ޢުމަރު ޒާހިރަކީ، ދައުލަތަށް 49 އަހަރަށްވުރެ ގިނަދުވަހު ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ވަރަށް އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ޙަވާލުކުރެއްވި ކޮންމެ މަގާމެއްގެ ވާޖިބާއި މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރެއްވި ބޭފުޅެކެވެ. އެއްވެސް ކަމެއްގައި ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގެންނެވި ޚާދިމެކެވެ. ޚިދުމަތުގެ ތެރެއިން މިއަދުގެ ޖީލަށް ރީތި ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެކެވެ. ޤައުމީ ކޮންމެ ކަމެއްގައިވެސް ކެރިގެން ކުރިމަތިލައްވައި، ފޯރިއާއި ޖޯޝާއެކީގައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ ޝަޚްޞިއްޔަތެކެވެ.
ޢުމަރު ޒާހިރު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 29 ސެޕްޓެންބަރު 1953 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ވުޒާރަތުލް މާލިއްޔާގެ ކާތިބުކަމެވެ. އޭގެފަހުން، މަޙްކަމަތުލް ޚާރިޖިއްޔާގެ ލެއިޒަން އޮފީހުގެ ކާތިބުކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ 1 ނަންބަރު ކާތިބު ކަމާއި، ސަރުކާރުގެ ބޮޑު އިސްޓޯރުގެ ހިންގާ ސެކްރެޓަރީކަން ކުރެއްވިއެވެ. އަދި ވުޒާރަތުލް މަޢާރިފުގެ ޚާއްޞަ މުދައްރިސް ކަމާއި، ވަޒީރުލްއަޢުޡަމް އޮފީހުގެ ސެކްރެޓަރީ ކަމާއި، ޚާއްޞަ ވަކީލު ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.
މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމަށް ޢުމަރު ޒާހިރު ހަމަޖެއްސެވީ، 12 ސެޕްޓެންބަރު 1966 ގައެވެ. 24 ޑިސެންބަރު 1970 ގައި ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ހަމަޔަށް އެ މަގާމުގައި ދެމިހުންނެވިއެވެ.
މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމު، ޢުމަރު ޒާހިރު ފުރުއްވަމުން ގެންދެވިއިރު، އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ މަޖީދިއްޔާގެ ދަރިވަރުން، ހަރުދަނާ ރަނގަޅު އަޚްލާޤެއްގެ މަތީގައި ތަރުބިއްޔަތު ކުރެއްވުމަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޭރު މަޖީދިއްޔާގެ ދަރިވަރުން ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތަކަށް ފުރިހަމައަށް ބޯލަނބައި، ވަކި މިންގަނޑުތަކެއް ހިފެހެއްޓުމަށް ބާރުއެޅުއްވި ބޭފުޅެއްގެ ގޮތުގައެވެ. ސްކޫލުން ބޭރުގައި އެ ކުދިން އުޅޭނޫޅޭގޮތް ބައްލަވައި، ދީނީ ފަރުޟުތައް އަދާކުރުމަށް ބާރުއަޅުއްވައި، އެ ކުދިންނަށް ނަޞޭޙަތްތެރިވެވަޑައިގެން، ކުރިއަށްދިޔުމުގެ ސީދާ މަގު ދެއްކެވި މުރުޝިދެއްގެ ގޮތުގައިވެސް މެއެވެ.
މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމު، ޢުމަރު ޒާހިރު އަދާކުރައްވަމުން ގެންދަވަނިކޮށް، އިތުރު ވަޒީފާއެއްގެ ގޮތުގައި، އޯޑިޓް އޮފީހުގެ ވެރިޔާގެ މަގާމަށް، 21 ނޮވެންބަރު 1968 ގައި އެ މަނިކުފާނު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު ހަމަޖެއްސެވިއެވެ.
ޢުމަރު ޒާހިރަކީ، ދައުލަތުގެ ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތް ކުރެއްވި ހީވާގި ބޭފުޅެކެވެ. އެގޮތުން، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑިރެކްޓަރު ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅެއްގެ މަގާމާއި، އެޓޮލްސް ޑިވިޜަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެ މަނިކުފާނުގެ ސަރުކާރުގައިވެސް ޢުމަރު ޒާހިރަކީ، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ޢުމަރު ޒާހިރު، ދިވެހި ސަރުކާރަށާއި، ދިވެހި ޤައުމަށާއި، ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަކީ، މިއަދު މުޅި ޤައުމު ފަޚްރުވެރިވާނެ ޚިދުމަތްތަކެކެވެ.
ރައީސް މައުމޫންގެ ޒަޢާމަތުގައި، ޢުމަރު ޒާހިރު ފުރަތަމަ އަދާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލު ކަމުގެ މަގާމެވެ. އެ މަގާމަށް އެ މަނިކުފާނު ހަމަޖެއްސެވީ، 12 ނޮވެންބަރު 1978 ގައެވެ. އޭގެފަހުން، 13 ނޮވެންބަރު 1979 ގައި މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމަށް އެ މަނިކުފާނު ޢައްޔަން ކުރެއްވިއެވެ. އޭގެފަހުން، މާލޭ މުނިސިޕަލްޓީގެ ރައީސްކަންވެސް ޢުމަރު ޒާހިރު ކުރެއްވިއެވެ. 11 ނޮވެންބަރު 1983 ގައި، އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ދެވަނަ ދައުރުގެ ވަޒީރުންގެ މަޖިލީހުގައި ޢުމަރު ޒާހިރު ހިމަނުއްވައި، އެ މަނިކުފާނު މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށް ޢައްޔަން ކުރެއްވިއެވެ. އަދި ރައީސް މައުމޫންގެ ރިޔާސީ 3 ވަނަ ދައުރު، ޢުމަރު ޒާހިރު ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމަށެވެ. އޭގެފަހުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ މަގާމަށް ޢުމަރު ޒާހިރު ޢައްޔަން ކުރެއްވީ، ރައީސް މައުމޫންގެ ރިޔާސީ 4 ވަނަ ދައުރުގެ ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވިއިރުއެވެ. އޭގެފަހުން، މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަގާމާއި، ފުލުހުންގެ ވެރިޔާގެ ނައިބު ކަމުގެ މަގާމުވެސް ފުރުއްވިއެވެ. އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
މި ދެންނެވި މަގާމުތަކުގައި ހުންނަވައިގެން، ޢުމަރު ޒާހިރު ކޮށްދެއްވި ޚިދުމަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. މާގިނަ ވަސީލަތްތަކެއް ނެތް ދުވަސްވަރެއްގައި، ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި، އެ މަނިކުފާނު ދެއްކެވީ އާދަޔާޚިލާފު ސާބިތުކަމެކެވެ. އެގޮތުން، އެ މަނިކުފާނުގެ އަގުހުރި މަސައްކަތްޕުޅުތަކުގެ ތެރެއިން މާލޭ ސަރަޙައްދުން ފެންނަ ތިލަފުށްޓަކީ، އެ މަނިކުފާނުގެ ދުރު ވިސްނުންފުޅުގެ ތަޞައްވުރެކެވެ. ފަޅެއްގެ ގޮތުގައި އޮތް ތަނަކަށް ކުނި އަޅައިގެންނާއި، ވެލި އަޅައިގެން، ރާއްޖޭގެ ރަށެއް ހިއްކައި ތަރައްޤީ ކުރިއިރު، އެކަމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ، ޢުމަރު ޒާހިރެވެ. މިއަދު ތިލަފުށި ވެފައިވަނީ ޞިނާޢީ ބޮޑު ސަރަޙައްދަކަށެވެ.
އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ހުޅުމާލެ މަޝްރޫޢު ފެށްޓެވިއިރު، ހުޅުމާލެ ހިއްކުމުގެ މަސައްކަތުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ، ޢުމަރު ޒާހިރެވެ. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ހުޅުމާލެ ހިއްކުމުގެ މަޝްރޫޢު ހިންގަވައި، އެތާނގައި މީހުން އާބާދުކުރެވިގެންދިޔައީ، ޢުމަރު ޒާހިރުގެ ދުރުވިސްނުންފުޅާއި، ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ސަބަބުންނެވެ. އެއީ ފަސޭހައިން ހިންގިދާނެ މަޝްރޫޢެއް ކަމަށް، ބައެއް ބޭފުޅުންނަށް ގަބޫލުފުޅު ނުކުރެއްވުނު ނަމަވެސް، އެކަން ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރާ އެކީގައި، ޢުމަރު ޒާހިރު މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ، ރެޔާދުވާލު އެއްވެސް ފޫހިފުޅުވުމެއްނެތިއެވެ.
މި ދެންނެވި ދެ މަޝްރޫޢުގެ އިތުރުން، މާލޭގެ މަގުތަކުގައި ގައު އެތުރުމުގެ ކުރިން، އޭރު މަގުތައް ހައްދަވައި، މަގުމަތީގައި ހުންނަ އަޑިގުޑަންތަކުން ދުއްވާ އެއްޗިއްސަށް ލިބެމުންދިޔަ ގެއްލުންތައް ކުޑަކުރެއްވުމަށާއި، މަގުމަތީގައި ހިނގާބިނގާވާ މީހުންނަށް ފަސޭހަ ތަނަކަށް މަގުތައް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އޭގެފަހުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ސަރުކާރުން ހިންގެވި މަޝްރޫޢުގެ މަސައްކަތްތަކުގައިވެސް ޢުމަރު ޒާހިރު ޢަމަލީގޮތުން އަދާކުރެއްވި ދައުރުގެ މަތިން ހަނދާންކޮށްލަންޖެހެއެވެ.
މީގެއިތުރުން، ފަހަކަށްއައިސް ސަރުކާރުން މާލޭގައި ކުރެއްވި ގިނަ ޢިމާރާތްތައް ކުރެއްވުމުގައި، އިސް މޭސްތިރިއެއްގެ ގޮތުން ޢުމަރު ޒާހިރު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ.
ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ އެހެން މުހިންމު ކަންކަމުގައިވެސް ޢުމަރު ޒާހިރަކީ، ޢަމަލީގޮތުން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެ، އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން މިނިވަންވުމަށް ކުރި މަސައްކަތްތަކުގައި ޢުމަރު ޒާހިރުގެ ޙިއްޞާ އޮތް މިންވަރާއި، ހުޅުލޭ އެއަރޕޯޓް ހަދަމުން ގެންދިޔައިރު، އެކަމުގައި ޢަމަލީގޮތުން އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި، އައްޑުއަތޮޅުގައި އިނގިރޭސިން ތިބިއިރު، ލެއިޒަން އޮފީހުގައި ޢުމަރު ޒާހިރު ހުންނަވައިގެން، ސަރުކާރަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި، ދެއްވި އެއްބާރުލެއްވުމުގެ މަތިންވެސް ހަނދާންކޮށްލަންޖެހެއެވެ.
ޢުމަރު ޒާހިރަކީ، އެވަގުތަކު ސަރުކާރަށް ކުރިމަތިވާ ކޮންމެ މުހިންމު ބޮޑު ކަމެއް ޙައްލުކޮށްދެއްވުމުގައި، އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެވަގުތަކު ޤައުމު ހިންގަވަން ހުންނެވި ބޭފުޅަކު، ޢުމަރު ޒާހިރާ މަސްއޫލިއްޔަތުތަކެއް ޙަވާލުކުރައްވަނީ، އެކަމެއް ވަރަށް ރަނގަޅަށް
އެ މަނިކުފާނު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމާ އެކުގައެވެ. ރައީސް މައުމޫން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޙަވާލުވެވަޑައިގެންނެވިއިރު، އޭރު ގަވަރންމަންޓް ހޮސްޕިޓަލުން ޢާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތި އުނދަގޫ ކަންތައްތަކެއް ހުރުމާއެކު، ހޮސްޕިޓަލްގެ ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށަށް ގެންނަވައި، އެތަނުގެ ކަންކަން ހިނގާ ނުހިނގާގޮތް، ދުވަހުން ދުވަހަށް ބައްލަވައި، ކަންކަން އިޞްލާޙު ކުރެއްވުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެއްވީ ޢުމަރު ޒާހިރާއެވެ. އަދި އެ ދުވަސްވަރު ޓޫރިޒަމް ޑިޕާޓްމަންޓް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތާވެސް ޢުމަރު ޒާހިރު ހަވާލުވެވަޑައިގަތެވެ. މިކަމުގައިވެސް ވަރަށް މުހިންމު ޒިންމާއެއް އެ މަނިކުފާނު އުފުއްލަވަން ޖެހިވަޑައިގެންނެވިއެވެ. މީގެއިތުރުން، ސަރުކާރުގެ ބެލުމުގެ ދަށުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށާއި ތަރުބިޔަތު ކުރުމަށް ކުޑަކުދިންގެ އިޞްލާޙިއްޔާގެ ބިންގާއެޅި، އެ މަސައްކަތް ޢަމަލީގޮތުން ކުރެއްވުމުގައި އިސްވެ ޙަރަކާތްތެރިވެވަޑައިގަތީވެސް ޢުމަރު ޒާހިރެވެ. އަދި 100 ވަރަކަށް ކުދިން މާފުށީގެ އިޞްލާޙިއްޔާއަށް ގެންދެވައިގެން، އެ ކުދިންނަކީ ހަރުދަނާ ތަރުބިޔަތެއްގެ މަތީގައި ބޮޑެތިވާ ކުދިން ކަމުގައި ހެއްދެވުމަށް ޢުމަރު ޒާހިރު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަކީވެސް، އެ މަނިކުފާނުގެ ޚިދުމަތުގެ ތެރެއަށް އިތުރުކޮށްލަންޖެހޭ ބޮޅެކެވެ.
ސަރުކާރުގެ މުވައްޒަފުންގެ ނާދީ ހުޅުއްވައި، އެތަނުގައި ސަރުކާރުގެ މުވައްޒަފުން މުނިފޫހިފިލުވަން ޕްރޮގްރާމްތައް ރޭއްވެވުމުގައްޔާއި، ގަލޮޅު ދަނޑު ރަނގަޅު ފެންވަރަކަށް ހައްދަވައި، ލައިޓްތައް ހަރުކުރެއްވުމުގައިވެސް ޢުމަރު ޒާހިރު ކުރެއްވި މަސައްކަތްޕުޅުތަކަކީ، ކުޅިވަރަށް ލޯބިކުރާ އެތައް ބަޔަކު ފަޚްރުވެރިވާނޭ މަސައްކަތްޕުޅުތަކެކެވެ. އަދި އެކި ކުޅިވަރުތައް ކުޅޭ ކުދިންނަކީ އަޚްލާޤީ ގޮތުން ރަނގަޅު ކުދިންނަށް ހެއްދެވުމަށް، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް
ހަނދާންކޮށްލަންޖެހޭ މުހިންމު މަސައްކަތްޕުޅުތަކެކެވެ.
ޢުމަރު ޒާހިރު، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށާއި، ރައްޔިތުންނަށް އެ ކޮށްދެއްވި ޚިދުމަތްތަކަކީ، މި ދިވެހި ޤައުމުގެ ދަރިން އެ މަނިކުފާނަށް ޝުކުރުވެރިވުން ޙައްޤު ޚިދުމަތްތަކެކެވެ. އެ މަނިކުފާނާ ޙަވާލުކުރެއްވި ކޮންމެ ވުޒާރާއެއްވެސް ހިންގަވައިފައި ވަނީ، ވަރަށް ޤާބިލުކަމާއި ޒިންމާދާރުކަމާ އެކުގައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން ކޮށްދެއްވި މަސައްކަތްޕުޅުތަކަކީވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކެކެވެ.
ޢުމަރު ޒާހިރު އެންމެފަހުން އަދާކުރެއްވީ، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަގާމެވެ. ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމަށް، އެ މަނިކުފާނު ޢައްޔަން ކުރެއްވީ، 14 ޖުލައި 2005 ގައެވެ. އަދި ސީނިއަރ މިނިސްޓަރ ކަމުގެ މަގާމަށް ޢައްޔަން ކުރެއްވީ، 17 އެޕްރީލް 2008 ގައެވެ. އެ މަގާމުން ވަކިވެވަޑައިގެންފައިވަނީ، 2 ޑިސެންބަރު 2008 ގައެވެ.