އަލްފާޟިލާ ޢާބިދާ އިސްމާޢީލް ޢަލީ
މ. ކަނޑޫކުރި

މަސައްކަތްތެރިކަމުގެ ދާއިރާއިން މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ޢާބިދާ އިސްމާޢީލް ޢަލީއަކީ، ފެހުމުގެ މަސައްކަތް އަމިއްލައަށް ދަސްކުރައްވައިގެން، އުމުރުން އެންމެ 13 އަހަރުގައި މަސައްކަތް ފެށްޓެވި ބޭފުޅެކެވެ. މިހާރުވެސް ޢާބިދާ ގެންދަވަނީ އެ މަސައްކަތް ކުރައްވަމުންނެވެ. ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި މެދުނުކެނޑި މި މަސައްކަތް ޢާބިދާ ކުރެއްވީ އަދި މިހާރުވެސް ކުރައްވަމުން ގެންދަވަނީ ޢާބިދާގެ ހިތްޕުޅުގައި މިކަމަށް އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމުންނެވެ.

ޢާބިދާ އެންމެ ފުރަތަމަ ފެއްސެވީ އަންހެނުންނާއި، ފިރިހެނުންނާއި، ކުޑަކުދިންގެ އަންނައުނެވެ. އޭރު އެ ހެދުންތަކުގެ މާކެޓް، ރާއްޖޭގެ އިތުރުން ސްރީލަންކާގައިވެސް އޮތުމާއެކު، ސްރީލަންކާއަށްވެސް ގިނަ އަދަދެއްގެ ހެދުންތައް ވިއްކެވިއެވެ. ތަފާތު އެކި ފެޝަންތަކަށް ހެދުން ފަރުމާކުރައްވައި، އަދި އެ ފެޝަންތައް ޢާންމުންގެ ތެރޭގައި މަޤްބޫލު ފެޝަންތަކަކަށް ވެގެންދިޔުމަކީ، ޢާބިދާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްވަރެކެވެ.

1988 ވަނަ އަހަރު އޭރުގެ ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުން ހުޅުއްވައިލެއްވި ދިވެހި ޤައުމީ ހެދުން ފަރުމާކުރުމުގެ މުބާރާތުގައިވެސް ޢާބިދާ ބައިވެރިވެވަޑައިގެން، ހެދުން ފަރުމާ ކުރެއްވިއެވެ. އެގޮތުން، ފަރުމާ ކުރެއްވުމުގައި، ޤައުމީ ހެދުމެއްގައި ހުންނަންޖެހޭ ޤައުމީވަންތަކަން ވީހާވެސް ބޮޑަށް ދައްކަވައިދެއްވުމަށް ޢާބިދާ ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ.

ފެހުމުގެ މަސައްކަތް ޢާބިދާ މިހާރު ޚާއްޞަ ކުރައްވައިފައިވަނީ، ދިގުހެދުން ނުވަތަ ފާސްކުރި ހެދުމަށެވެ. އެއްކަމެއްގައި އެހާ ގިނަ ދުވަހު ޢާބިދާ ދެމިހުންނެވުމުގެ އެންމެބޮޑު ސަބަބަކީ، ޢާބިދާ އަރިހުން ހެދުން ފައްސަވާ ބޭފުޅުން ޢާބިދާއަށް ކުރައްވާ އިތުބާރާއި، އަދި ޢާބިދާ ފައްސަވާ ހެދުންތަކަކީ، އެބޭފުޅުން ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ފެންވަރަށް ފައްސަވާ ހެދުންތަކަކަށްވުމެވެ. ހަމައެއާއެކު، އެބޭފުޅަކު އެ ބޭނުންފުޅުވާ ފެންވަރަކަށް، އެ ބޭނުންފުޅުވާ ގޮތަކަށް ހެދުން ފައްސަވައިދެއްވާކަން އެއީވެސް، ހެދުން ފަހަން އެދޭ މީހުން ޢާބިދާއަށް ކުރާ އިތުބާރު ބޮޑުވުމުގެ ހެއްކެކެވެ.

ހެދުން ފެއްސެވުމުގައި ޢާބިދާ އަބަދުވެސް ބައްލަވަނީ ވީހާވެސް ފަރުވާތެރިކަމާއެކު ފެއްސެވުމަށެވެ. މިން ނަންގަވައިގެން، އެ މިންތަކާ އެއްގޮތަށް ހެދުން ކަނޑުއްވައި ފައްސަވައި ނިމޭއިރު، އެ ހެދުމަކަށް އިތުރަށް ގެންނަންޖެހޭ ބަދަލެއް ނޯވެއެވެ.

ޢާބިދާއަކީ ފެހުމުގެ ރޮނގުން މީހުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، ހެދުން ފަހަން ދަސްކުރަން އަންނަ ކުދިންނަށް ހެދުން ކަނޑާނެގޮތް ދަސްކޮށްދެއްވައި، ދިގު ހެދުމަށް މިން ނެގުމާއި، ހެދުން ފަހާނެގޮތް ދަސްކޮށްދެއްވިއެވެ. ޢާބިދާ ހިތްޕުޅުހަމަޖެހޭވަރަށް ފެހުމަށް ޝައުޤުވެރިވާ ކުދިން މި މަސައްކަތް ދަސްކުރަން އަންނަލެއް މަދުކަން އެއީ، ޢާބިދާ ހިތާމަކުރައްވާ ކަމެކެވެ. އެހެން ނަމަވެސް، ޢާބިދާ މިހާރުވެސް ހުންނެވީ، ދަސްކުރަން ބޭނުންވާ މީހުންނަށް މަސައްކަތް ދަސްކޮށްދެއްވަން ތައްޔާރަށެވެ. ޢާބިދާ ވަނީ އަންނަން އޮތް ޖީލުތަކަށް މި މަސައްކަތް ވާސިލުކޮށްދެއްވުމަށްޓަކައި، ވީޑިއޯ ހައްދަވައި ޢާންމު ކުރައްވައިފައެވެ.

ޢާބިދާ ވަނީ، ވިމެން އެންޑް މެނޭމަންޓުން ދޭ ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2021 ވަނަ އަހަރު ހާސިލު ކުރައްވައިފައެވެ. އަދި ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް، އޮންޓަރ ޕްރިނިއަރ އޮފް ދަ އިޔަރ އެވޯޑް، މި އަހަރު ވަނީ ހާސިލު ކުރައްވައިފައެވެ. މި އެވޯޑު ދެއްވުން އޮތީ ސްރީލަންކާގެ ކޮޅުނބުގައެވެ.

ފެހުމުގެ މަސައްކަތުގައި މިހާ ދިގު މުއްދަތެއް ޢާބިދާ ހޭދަކުރައްވައިފައިވީނަމަވެސް، މި ފަންނާ ދުރަށް ވަޑައިގަތުމުގެ ވިސްނުންފުޅެއް ޢާބިދާ ނުގެންގުޅުއްވައެވެ. ބޭނުންފުޅުވަނީ ޞިއްޙަތު ތަންދޭ ކަމަށްވާނަމަ، މިކަމުގައި ދެމިހުންނަވައި، މި ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ދެއްވުމަށެވެ.