އަލްފާޟިލް ޢަބްދުﷲ
އާރުޒޫ ގދ.ތިނަދޫ

ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވޭ ޢަބްދުﷲ ނުވަތަ މަޝްހޫރު ނަމުން ދަންނަވާނަމަ ކަލޯބެއްޔާއަކީ، އިހުގެ ފަންނުތައް ދިރުވައި އާލާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޢަބްދުﷲގެ އެންމެ ޚާއްޞަ ރޮނގަކީ، ރާ އެރުމެވެ. އުމުރުން އެންމެ 15 އަހަރުގައި ދިރިއުޅުއްވުމަށް އާމްދަނީ ހޯއްދެވުމަށްޓަކައި ފެށްޓެވި މި މަސައްކަތުގައި މެދުކެނޑުމެއްނެތި މިއަދާ ހަމައަށްވެސް ދެމިހުންނެވީ އެކަމަށްޓަކައި ޢަބްދުﷲގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. ޢަބްދުﷲގެ އުމުރުން މިއަދު 80 އިގެ އަހަރުތައް ގުނަމުންދާއިރުވެސް އެއްވެސް ފޫހިފުޅުކަމެއްނެތި މި މަސައްކަތް ކުރައްވަމުން ގެންދަވާކަން އެއީ، މިއަދުގެ ޒުވާނުންނަށް ޢަބްދުﷲ ދައްކަވާ ވަރަށް ހިތްވަރުގަދަ މިސާލެކެވެ. ރާ އެރުމުގެ ތެރެއިން މި މަސައްކަތަށް ވެދެވަޑައިގެން، ދިވެހިހަކުރު އުފައްދަވައި އޭގެ ވިޔަފާރިވެސް ޢަބްދުﷲ ކުރައްވަމުން ގެންދަވައެވެ.

މީގެ 60 ވަރަކަށް އަހަރުކުރިން، ތިނަދޫ ފަޅުވެގެންދިޔައިރުވެސް ރާ އެރުމުގެ މަސައްކަތް ޢަބްދުﷲ ކުރައްވަމުން ގެންދެވިއެވެ. ތިނަދޫ ފަޅުވި ޚަބަރު ޢަބްދުﷲ އެއްސެވީ، ފަޅު ރަށެއްގައި ރާވެރިކަމުގެ މަސައްކަތުގައި އުޅުއްވަނިކޮށް ރުކަކުން ވެއްޓިގެން، ފައި ބިނދިފައިވަނިކޮށެވެ. ޢަބްދުﷲ ގެ އުފަން ރަށަކީ، ގދ.ނަޑެއްލާއެވެ. ތިނަދުއަށް ބަދަލުވެވަޑައިގަތީ، ތިނަދޫ އަލުން އާބާދުވިތާ 3 އަހަރެއްހާ ދުވަސްފަހުންނެވެ.

މިހާރުވެސް ރުކަށް އަރައި ފޭބުމަކީ ޢަބްދުﷲ އަށް އެއްގޮތަކަށްވެސް އުނދަގޫ ކަމެއް ނޫނެވެ. ރުކުގެ ދެފަން ދޭތެރެއިން، ރުކުގެ އެތާ ހަމައަށް ދެމިގަނެ، ކުރިގަނޑަށް ފޭބުމަކީ، ރުކަށް އެރުމުގެ އެންމެ އުނދަގޫ މަރްޙަލާ ކަމަށްވިޔަސް، އެކަމަކީ، ޢަބްދުﷲ އަށް އެއްގޮތަކަށްވެސް އުނދަގޫ ކަމެއް ނޫނެވެ.

އަތޮޅުގެ ބައެއް ފަޅުރަށްރަށުގައިވެސް ގިނަ ދުވަސްތަކެއްވަންދެން ރާ އެރުމުގެ މަސައްކަތް ޢަބްދުﷲ ކުރައްވައިފައި ވެއެވެ. އެ ރަށްރަށުގެ ތެރޭގައި، ގދ.ކެރަމިންތާއާއި، ގދ.ހަކަންދުއާއި، ގދ.ހެވަހުޅެދުއާއި، ގދ.ފޮނަހިގިއްލާއާއި، ގދ.ކޮނޮންޓާއާއި، ގދ.މާގޮޑެހެރާއާއި، ގދ.މާދުއާއި، ގދ.ދިޔަމިގިއްލާ ހިމެނެއެވެ. ބައެއް ދުވަސްވަރު ރާވެރިކަން ކުރުމަށް 30 އާ 40 އާ ދެމެދުގެ އަދަދަކަށް ރުއް ގެންގުޅުއްވިއެވެ. އޭރު ވަރަށް ބުރަކޮށް މި މަސައްކަތް ކުރައްވަމުން ގެންދެވިއިރު، ލިބިވަޑައިގެންނެވީ، ޢާއިލާ ގޮވައިގެން ކިރިޔާ އުޅެލެވޭވަރުގެ ކުޑަ އާމްދަނީއެކެވެ. އެއާ ޚިލާފަށް މިހާރު ނިސްބަތުން ވަރަށް ރަނގަޅު އާމްދަނީއެއް ޢަބްދުﷲ އަށް ލިބިވަޑައިގަންނަވައެވެ.

މިހާރުވެސް ޢަބްދުﷲ 5 ރުކެއްގައި ރާ އެރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އުމުރުން ދުވަސްވީކަމުގައިވިޔަސް، ރުކަށް އަރުއްވައި ރާ ބޭލުމުގެ މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ، އެ އުމުރުގެ މީހަކަށްވެސް އެއްވެސް ދަތިކަމެއްނެތި، ފަސޭހަކަމާއެކު މި މަސައްކަތް ކުރެވިދާނެކަން ސާބިތުކޮށްދެއްވަމުންނެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރުން، ޢަބްދުﷲ ކުރައްވާ މަސައްކަތް ބައްލަވައިލެއްވުމަށް ތިނަދުއަށް ކުރެއްވި ދަތުރުފުޅުން ކުރެއްވުނު ތަޖުރިބާއަކީ، އާދަޔާ ޚިލާފު ތަޖުރިބާއެކެވެ. އެބޭފުޅުންނަށް ފެނިވަޑައިގަތީ، ޢަބްދުﷲގެ ކުޅަދާނަކަމެވެ. އެހާ ދޮށީ އުމުރުގައިވެސް، އެއްވެސް ޖެހިލުންވުމެއްނެތި ފަސޭހަކަމާއެކު ރުކަށް އަރުއްވައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރާ ބޭލި މަންޒަރެވެ. މިކަންވީ އެބޭފުޅުންނަށް ގަބޫލުފުޅު ކުރައްވަންވެސް ދަތިވި މަންޒަރަކަށެވެ.

ޢަބްދުﷲ ގެ އެ މަސައްކަތާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުން ތިނަދޫ ކައުންސިލާއި، ރަށުގެ ކަމުވޮށިވެގެންވާ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމުން، އެބޭފުޅުން ދެއްކެވި ވާހަކަތަކުން މި މަސައްކަތުގެ ސަބަބުން އެބޭފުޅުންގެ ހިތްޕުޅުގައި ޢަބްދުﷲ އަށް ދެވިފައިވާ ޤަދަރާއި އިޙްތިރާމް ވަރަށް ބޮޑަށް ފެނިވަޑައިގެންނެވިއެވެ. އަދި އެކަންކަމުގެ މައްޗަށާއި، ރާއެރުމާއި، ރާ ކައްކައި، ހަކުރު ހިލުންފަދަ، ނެތެމުންދާ، ޒަމާނުއްސުރެ ދިވެހީން ކުރަމުންއައި މަސައްކަތެއް، އުމުރުން މިހާ ދުވަސްވީއިރުވެސް ހުއްޓައިނުލައްވައި، ރައްޔިތުންގެ މަޤްބޫލު އުފެއްދުމެއް ދެމެހެއްޓެވުން މިއީ، ޤައުމީ ފެންވަރެއްގައި ޝަރަފުވެރިކަމާއެކު، ބަލައިގަންނަންޖެހޭ ޚިދުމަތެއް ކަމަށް ކޮމިޓީގެ މެންބަރުން ދެކެވަޑައިގަންނަވައެވެ.

ޢާއިލާގެ ޚަރަދުތައް ޢަބްދުﷲ މިހާރުވެސް ހަމަޖައްސަވައި ބަލަހައްޓަވަނީ، ރުއް އެރުމުގެ މަސައްކަތުން ލިބިވަޑައިގަންނަވާ އާމްދަނީންނެވެ. ރުއްއެރުމުގެ މަސައްކަތަކީ، ކުޑައިރުއްސުރެން ފެށިގެން ކުރަމުން އައި މަސައްކަތަށް ވުމާއެކު، އަދި އެ މަސައްކަތަށް ނުހަނު ބޮޑު ލޯތްބަކާއި ޝައުޤުވެރިކަމެއް ދެވިފައިވުމުގެ ސަބަބުން އުމުރުން ދުވަސްވެވަޑައިގެންފައިވީ ކަމުގައިވިޔަސް، އެމަސައްކަތް ހުއްޓަވައިލެއްވުމަކީ ޢަބްދުﷲ ކުރައްވަން ބޭނުންފުޅުވާ ކަމެއްނޫނެވެ.

ޢަބްދުﷲ އަކީ، އަމިއްލަ ގޯތިތެރޭގައި ރުއްގަސް އިންދަވައިގެންވެސް އާމްދަނީ ހޯއްދަވަމުން ގެންދަވާ ބޭފުޅެކެވެ. ރުއްއެރުމާއި، ދިވެހިހަކުރު އުފެއްދުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އިތުރު މީހުން މިއަދު ފެންނަމުން ނުދާކަމީ، ޢަބްދުﷲ ވަރަށް ހިތާމަ ކުރައްވާ ކަމެކެވެ. މި މަސައްކަތަށް ޒުވާނުންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެދިގެން ނޫނީ، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރެވިގެން ނުދާނެ ކަމަށާއި، މި މުހިންމު މަސައްކަތް ދިވެހީންގެ ތެރެއިން ގެއްލިގެން ދިޔުމަކީ، ޢަބްދުﷲ އަށް އެއްގޮތަކަށްވެސް ގަބޫލު ކުރެއްވޭނެ ކަމެއް ނޫނެވެ.