއްޖޭގެ ސަގާފަތާއި ކުޅިވަރުގެ ސަގާފަތް ކުރިއެރުވުމަށް ދިވެހިރާއްޖެ ތަމްސީލު ކުރުމުގައި އިބްރާހީމް މަމްދޫޙާއެކު "ހަރުބީ" ބޮޑުބެރު ގުރޫޕުން ކުރަމުން ގެންދަނީ މުޅި ޤައުމުވެސް ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެކެވެ. މިގޮތުން މިހާތަނަށް ދުނިޔޭގެ 9 ޤައުމަކަށް ޒިޔާރަތްކޮށް، މަމްދޫޙާއި، ހަރުބީ ބޮޑުބެރު ގުރޫޕު ވަނީ 19 ޝޯ ހުށަހަޅައިދީފައެވެ.

ޒުވާނުންނަށް ބޮޑުބެރު ޖަހަން ދަސްކޮށްދެއްވައި، މި ދާއިރާއަށް ޒުވާނުން ނެރުއްވުމުގެ މަސައްކަތުގެ އިތުރުން، އިޖުތިމާޢީ އަދި ފަރުދީ ކަންކަމުގައްޔާއި، ޚާއްޞަ ކަންކަމަށް ފަންޑްރެއިޒިންގ ފަދަ، މުޖުތަމަޢަށް ފައިދާހުރި އެތައް ކަމެއްގައި، އިބްރާހީމް މަމްދޫޙް އިސްކޮށް ހުންނަވައި، ހަރުބީ ބޮޑުބެރު ގުރޫޕާއެކީގައި ގެންދަވަނީ ހިލޭސާބަހަށްވެސް މަސައްކަތް ކޮށްދެއްވަމުންނެވެ.