އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި އަލްފާޟިލާ ޒަރީނާ އަޙްމަދުދީދީއަކީ، 1976 ވަނަ އަހަރުން ފެށިގެން ފޫޅުމައިކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވައިފައިވާ ބޭފުޅެކެވެ. މިކަމަށް ޝައުޤުވެރިކަން އުފެދުނީ، ޒަރީނާގެ ޒުވާން އުމުރުގައި، އޭރު މަޝްހޫރު ފޫޅުމައެއް ކަމުގައިވާ ޒަރީނާގެ ލޮބުވެތި މަންމަ އައިސާފުޅާއެކުގައި މި މަސައްކަތް ކުރައްވަމުން ގެންދެވުމާ އެކުގައެވެ. އެކަމަށް ޒަރީނާގެ ހިތްޕުޅުގައި ޝައުޤުވެރިކަން އުފެދި މަންމަގެ އަރިހުން މަސައްކަތް ދަސްކުރައްވައިގެން މި މަސައްކަތް ފެށްޓެވިއެވެ.
ޒަމާނީ ޑޮކްޓަރީ ބޭސްވެރިކަން ރާއްޖޭގައި އާންމުނުވާ ދުވަސްވަރުން ފެށިގެން، އޭރު އިޖުތިމާޢީ ޚިދުމަތެއްގެ ގޮތުގައި މީހުން ވިއްސުމުގެ މަސައްކަތް ޒަރީނާ ފެށްޓެވިއެވެ. އެންމެ ފުރަތަމަ ފޫޅުމައިކަމުގެ މަސައްކަތް ޒަރީނާ ކުރައްވަމުން ގެންދެވީ، އެހީތެރިއެއްގެ ގޮތުގައެވެ. ފޫޅުމައި ފޮށި ލިބުމާއެކު އަމިއްލައަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވައިގެން، މާލެއާއި އަތޮޅުތެރެއިން 500 އަށްވުރެ ގިނަ މީހުން ވިއްސައި ބޭސްފަރުވާ ކޮށްދެއްވައިފައި ވެއެވެ. ޒަރީނާ ވިއްސާފައިވާ ގިނަ މީހުންގެ ލިސްޓެއް، ފޮތެއްގައި ލިޔުއްވައިގެން ބަލަހައްޓަވައިފައި ވެއެވެ. އަދި އެ ފޮތުގައި ނުހިމެނޭ ބައެއް މީހުންވެސް، ދަތުރުތަކުގައި މާލެއަށް ވަޑައިގެން ހުންނަވާ ހުންނެވުމުގައި ވިއްސާފައި ވެއެވެ. މީގެތެރޭގައި ރަސްމީކޮށް ފޫޅުމައިކަމުގެ ތަމްރީނު ފުރިހަމަ ކުރައްވަމުން ގެންދެވި ދުވަސްވަރު، ސެންޓްރަލް ހޮސްޕިޓަލްގައިވެސް އެތާނގެ ނަރުހުންނާއެކު މީހުން ވިއްސުމުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ސީދާ ޒަރީނާގެ ފޫޅުމައިކަމުގައި ނުވިއްސާ މީހުން އެދުމުންނާއި، ވިއްސުމުގައި އެހީތެރިއެއްގެ ގޮތުން ޒަރީނާ ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން އެދުމުން އެފަރާތްތަކަށްވެސް ވިހެއުމަށްފަހު ކުރާ ބޭސްފަރުވާގެ ޚިދުމަތް ދެއްވައިފައި ވެއެވެ. އަދި ބަލިވެއިނުމާ ގުޅިގެން ބަނޑުގައި ތެޔޮފެންލުމާއި، މާބަނޑުދުވަސްވަރު ކެއުން ރަނގަޅުކާނާއާބެހޭ މަޢުލޫމާތު ދެއްވައި، ވިހެއުމާ ގުޅިގެން ބަނޑުގައި ބޭސްބަނުމާއި، ބޮނޑިތާން އެޅުމާއި އަދި އެތެރެއިން ބޯ ބޭސް ތައްޔާރުކޮށްދިނުމާއި، ވިހެއުމާ ގުޅިގެން ކަނޑައިގެންދިޔުން ފަދަ ކަންތައްތަކަށްވެސް ޒަރީނާ ބޭސްކުރައްވަމުން ގެންދެވިއެވެ.
ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް އަތޮޅުތެރޭގައި އުފެދި، އެތަންތަނުގައި ވިހެއުމުގެ ޚިދުމަތް ލިބެން ފެށުމާ ގުޅިގެން ހޮސްޕިޓަލްތަކަށް ވިހަންދިޔުމަށް ބާރުއެޅުމުގެ ގޮތުން ޞިއްޙީ މަރުކަޒުތަކުން ފޫޅުމައިންނަށް ސަރުކާރުގެ ވަޒީފާ ދެއްވަން ފެށްޓެވުމުން، ފޫޅުމައެއްގެ ގޮތުގައި ސ.ފޭދޫ ޞިއްޙީ މަރުކަޒުގައި 13 އޮކްޓޫބަރު 1992 އިން ފެށިގެން 29 ޖަނަވަރީ 2009 ގެ ނިޔަލަށް ޒަރީނާ ވަނީ ޚިދުމަތްކޮށްދެއްވައިފައެވެ. އެދުވަސްވަރު ޞިއްޙީ މަރުކަޒުގައި ފޫޅުމައިން ކުރި މަސައްކަތްތަކުގެ ތެރޭގައިވެސް މާބަނޑު މީހުންގެ ޞިއްޙީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، ކުޑަކުދިންނާއި މާބަނޑު މީހުންގެ ބަރުދަން ބެލުމާއި، ބޭސްދިނުމާއި، ގޭގެޔަށް ޒިޔާރަތް ކުރައްވައި، ޞިއްޙީ މަޢުލޫމާތު ދިނުމާއި، ބޭސް ދިނުމާއި، ފެނުގެ ޒަރީއާއިން ބަލި ފެތުރޭ ދުވަސްވަރު ވަޅުތަކަށް ކްލޯރިން އެޅުމާއި، ވެކްސިން ދިނުމާއި، ބަލިން ރައްކާތެރި ވުމަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، މިނޫންވެސް، ޞިއްޙީ މަރުކަޒުގައި ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުން ހިމެނެއެވެ. ޞިއްޙީ މަރުކަޒުގައި ހޭދަކުރެއްވި ދުވަސްވަރުގައްޔާއި އަދި އޭގެ ފަހުގައިވެސް، ވިހެއުމާ ގުޅިގެން ކުރާ ދިވެހިބޭސް ބަނުމުގެ މަސައްކަތް ކުރެއްވުމުގައްޔާއި، ކުރިންވެސް ދެންނެވި ޚިދުމަތްތަކުގައި 2019 ވަނަ އަހަރުގެ ނިޔަލަށް ޒަރީނާ ދެމިހުންނެވިއެވެ. މިމަސައްކަތުގެ ތެރޭގައި ޒަރީނާ ހިތްވަރު ދެއްވައިގެން އެހީތެރިންގެ ގޮތުގައި މީހުން ގެންގުޅުއްވައި، އެމީހުންނަށް މަސައްކަތް ދަސްކޮށްދެއްވައިފައިވެސް ވެއެވެ. އޭގެ ތެރެއިން ބައެއް މީހުން ދުނިޔެ ދޫކޮށްފައިވާއިރު މަސައްކަތުގައި ދެމިހުރި އެކަކު އަދިވެސް މަސައްކަތް ކުރުމުގައި އެބަހުއްޓެވެ. ވިހެއުމާ ގުޅިގެން ބަންނަ ބޭސް އަދި ބޯ ބޭސް ހެދުމުގައި ގިނަ މީހުންނަށް ޒަރީނާ އެ މަސައްކަތް ކޮށްދެއްވައި، ނަންގަވައިފައިވަނީ ހަމައެކަނި ބޭހުގެ އަގެވެ. އަދި ތަނަވަސްކަން ނެތް މީހުންނަށް މި ކަން ކޮށްދެއްވައިފައިވަނީ މުޅިން ހިލެއެވެ.
ވިހެއުމާ ގުޅިގެން ދެއްވާ ފަރުވާތަކުގެ އިތުރުން، ތަންތަނުން ވެއްޓުމާއި، ފައި ފުރޮޅުމާއި އަދި ކުޅިވަރުގެ ތެރޭގައްޔާއި އެނޫންވެސް ގޮތްގޮތުން މީހުންނަށް ލިބޭ އަނިޔާތަކާ ގުޅިގެން ތެޔޮދެމުމާއި ބޮޑިތާންއަޅައިދިނުން ފަދަ ކަންކަން ޒަރީނާ ކުރެއްވިއެވެ.
ރަށުގައި އަންހެން ޖަމާޢަތްތެރީން މަދު ދުވަސްވަރު އަންހެނުން ހިނަވާނެ މީހަކު ނުވެއްޖެ ހިނދެއްގައި ހިނެވުމަކީވެސް ޒަރީނާ ކޮށްދެއްވި ޚާއްޞަ ޚިދުމަތެކެވެ. މީގެތެރޭގައި، ބޮޑެތި ބަލިތަކުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައި މަރުވާ މީހުން ހިމެނެއެވެ. އަދި ވަރަށް ނުރައްކާތެރި ބައްޔެއްގައި މަރުވި މީހަކު ހިނަވާނެ އަންހެން ޖަމާޢަތްތެރިއަކު ނެތިގެން ރަށުގެ އިސް ދެ ވެރިޔަކު ޒަރީނާގެ ގެޔަށް ވަޑައިގެން، އެ މައްޔިތާ ހިނަވައިދިނުމަށް އެދިވަޑައިގަތުމުން، އިންސާނިއްޔަތުކަން އިސްކުރައްވައި އެ މައްޔިތާ ހިނަވައިދެއްވީވެސް ޒަރީނާއެވެ.
ޒަރީނާއަކީ، ސ.ފޭދޫގައި އަންހެނުންގެ ކޮމިޓީ އުފެދުމުގެ ކުރީންވެސް އަދި ކޮމިޓީ އުފެދުނީއްސުރެ ފެށިގެން އަންހެނުންގެ ކުރިއެރުމަށްޓަކައި ކޮމިޓީގައި ވަރަށް ހަރަކާތްތެރިކަމާއެކު ހިލޭސާބަހަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން ރަށުތެރެ ސާފުކުރުމާއި، ރަށުގައި ފާހަގަކުރާ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމުގެގޮތުން ބާއްވާ ހަރަކާތްތަކުގައި ރަށުގެ އަންހެނުން ބައިވެރި ކުރުވައިގެން ގިނަ މަސައްކަތްތަކެއް ކުރުވުމުގައި ޒަރީނާ އިސްނަންގަވައިގެން އުޅުއްވައިފައި ވެއެވެ. އަދި އަމިއްލަފުޅަށް ޚަރަދު ކުރައްވައިގެންވެސް ކަންކަން ކުރައްވައިފައި ވެއެވެ. އަންހެނުންގެ ކޮމިޓީގައި ޒަރީނާ ކުރެއްވި މަސައްކަތް ފާހަގަކުރެއްވުމުގެ ގޮތުން ސަރުކާރުން އެކި ފަހަރުމަތިން ޒަރީނާއަށްވަނީ ހަނދާނީ ލިޔުން ދެއްވައިފައެވެ. އަދި އަންހެނުންގެ ކޮމިޓީގެ ފަރާތުން ބާއްވައިފައިވާ ކާބޯތަކެތީގެ މައުރަޒުތަކުގައި ބައިވެރިވެވަޑައިގެން ޒަރީނާ ވަނީ އެކި ވަނަތައް ހޯއްދަވައިފައެވެ.
އިޖުތިމާޢީ ރޮނގުން ޒަރީނާ ކުރައްވައިފައިވާ ޚިދުމަތްތަކުގެ މަޢުލޫމާތު، ޒަރީނާ އަރިހުން އިތުރަށް ހޯއްދެވުމަށާއި، ޒަރީނާގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށްލެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީގެ ބޭފުޅުން އައްޑުއަތޮޅަށް ކުރެއްވި ދަތުރުފުޅުންވެސް، ޒަރީނާއަކީ، އައްޑުއަތޮޅަށް އެކަނިވެސް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އަދި ވަރަށް ގިނަ ބޭފުޅުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިފައިވާ ބޭފުޅެއްކަން ކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެއްވުނެވެ. 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޒަރީނާ ކޮށްދެއްވި ޚިދުމަތްތަކަކީ، ޝުކުރުވެރިވުން ޙައްޤު އަދި ޤައުމީ ފެންވަރެއްގައި ބަލައިގަންނަންޖެހޭ ޚިދުމަތްތަކެއް ކަމަށްވެސް ކޮމިޓީން ދެކެވަޑައިގަންނަވައެވެ.
ޒަރީނާގެ އުމުރުފުޅުން މިހާރު 83 އަހަރު ވެފައިވާއިރު، މަސައްކަތް ހުއްޓަވާލައްވައިފައިވަނީ، ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެންނާއި، އުމުރުން ދުވަސްވުމާއެކު ބުރަ މަސައްކަތް ނުކުރެއްވޭތީއެވެ.