އަޙްމަދު ނާޝިދަކީ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ޕްރައިވެޓް ހޮސްޕިޓަލް ކަމުގައިވާ އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ފައުންޑަރ އަދި ޗެއަރމަންއެވެ. އޭ.ޑީ.ކޭ. ހޮސްޕިޓަލް ނިސްބަތްވަނީ އަޙްމަދު ނާޝިދުގެ ލޮބުވެތި ބައްޕަ އަލްމަރްޙޫމް ޢަބްދުއްރަޙްމާން ދޮންކަލޭފާނަށެވެ. ޢަބްދުއްރަޙްމާން ދޮންކަލޭފާނަކީ، ސަރުކާރުން 1980 ވަނަ އަހަރު ކަމުވޮށި ކަމުގެ ދަރަޖަ އަރުވައިފައިވާ އަދި ޤައުމީ ވަރަށްގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.
އަޙްމަދު ނާޝިދަކީ، ޞިއްޙީ ދާއިރާ އޭރަކު އޮތް ހަރުފަތަކުން އަނެއް ހަރުފަތަށް ގެންދަވައި ތަރައްޤީ ކުރެއްވުމުގެ ވިސްނުންފުޅު އަބަދުވެސް ގެންގުޅުއްވާ ބޭފުޅެކެވެ. އެ ވިސްނުންފުޅާއެކު މަސައްކަތް ފެށްޓެވީ 1987 ވަނަ އަހަރު "މެޑި ކްލިނިކް"ގެ ނަމުގައި ހުޅުވުނު ކުޑަ ކްލިނިކަކުންނެވެ. އެންމެ ޑޮކްޓަރަކާއެކު ޚިދުމަތް ދެއްވަން ފެށްޓެވި ކްލިނިކް، ނާޝިދުގެ ކޮއްކޮގެ ފިރިކަލުން އަލްމަރްޙޫމް ޙަސަން އިބްރާހީމްގެ ބައިވެރިވެވަޑައިގަތުމާ އެކުގައި ކުރެވުނު މަސައްކަތުން 1992 ވަނަ އަހަރުގެ ތެރޭގައި، "އޭ.ޑީ.ކޭ. މެޑިކަލް ސެންޓަރު"ގެ ނަމަށް ބަދަލުކުރައްވައި، 24 ގަޑިއިރު ޚިދުމަތްދޭ ފުރަތަމަ ޕްރައިވެޓް މެޑިކަލް ކްލިނިކަށް ބަދަލުކުރެއްވިއެވެ.
އޭ.ޑީ.ކޭ. މެޑިކަލް ސެންޓަރު ޤާއިމުކުރުމާއެކު، ރާއްޖޭގައި ފުރަތަމަފަހަރަށް ޕްރައިވެޓް ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޝަރަފް އޭ.ޑީ.ކޭ. ގްރޫޕަށް ލިބިގެންދިޔައެވެ. 1990ގެ އަހަރުތަކުގެ ކުރީކޮޅުގައި، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މާލޭގައި އޭރު ހުރި ސެންޓްރަލް ހޮސްޕިޓަލް ހިންގި ޢިމާރާތް، އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމަށް ދިވެހި ސަރުކާރުން ނިންމެވުމާ ގުޅިގެން، މި މަޝްރޫޢަށް ހުޅުވައިލެއްވި ބިޑް، އަޙްމަދު ނާޝިދު ކާމިޔާބު ކުރެއްވިއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި އަމިއްލަ ހޮސްޕިޓަލް ކަމުގައިވާ އޭ.ޑީ.ކޭ. ހޮސްޕިޓަލް 1996 ވަނަ އަހަރު ވަނީ ހުޅުއްވައިފައެވެ. އަޙްމަދު ނާޝިދުގެ ދުރު ވިސްނުންފުޅާއި، ޙިލްމާއި ތަޖުރިބާގެ އަލީގައި، މަލްޓި ސްޕެޝަލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު، އޭ.ޑީ.ކޭ. ހޮސްޕިޓަލް މިހާރު ވަނީ ރާއްޖޭގައި ހުރި އެންމެ ބޮޑު ޕްރައިވެޓް އެއް ހޮސްޕިޓަލަށް ހައްދަވައިފައެވެ.
ރާއްޖޭގައި އަމިއްލަ ފަރާތަކުން ޤާއިމުކުރި ފުރަތަމަ ޓަރޝަރީ ހޮސްޕިޓަލަށް އޭ.ޑީ.ކޭ. ހޮސްޕިޓަލް ވެގެންދިޔުމަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކޮށް، އެ ދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުމުގެ ވިސްނުންފުޅާއި ޢަޒުމުގައި އަވަދިނެތި އަޙްމަދު ނާޝިދު ކުރެއްވި މިންނެތް މަސައްކަތްޕުޅުގެ ފެންނާންހުރި ޙަޤީޤަތެވެ. އަޙްމަދު ނާޝިދަކީ، އަބަދުވެސް ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި އެންމެކުރީ ސަފުގައި ހުންނަވާ ބޭފުޅެކެވެ. އަދި ޞިއްޙީ ދާއިރާއިން ރައްޔިތުންނަށް އަބަދުވެސް އައު ޚިދުމަތެއް ނުވަތަ ކުރިއެރުމެއް ގެނެސްދެއްވުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ. އާ ޚިދުމަތްތަކާއި، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ އެއްހަމައެއްގައި އެއްސަފެއްގައި، ޒަމާނީ ޓެކްނޯލޮޖީގެ އެހީއާއެކު އާ ޚިދުމަތްތައް ތަޢާރުފުކޮށްދެއްވުމަށް ނާޝިދު ގެންގުޅުއްވާ ވިސްނުންފުޅަކީ، ފާހަގަކޮށްލަންޖެހޭ ޚާއްޞަ ކަމެކެވެ.
ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ފުރަތަމަ ފަހަރަށް ރާއްޖެއަށް ތަޢާރުފު ކުރެވުނީ، އޭ.ޑީ.ކޭ. ހޮސްޕިޓަލުގައެވެ. މީގެއިތުރުން، ލެޕްރޮސްކޯޕިކް އޮޕަރޭޝަން، އެންޑޯވެސްކިއުލާ ޕްރޮސީޖަރ، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތާއި ފުއްޕާމޭ އަދި ލޭނާރުތަކުގެ އޮޕަރޭޝަން ކުރުން ފަދަ ޚިދުމަތްތައް ރާއްޖެއަށް މުޅިން އަލަށް ތަޢާރުފު ކުރެވިގެންދިޔައީވެސް އަޙްމަދު ނާޝިދުގެ ހިތްވަރުގަދަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އޭ.ޑީ.ކޭ. ހޮސްޕިޓަލްގައެވެ.
އަޙްމަދު ނާޝިދަކީ، ދުރު މުސްތަޤްބަލަށް ވިސްނާވަޑައިގަންނަވާ ވިޔަފާރިވެރިއެއްގެ އިތުރުން، ދިވެހިރާއްޖޭގައި ޕްރައިވެޓް ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި އަދި މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
1996 ގައި 90 މުވައްޒަފުންނާއެކު ހުޅުވުނު އޭ.ޑީ.ކޭ. ހޮސްޕިޓަލްގައި މިހާރު 900 އަށްވުރެ ގިނަ މުވައްޒަފުން، ޞިއްޙީ ޚިދުމަތުގެ ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރަމުން ގެންދާއިރު، އޭގެތެރެއިން 50 އިންސައްތައަށްވުރެ ގިނަ މުވައްޒަފުންނަކީ ދިވެހިންނަށްވާކަމީ، މި ދާއިރާއިން ދިވެހީންނަށް ފުރުޞަތު ދެއްވައި ކުރިއެރުވުމަށް އަޙްމަދު ނާޝިދު އިސްކަން ދެއްވާ ކަމުގެ ހެއްކެކެވެ. އެގޮތުން، އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ފަރާތުން ސްކޮލަރޝިޕް ސްކީމެއް ތަޢާރުފުކޮށް، މި ސްކީމްގެ ދަށުން ތަމްރީނުވި ޑޮކްޓަރުން ގެންދަނީ، އޭ.ޑީ.ކޭ. ހޮސްޕިޓަލުގައި ޚިދުމަތް ދެމުންނެވެ. ޑޮކްޓަރުން ތަމްރީނުކުރެވުނު ޚާއްޞަ ދާއިރާތަކުގެ ތެރޭގައި، އިންޓަރނަލް މެޑިސިން، ރެސްޕިރޭޓަރީ މެޑިސިން، ނިއުރޯލޮޖީ، ނިއުރޯ ސަރޖަރީ، އީ.އެން.ޓީ.، އޮޕްތަލްމޮލޮޖީ، ޕީޑިއެޓްރިކްސް، ޖެނެރަލް ސަރޖަރީ، އޮބްސްޓްރެޓިކްސް އެންޑް ގައިނެކޮލޮޖީ، އޯތޮޕީޑިކްސް އަދި ޑެންޓިސްޓްރީ ހިމެނެއެވެ. މީގެއިތުރުން، ރިއުމެޓޮލޮޖީއާއި، އިންޓަރނަލް މެޑިސިން އަދި ނިއުރޯސަރޖަރީގެ ދާއިރާއިން ރާއްޖެއިން ބޭރުގައި މިހާރުވެސް ޑޮކްޓަރުން ތަމްރީނު ފުރިހަމަ ކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގައި އަމިއްލަ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނު ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރާ ސްކޫލް، ސްކޫލް އޮފް ހެލްތު ސައެންސަސް "ޝާފިޢާ އިންސްޓިޓިއުޓް އޮފް ހެލްތު" 2010 ވަނަ އަހަރު އޭ.ޑީ.ކޭ. ހޮސްޕިޓަލްގައި ޤާއިމު ކުރެވުނެވެ. ޝާފިޢާ އިންސްޓިޓިއުޓް އޮފް ހެލްތުގެ ނަން ނިސްބަތްވަނީ އަޙްމަދު ނާޝިދުގެ ލޮބުވެތި މަންމަ އަލްމަރްޙޫމާ ޝާފިޢަތު ޙުސައިނަށެވެ. މި އިންސްޓިޓިއުޓްގައި، އޭ.ޑީ.ކޭ. ހޮސްޕިޓަލުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ތަމްރީނު ކުރުމުގެ އިތުރުން، އެހެނިހެން އަމިއްލަ ފަރާތްތަކަށްވެސް ޓްރޭނިންގ ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ.
އަޙްމަދު ނާޝިދަކީ، އިޖުތިމާޢީ ގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ ކުލަބު، ޖަމުޢިއްޔާ، ޖަމާޢަތްތަކަށް ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، ޞިއްޙަތާއި، ތަޢުލީމާއި، ކުޅިވަރު އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ އިތުރަށް، އެކި ގޮތްގޮތުން އެހީތެރިކަމަށް ބޭނުންވެފައިވާ ވަކިވަކި ފަރުދުންނަށްވެސް، މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވައެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ކޮށްދެއްވައިފައިވާ އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 2001 ވަނަ އަހަރު އަޙްމަދު ނާޝިދަށް ވަނީ ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު އަރުވައިފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ބޭއްވުނު ޚާއްޞަ އިޙުތިފާލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަޙްމަދު ނާޝިދަށް، "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑު" އަރުވާފައެވެ. މިއީ، މި ދާއިރާއަށް އަޙްމަދު ނާޝިދު ކޮށްދެއްވައިފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި އެރުވި ޝަރަފްވެރި އެވޯޑެކެވެ.