ޔޫސުފް މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ، 24 ޑިސެންބަރު 1984 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ލޯޑަރެއްގެ ވަޒީފާއެވެ. މިހާރު ހުންނެވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސުޕަވައިޒަރުގެ މަގާމުގައެވެ. މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގައި، ޔޫސުފް މުޙައްމަދު ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ރޭމްޕް ޑްރައިވަރު ކަމާއި، ރޭމްޕް އޮޕަރޭޓަރު ކަމާއި، ވަރކްސް ކޯޑިނޭޓަރު ކަމާއި، އެގްޒެކެޓިވް ވާރކްސްގެ މަގާމު ހިމެނެއެވެ. މިހާރު ހުންނެވި ސުޕަވައިޒަރު ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ 1 ޖަނަވަރީ 2016 އިން ފެށިގެންނެވެ.
ޔޫސުފް މުޙައްމަދަކީ، ހާޒިރީއަށާއި މަސައްކަތަށް ވަރަށް ފަރުވާ ބަހައްޓަވައިގެން، އަދި ކުރައްވާ ކޮންމެ މަސައްކަތެއްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު އެކި ތަމްރީނު ކޯސްތައްވެސް ފުރިހަމަ ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.
މިވޭތުވެދިޔަ ދިގު މުއްދަތުގައި، ކުންފުނިން ހިންގައިފައިވާ އެކި ކަންކަމުގައިވެސް ވަރަށް ޒިންމާދާރު ގޮތެއްގައި ޔޫސުފް މުޙައްމަދު ވަނީ، ޚިދުމަތް ކުރައްވައިފައެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް 50 އަހަރު ފުރުން ފާހަގަކުރި ރަން ޔޫބީލް މުނާސަބަތުގައި، ކުންފުންޏަށް 30 އަހަރު ޚިދުމަތްކޮށްދެއްވައިފައިވާކަމުގެ ހަނދާނީ ލިޔުންވެސް ޔޫސުފް މުޙައްމަދަށް ވަނީ ލިބިވަޑައިގެންފައެވެ.
"ރޭމްޕް ޔޫސޭ" ގެ ނަމުން އެންމެންވެސް ދަންނަ ޔޫސުފް މުޙައްމަދަކީ، މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އަދި މުވައްޒަފުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިފައިވާ ބޭފުޅެއްވެސް މެއެވެ.