ޢާއިޝަތު ނަސީމް ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، މާލޭ މުނިސިޕަލްޓީންނެވެ. އެއީ، 1 މޭ 1983 ގައި، އެތާނގެ 2 ނަންބަރު ކާތިބާއެއްގެ ވަޒީފާއިންނެވެ. 3 އަހަރަށްވުރެ ގިނަދުވަހު މުނިސިޕަލްޓީގައި ޚިދުމަތްކުރެއްވުމަށްފަހު ބަދަލުވެވަޑައިގަތީ، ދިވެހިރާއްޖޭގެ އަޑުގެ 2 ނަންބަރު ކާތިބާއަކަށެވެ. އޭގެފަހުން، އެތަނުގެ އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމު އަދާކުރެއްވިއެވެ. ޢާއިޝަތު ނަސީމް މިހާރު ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.
ދިވެހިރާއްޖޭގެ އަޑުގައި ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތްތަކުގެ ތެރެއިން، ފުރަތަމަ ކުރެއްވީ، މުވައްޒަފުންގެ މުސާރަ ހެއްދެވުމާއި، ބަޖެޓް ބާކީކުރެއްވުމާއި، އާމްދަނީ ރިޕޯޓް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުއްވުމުގެ މަސައްކަތެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވައިދެއްވުމަށް އެކިއެކި ފަރާތްތަކުން ފޮނުއްވާ އިޝްތިހާރުތައް ބަލައިގަނެ، ބްރޯޑްކާސްޓް ކުރުމަށް ބްރޯޑްކާސްޓްކުރާ ސެކްޝަނަށް ފޮނުއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތަކާއި، ލިބޭ އާމްދަނީގެ ފައިސާ ބަލައިގަތުމާއި، ޖަމާކުރެއްވުމާއި، ނުލިބި ހުންނަ ފައިސާ ހޯއްދެވުމާއި، ދިވެހިރާއްޖޭގެ އަޑުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅިގެން ފޮނުއްވަންޖެހޭ ބިލްތައް ހައްދަވައި ފޮނުއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. މިހާރު މަސައްކަތްކުރައްވަނީ ލީގަލް ސެކްޝަންގައިކަމަށްވުމުން، އެ ސެކްޝަނަށް ލިބޭ ލިޔުންތައް ބަލައިގަތުމާއި، ލިޔުންތައް ލިޔުއްވުމާއި، އެކި ފަރާތްފަރާތަށް ފޮނުވަންޖެހޭ ލިޔުންތައް ދުވަހުން ދުވަހަށް ފޮނުއްވަމުން ގެންދަވައެވެ. މީގެ އިތުރުން، ޕަބްލިކް ސަރވިސް މީޑިއާއިން ހިންގަވާ ތަފާތު އެކިއެކި ޙަރަކާތްތަކުގައިވެސް ޢަމަލީގޮތުން ޢާއިޝަތު ނަސީމް ބައިވެރިވެވަޑައިގެންފައި ވެއެވެ.
ސަރުކާރުގެ ޚިދުމަތުގައި މި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ހަވާލުކުރެއްވި ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކުގައި ކުރައްވައިފައިވާކަން އެއީ، ޢާއިޝަތު ނަސީމަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާފުޅެވެ.