އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި އަޙްމަދު ޢަލީމަނިކުގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދިވެހި ޤައުމަށް ލިބިފައިވަނީ ސްކައުޓް ހަރަކާތުގެ ތެރެއިންނެވެ. ބައިނަލްއަޤުވާމީ ސްކައުޓް ހަރަކާތަކީ، ދުނިޔޭގެ ޒުވާނުން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ހިންގޭ ޒުވާނުންގެ އެންމެ ބޮޑު، އެންމެ މަޤުބޫލު ހަރަކާތެވެ. ސްކައުޓް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު އަޙްމަދު ޢަލީ މަނިކަށް ލިބިވަޑައިގަތީ، މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވި ދުވަސްވަރުގައެވެ. ހިލޭސާބަހަށް މަސައްކަތްކުރާ މި ހަރަކާތުގައި އުޅުއްވުމުގެ ސަބަބުން، އިޖުތިމާޢީ މަސައްކަތަށް ވަރަށްބޮޑަށް ލޯބިޖެހި، އެކަމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެއްވަން ފެށްޓެވިއެވެ. އެ ޝައުޤުވެރިކަމުގައި، މަދުރަސީ ދައުރު ނިންމަވައިލެއްވުމަށްފަހުގައިވެސް ސްކައުޓް ހަރަކާތްތަކުގައި އަޙްމަދު ޢަލީމަނިކު ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ.
އިޖުތިމާޢީ ޚިދުމަތުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 35 އަހަރަށްވުރެ ގިނަދުވަސްވީއިރު، އަޙްމަދު ޢަލީމަނިކަކީ، މި ދާއިރާއިން، ޚާއްޞަކޮށް ރާއްޖޭގައި ސްކައުޓް ޙަރަކާތްތައް ކުރިއަށް ގެންދެވުމުގައްޔާއި، މި ޙަރަކާތް ރާއްޖޭގައި ތަރައްޤީ ކުރެއްވުމަށް އެއްވެސް ވަރުބަލިފުޅުކަމެއްނެތި ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް އެކަމުގައި ދެމިހުންނެވި ބޭފުޅެކެވެ.
މޯލްޑިވްސް ބޯއި ސްކައުޓް އެސޯސިއޭޝަން ރަޖިސްޓަރީ ވުމަށްފަހު، އެ އެސޯސިއޭޝަންގެ ކައުންސިލުގެ މަގާމެއްގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތު 1988 ވަނަ އަހަރުގެ ތެރޭގައި، އަޙްމަދު ޢަލީމަނިކަށް ލިބިވަޑައިގަތެވެ. ފުރަތަމަ ލިބިވަޑައިގަތީ، ޓްރެޜަރަރއެއްގެ މަގާމެވެ. އޭރުއްސުރެ އެ ޖަމާޢަތުގެ ތަފާތު އިސް މަގާމުތަކުގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވަމުންދިޔައެވެ. އަޙްމަދު ޢަލީމަނިކުގެ އިޖުތިމާޢީ މަސައްކަތްތަކުގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރގެ މަގާމު، ދިހަވަރަކަށް އަހަރު އަދާކުރައްވައިފައި ވުމެވެ. އެ މަގާމަކީ، ދުނިޔޭގެ ސްކައުޓް ހަރަކާތް ހިމެނޭ މެންބަރު ޤައުމުގައި އެންމެ މުހިންމު އެއް މަގާމެވެ. އެ މަގާމުގައި ހުންނަވައިގެން، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ފަޚުރުވެރިވާފަދަ ގިނަ ކަންތައްތަކެއް އަޙްމަދު ޢަލީމަނިކު ކޮށްދެއްވައިފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޢާންމު ޚިދުމަތުގެ ޤައުމީ އިނާމާއި، ތިމާވެށްޓަށް ޚިދުމަތްކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ފެހިފަތް" ސްކައުޓް އެސޯސިއޭޝަނަށް ހޯއްދަވައި ދެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ސްކައުޓުން، އޭޝިއާ ޕެސިފިކް ރީޖަންގެ އެކި ހަރަކާތްތަކުގައި ބައިވެރިކުރައްވައި، ދެ ފަހަރެއްގެ މަތީން އޭޝިއާ ޕެސިފިކް ރީޖަންގެ އައުޓް ސްޓޭންޑިންގ ސްކައުޓެއްގެ މަގާމު ދިވެހި ދެ ސްކައުޓަކަށް ލިބުމާއި އަދި މީގެއިތުރުންވެސް ތަފާތު މަގާމުތަކާއި ޝަރަފް ހާސިލުކުރުމުގެ ފުރުޞަތު ދިވެހި ސްކައުޓުންނަށް ހޯއްދަވައި ދެއްވައިފައި ވެއެވެ. ހަމަ އެހެންމެ، ރާއްޖެއިން ބޭރުގައި ބޭއްވުނު ތަފާތު ގިނަ ސްކައުޓް ޖަމްބޮރީތަކާއި، އެފަދަ މުހިންމު އެހެން ހަރަކާތްތަކާއި، ތަފާތު ސެމިނަރތަކާއި ވަރކްޝޮޕްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، ރާއްޖޭގެ ސްކައުޓުންނަށް ހޯއްދަވައިދެއްވައިފައި ވެއެވެ. އަޙްމަދު ޢަލީ މަނިކު، ސްކައުޓް ހަރަކާތްތަކުގައި ޢަމަލީގޮތުން އުޅުއްވި ދުވަސްވަރު، ލީޑަރުން ތަމްރީނު ކުރެއްވުމުގައިވެސް އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.
އޭޝިޔާ ޕެސިފިކް ރީޖަންގެ ތަފާތު ސަބް ކޮމިޓީތަކުގެ މެންބަރުކަމާއި، ވައިސް ޗެއަރމަންކަން އަޙްމަދު ޢަލީމަނިކު އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުންވެސް އޭޝިޔާ ޕެސިފިކް ރީޖަނަލް ސްކައުޓް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި 2015 އިން 2022 އަށް ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު އަޙްމަދު ޢަލީމަނިކަށް ލިބިވަޑައިގެންނެވިކަމީވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އަދި މިކޮމިޓީތަކުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ތަފާތު ގިނަ ސްކައުޓް ކޮންފަރެންސްތަކާއި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ކޮމިޓީތަކުގައި މަސައްކަތް ކުރެއްވުމުގެ ސަބަބުން އޭގެ ފައިދާ، ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނަށް ލިބިގެން ދިޔައެވެ.
އޭޝިޔާ ޕެސިފިކް ރީޖަންގެ ތަފާތު ޤައުމުތަކުން، މެޑެއްޔާއި ލިޔުން އަޙްމަދު ޢަލީ މަނިކަށް ލިބިވަޑައިގެންފައިވާކަމީވެސް، ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އަދި، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އަގުހުރި ޚިދުމަތްކުރާ ފަރާތްތަކަށް އެ އެސޯސިއޭޝަނުން ދޭ އެންމެ މަތީ ޝަރަފް ކަމަށްވާ "ސިލްވަރ ޓޫނާ" ރާއްޖޭގެ ޗީފް ސްކައުޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، އަޙްމަދު ޢަލީމަނިކަށް މި އަހަރު އަރުވައިފައެވެ.
2002 ވަނަ އަހަރު ރަޖިސްޓަރީ ކުރެވުނު ބީ.ޕީ. ގިލްޑް އޮފް މޯލްޑިވްސް އަދި މިހާރު މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގެ މަސްއޫލުވެރިންގެ ތެރޭގައި އަޙްމަދު ޢަލީމަނިކު ވެސް ހިމެނެ އެވެ. މި ޖަމުއިއްޔާގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ ރާއްޖޭގެ ސްކައުޓް ހަރަކާތަށާއި ގައިޑް ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެއިތުރުން މިޖަމުޢިއްޔާގެ މެންބަރުންގެ މެދުގައި ސްކައުޓާއި ގައިޑް ހަރަކާތްތަކަށް އޮންނަ ޝައުޤުވެރިކަމާއި އެކުވެރިކަމުގެ ތެރެއިން، އިޖުތިމާޢީ ތަފާތު މަސައްކަތްތައް ކުރެވޭކަމީވެސް، އަޙްމަދު ޢަލީމަނިކުގެ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލަންޖެހޭ ކަންކަމެވެ. އަދި މިހާރު މި ޖަމުޢިއްޔާއަކީ، އިންޓަރނޭޝަނަލް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގެ ފުރިހަމަ މެންބަރުކަން ލިބިފައިވާ ޖަމުޢިއްޔާއެއްވެސް މެއެވެ.
ދިވެހި ސްކައުޓުން، އަޙްމަދު ޢަލީ މަނިކު ސިފަކުރައްވަނީ ވަރަށް އިޚްލާޞްތެރި، ޚިދުމަތްތެރި ސްކައުޓް ލީޑަރެއްގެ ގޮތުގައެވެ. ޗީފް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކުރިއެރުވުމަށާއި، ލީޑަރުންނާއި ސްކައުޓުންނަށް ތަފާތު އެކިއެކި ފުރުޞަތުތައް ހޯއްދަވައިދެއްވަމުން ގެންދެވި ލީޑަރެއްގެ ގޮތުގައެވެ.
އަޙްމަދު ޢަލީމަނިކުގެ އެންމެ ޒުވާން ދައުރުގައި، މާފަންނު އަވަށުގެ އިޖުތިމާޢީ އެކިއެކި މަސައްކަތްތަކުގައި އުޅުއްވައިފައި ވެއެވެ. އެ އަވަށުގެ ރައްޔިތުން އެދުވަސްވަރު އިޖުތިމާޢީ ގޮތުން ކުރަމުން ގެންދިޔަ ހުރިހާ ކަމެއްގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަޙްމަދު ޢަލީމަނިކަކީ، 2013 ވަނަ އަހަރު "ރިޓަޔަރީސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް" އަދި މިހާރު "ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާ" އުފެއްދުމުގައިވެސް ބައިވެރިވެވަޑައިގެންނެވި، އެ ޖަމުޢިއްޔާގެ މުއައްސިސެކެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން އެ ޖަމުޢިއްޔާގެ ނައިބު ރައީސް ކަމުގެ މަގާމު އަދާކުރައްވަމުން ގެންދެވުމާއެކު، ޖަމުޢިއްޔާގެ އެކިއެކި ހަރަކާތްތަކުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ.
އަޙްމަދު ޢަލީމަނިކަކީ، ތަފާތު މަގާމުތަކުގައި ހުންނަވައިގެން ދައުލަތަށްވެސް 37 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައެވެ.