މުޙައްމަދު ނޫރައްދީން
މ.ތާނގީދޮށުގެ

އައްސުލްޠާން ޙަސަން ނޫރައްދީންގެ މުޙަންމަދު ނޫރައްދީނަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ދިގު މުއްދަތެއްގައި، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

މުޙަންމަދު ނޫރައްދީނަކީ، 25 ޖުލައި 1954 ގައި ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ކާތިބުކަމުން ސަރުކާރުގެ ޚިދްމަތް ފެށްޓެވި، މުހިންމު މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި، ވުޒާރަތުލް އަޥްޤާފުގެ ސެކްރެޓަރީ ކަމާއި، މަޙްކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާޚިލިއްޔާއިން ޢައްޔަންކުރި މެންބަރުކަން ހިމެނެއެވެ. އަދި ވަޒީރުލް އަޢުޡަމް އޮފީހުގެ ޚާއްޞަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ޚާއްޞަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމު ހިމެނެއެވެ. އޭގެފަހުން މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއާޒް ކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. މީގެއިތުރުން، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުގައިވެސް ހުންނެވިއެވެ.

މުޙަންމަދު ނޫރައްދީނަކީ، ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މުޙަންމަދު ނޫރައްދީން މެދުނުކެނޑި 53 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރުގެ ޚިދްމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނުވަނީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުގެ އެކި ދާއިރާތަކުގައި ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައެވެ. ހަމައެހެންމެ، ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދިޔަ އެކި ބަދަލުތައް، ވަރަށް ގާތުން ދެކެވަޑައިގެންފައެވެ. ވަރަށްގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވާފައެވެ. އެމަނިކުފާނަކީ، އެވަގުތަކު ދައުލަތް ހިންގަވަން ހުންނެވި ކޮންމެ ވެރިއެއްގެ އަރިހުގައި ޚިދްމަތް ކުރެއްވި ލާމަސީލު ބޭފުޅެކެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ.