އަލްފާޟިލް މުޙައްމަދު ޒާހިރު
މއ. ކިނާރާހައުސް

ރާއްޖޭގައި ތިމާވެށީގެ ރޮނގުން ހުރިހާ ކަމެއްގައިވެސް އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއްބޭފުޅަކީ، މުޙައްމަދު ޒާހިރެވެ. ތިމާވެށީގެ ދާއިރާގައި މަޝްހޫރު ވެފައިވަނީ، "މީމު ޒަވިޔަނި" ގެ ނަމުންނެވެ. ޒުވާން އުމުރުފުޅުގައްޔާއި، މިހާރު އުމުރުފުޅުން 59 އަހަރުވީއިރުވެސް މުޙައްމަދު ޒާހިރަކީ، ތިމާވެށްޓާމެދު ޚާއްޞަ ނަޒަރަކުން ވިސްނައިވަޑައިގަންނަވާ، ތިމާވެށީގެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.

1980ގެ އަހަރުތަކުގެ ފަހުކޮޅާ ހަމަޔަށް އައިއިރުވެސް "ތިމާވެށި" މި ލަފުޒަކީ ދިވެހީންނަށް އެހާ ފަރިތަ ލަފުޒެއް ނޫނެވެ. "ތިމާވެށި"، "މާޙައުލު"، "ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީ" މިއީ މުޙައްމަދު ޒާހިރު، ރާއްޖޭގެ ރައްޔިތުން އެއަށް ހޭލުންތެރިކުރައްވައި އަހުލުވެރިކުރުއްވި ބަސްތަކެކެވެ.

1987 ވަނަ އަހަރު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި ސަރުކާރުން ތިމާވެށްޓާބެހޭ ސެކްޝަނެއް އެންމެ ފުރަތަމަ އުފައްދަވައި، "އެންވަޔަރަންމަންޓް އޮފިސަރ" ގެ މަގާމު ފުރަތަމަ ދެއްވައިފައިވަނީވެސް މުޙައްމަދު ޒާހިރަށެވެ. އިޚްލާޞްތެރިކަމާއި، ހިތްވަރާއެކު މެދުނުކެނޑި މުޙައްމަދު ޒާހިރު ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ފެށުނީއްސުރެ މި ދާއިރާގެ ޚިދުމަތުގައި މިހާތަނަށް ދެމިހުންނެވި ހަމައެކަނި ބޭފުޅަކީ ޒާހިރެވެ.

ސަރުކާރުގެ ވަޒީފާގެ އިތުރުން، 1986ން ފެށިގެން ޢާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށްޓަކައި ދުވަހު ނޫސް "ހަވީރު" ގައި ތިމާވެށްޓާ ބެހޭގޮތުން އެކި ލިޔުންތައް މުޙައްމަދު ޒާހިރު ލިޔުއްވަމުން ގެންދަވައިފައި ވެއެވެ. ޤައުމާއި މުޖުތަމަޢުގެ ތަރައްޤީއަށްޓަކައި މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެއްވި މަސައްކަތް "ހަވީރު" ނޫހުގައި ލިޔުއްވައިފައިވާ "އަޅުގަނޑުމެންގެ މާޙައުލުން" މި ޢިބްރަތްތެރި ސަފުހާއިންވެސް ފެންނާން އެބައޮތެވެ.

މުޙައްމަދު ޒާހިރު، ސަރުކާރުގެ ތިމާވެށްޓާބެހޭ އިދާރާގެ ތަފާތު މަގާމުތައް ފުރުއްވައިފައިވާއިރު، ތިމާވެށްޓާ ބެހޭގޮތުން މުހިންމު ކަންކަމުގައި ސީދާ މިނިސްޓަރަށް ލަފަޔާއި އިރުޝާދު އަރުވާކަމާއި، އެގޮތުން ޒާހިރުގެ ލަފާ، އެކި މިނިސްޓަރުން ބަލައިގެންފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރާ ޤައުމީ މަޖިލީހުގެ އެންމެހައި ކަންކަން ބަލަހައްޓަވައި، އެ މަޖިލީހަށްވެސް އެކި މައްސަލަތަކުގައި އިރުޝާދު ދެއްވައިފައިވާކަން ހަނދާންކޮށްލަންޖެހެއެވެ.

މަދަރުސާ ކުދިންނަށް ބޭނުންވާ ތިމާވެށްޓާބެހޭ ޢިލްމުގެ ޢަމަލީ ތަޖުރިބާ ފުރިހަމަކުރުމަށް ބ.އަތޮޅުގައި ކުރިއަށް ގެންދެވި "ނޭޗަރ ޓްރިޕް" ތަކަކީވެސް 2000 ވަނަ އަހަރުން ފެށިގެން މުޙައްމަދު ޒާހިރު މެދުނުކެނޑި 15 އަހަރު ވަންދެން ކުރިއަށް ގެންދެވި މަސައްކަތެކެވެ. މި ޕުރޮގުރާމުގެ ފައިނޭންޝަލް ޕާޓްނަރ، ސޮނޭވާފުށްޓަށާއި "އީކޯ ކެއަރ" އަށްވެސް އޭރު ސަރުކާރުން ދެއްވަމުން ގެންދެވި "ފެހިފަތް" ދެއްވައިފައި ވެއެވެ. މުޙައްމަދު ޒާހިރު ކުރައްވައިފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، 1990 ވަނަ އަހަރު، ދުނިޔޭގެ ތިމާވެށީގެ ދުވަހު މެކްސިކޯގައި ޔުނެޕްގެ ފަރާތުން ބޭއްވި ޖަލްސާގައި، މުޙައްމަދު ޒާހިރަށް ވަނީ "ގްލޯބަލް 500 ރޯލް އޮފް އޮނަރ"ގެ ޝަރަފު ދެއްވައިފައެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ވާހަކަ ނުދެއްކޭ ޒަމާނެއްގައި، އެ ވާހަކަ ހިފައިގެން ތެދުވެ، ތިމާވެށްޓާ ބެހޭގޮތުން ވަކާލާތުކޮށް، ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރު ކުރެވޭނީ ތިމާވެށި ޙިމާޔަތްކޮށްގެން ކަމުގައި، މީގެ 35 އަހަރު ކުރިން ފެށިގެން ޒާހިރު ވިދާޅުވަމުން ގެންދެވި ގެންދެވުން މިއަދު މުޅި ރާއްޖެއިން ބަލައިގަނެ، މުޅި ޤައުމުގެ ނަޒަރު އެ ދިމާއަށް އަނބުރައިލެއްވުމަށް ކުރެއްވި މަސައްކަތަކީ، މުޙައްމަދު ޒާހިރު މި ދިވެހިރާއްޖެއަށް ތަޢާރުފު ކުރައްވައިފައިވާ އާ ކަންތައްތަކާއި، އާ ވިސްނުމެވެ. އަމިއްލަފުޅަށް ރާއްޖޭގެ ގަސްގަހާގެހީގެ މަޢުލޫމާތުތައް އެއްކުރެއްވުމުގެ މަސައްކަތުގެ ތެރޭގައި، ދިވެހިބޭސްވެރިކަމުގައި ބޭނުންކުރެވޭ ތަފާތު ބާވަތްތައް ވަކިކުރައްވައި، މި ސަރަޙައްދުގައި އެތަކެއްޗަށް ކިޔައި އުޅޭ ނަންތަކާއި، ސައިންޓިފިކް އަދި ދިވެހި ނަންތައް ހޯއްދެވުމުގެ ޢަމަލީ މަސައްކަތް މުޙައްމަދު ޒާހިރު ކުރައްވައިފައި ވެއެވެ.

1980ގެ ތެރޭގައި މާލޭގެ އިރު އުތުރު ކަންމަތިން، ފަރުގައި ރެނދުތަކެއް ލާފައި ހުރި ވާހަކަ މުޙައްމަދު ޒާހިރާއި، ޒާހިރުގެ ރަޙްމަތްތެރިޔަކު އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ވާހަކަ "ހަވީރު" ނޫހުގައި ޝާއިޢު ކުރެއްވިއެވެ. އެކަމަށް ސަމާލުކަން ލިބުނު މިންވަރަކީ، އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފަކު އެކަމާ ބެހޭގޮތުން އެތައް ދިރާސާއެއްކޮށް، އެ މައްސަލައާ ބެހޭގޮތުން އެ މުވައްޒަފު ޑޮކްޓަރޭޓް ތީސީސް ލިޔުއްވައިފައި ވުމެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ ވަޒީފާތަކަށް އެދޭ ބައެއް ކުދިންނާ އިންޓަރވިއު ކުރުމުން، އެމީހުން އެ ދާއިރާގެ ވަޒީފާއަކަށް ކުރިމަތިލީ ކީއްވެގެންތޯ ކުރެވޭ ސުވާލަށް "ތިމަންނާއަކީ ނޭޗަރ ޓްރިޕްގެ ބައިވެރިޔަކަށް ވުމުން، އޭގެ ސަބަބުން ތިމާވެށްޓާމެދު ވަރަށްބޮޑު އިސްކަމެއް ދެވުނީކަމަށް" ބުނެފައިވާކަން މުޙައްމަދު ޒާހިރުގެ މަސައްކަތްޕުޅުގެ ތެރެއިން ފާހަގަކޮށްލެވެއެވެ.

މުޙައްމަދު ޒާހިރުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ތިމާވެށްޓާބެހޭ ހޭލުންތެރިކަން އުފެއްދުމުގެ ރޮނގުން 1989 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވަނީ ދައުލަތުން އަރުވާފައެވެ. މީގެއިތުރުން، 1993 ވަނަ އަހަރު ދިވެހި ނޫސްވެރިކަމުގެ "ރަންގަލަން" އަދި 2019 ވަނަ އަހަރު "އަލިމަސް ގަލަން"ވެސް ސަރުކާރުން ޒާހިރަށް ދެއްވައިފައި ވެއެވެ.

މިއަދު ރާއްޖޭގެ ގިނަ ބަޔަކު ތިމާވެށީގެ ރޮނގުން މުޙައްމަދު ޒާހިރު ބަލައިގެންފައިވަނީ، ނަމޫނާ ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ.