ނަސީމާ މުޙަންމަދަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށާއި ރާއްޖޭގެ ތާރީޚަށް ވަރަށް އަގުހުރި ޚިދްމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ނަސީމާ، އިންޑިޔާގެ ވެއްލޫރުގައި ނަރސިންގގެ ރޮނގުން ޑިޕްލޯމާ ކޯހެއް ފުރިހަމަކުރެއްވުމަށްފަހު، އޮސްޓްރޭލިޔާއިން ނަރސިންގ ޕޯސްޓް ގްރެޖުއޭޓް ކޯހެއް ފުރިހަމަކުރެއްވިއެވެ.
ގަވަރންމަންޓް ހޮސްޕިޓަލުގެ ސްޓާފް ނަރުހެއްގެ ގޮތުން އެކަމަނާ ޚިދްމަތް ކުރައްވަން ފެށްޓެވީ 21 ޖުލައި 1964 ގައެވެ. އޭގެފަހުން ހޮސްޕިޓަލްގެ ސީނިއަރ ޗާޖް ސިސްޓަރގެ މަގާމު ފުރުއްވިއެވެ. މީގެއިތުރުން، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި އެނައުންސަރުގެ މަގާމުވެސް އަދާކުރެއްވިއެވެ. 22 މެއި 1969 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ސަރުކާރުގެ ޚިދްމަތާ އަލުން ގުޅިވަޑައިގަތީ، 24 ޖޫން 1985 ގައެވެ. އެފަހަރު ސަރުކާރާ ގުޅިވަޑައިގަތީ، ސެންޓްރަލް ހޮސްޕިޓަލްގެ މޭޓްރަންކަމުގެ މަގާމުންނެވެ. އޭގެފަހުން މިނިސްޓްރީ އޮފް ހެލްތާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޑިރެކްޓަރ އޮފް މެޓަރނަލް އެންޑް ޗައިލްޑް ހެލްތް ސަރވިސަސްކަމުގެ މަގާމު ފުރުއްވިއެވެ.
ނަސީމާ މުޙަންމަދަކީ މަދްރަސީ ދައުރުން ފެށިގެންވެސް ތާރީޚީ ކަންކަމަށް ޝައުޤުވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ރާއްޖޭގެ ތާރީޚަށް ހުންނަ އަމިއްލަފުޅު ޝައުޤުވެރިކަމެއްގެ ބޮޑުކަމުން، ރާއްޖޭގެ ތާރީޚާބެހޭ ލިޔުންތަކާއި ފޮތްފޮތް، ޚާއްޞަ ގޮތެއްގައި އެއްކުރައްވަމުން ގެންދެވިއެވެ.
ނަސީމާގެ ލިޔުއްވުންތައް އެންމެ ފުރަތަމަ ފެންނަން ފެށީ 1970ގެ އަހަރުތަކުގެ ތެރޭގައި ނުކުތް [ މޫންލައިޓް] ނޫހުންނެވެ. އިނގިރޭސި ވާހަކަ، ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެންނެވެ. ޢާންމު ގޮތެއްގައި ތާރީޚީ ލިޔުއްވުންތައް ލިޔުއްވަން ފެށްޓެވީ، 1995 ވަނަ އަހަރުއެވެ. ފުރަތަމަ ލިޔުއްވީ ދިވެހި ބައެއް ނޫސްތަކަށެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ މުޝީރު ކަމުގެ މަގާމުގައި ހުންނަވައިގެންނާއި އަދި ޚާއްޞަ މުޝީރު ކަމުގެ މަގާމުގައި ހުންނަވައިގެން، ފަތްތޫރަ މަޖައްލާއަށްވެސް ލިޔުއްވަމުން ގެންދެވިއެވެ.
1998 ވަނަ އަހަރު ޤައުމީ މަރްކަޒުން [ތަރިކަ]އިގެ ނަމުގައި ނެރުއްވަން ފެށްޓެވި ލުއިފޮތަށް ތާރީޚީ އެކިއެކި ހޯއްދެވުންތަކުގެ އަލީގައި ލިޔުއްވަން ފެށްޓެވިއެވެ. އެގޮތުން، މިހާތަނަށް ހޯދިފައި ނެތް އެތަކެއް އާ މަޢުލޫމާތުވެސް، މިފޮތުގައި ހިމަނުއްވާފައިވެއެވެ. އެ މަރްކަޒުން ނެރުއްވި [ތަރިކަ]އިގެ ހުރިހާ ޢަދަދަކަށްވެސް ލިޔުއްވާފައިވަނީ ނަސީމާއެވެ. މީގެއިތުރުން، ދިވެހިބަސް ލިޔާ އަކުރާ ބެހޭގޮތުން [ދިވެހި ރައިޓިންގ ސިސްޓަމްސް] މި ނަމުގައި އިނގިރޭސިބަހުން ވަރަށް މުހިންމު ފޮތެއް ލިޔުއްވައި އެކުލަވައިލައްވާފައިވެއެވެ. މިފޮތުގައި ދިވެހިބަސް ލިޔަން ބޭނުންކުރި އަކުރުތަކާ ބެހޭގޮތުންނާއި، އެވޭލާ އަކުރާއި، ދިވެސް އަކުރާއި، ތާނަ އަކުރުތަކާ ބެހޭގޮތުންނާއި، މިސަރަޙައްދުގެ އެހެން ޤައުމުތަކުގައި ބޭނުންކުރާ ބަސްބަސް ލިޔެއުޅޭ އަކުރުތަކާއި، ދިވެހިން ބޭނުންކުރި އަކުރުތަކާ ހުރި ގުޅުންތައްވެސް ބަޔާންކޮށްދެއްވާފައި ވެއެވެ. މިފޮތަކީ، ދިވެއްސަކު، އިނގިރޭސިބަހުން ދިވެހި އަކުރާ ބެހޭގޮތުން ލިޔުނު ފުރަތަމަ ފޮތެވެ. މިއީ ނަސީމާއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެކެވެ.
އޭރުގެ ދިވެހިރާއްޖޭގެ އަޑުން ސިލްސިލާއެއްގެ ގޮތުގައި ފޮނުވަމުން ގެންދިޔަ [ރޭޑިޔޯ ހަވީރު]ގެ ތާރީޚާއި އާދަކާދައިގެ ގިނަ ޕްރޮގްރާމްތަކެއް ފަރުމާކޮށްދެއްވައި، އެ ޕްރޮގްރާމް މެދުވެރިކޮށް، ދިވެހި ތާރީޚާބެހޭ އާ އެތައް މަޢުލޫމާތުތަކެއް ޢާންމުކުރެއްވިއެވެ. މީގެއިތުރުން، މާލެއާއި ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށާއި ޢާންމުންނަށް އަމާޒުކުރައްވައިގެން، ދިވެހި ތާރީޚާމެދު ހޭލުންތެރިކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއްވެސް ވަނީ ކުރައްވާފައެވެ. މިހާރުވެސް ދުވަހު ނޫސް ހަވީރަށް ތާރީޚުގެ އެކި މަޥްޟޫޢުތަކަށް ލިޔުއްވަމުން ގެންދަވައެވެ.
ނަސީމާ މުޙަންމަދު މިހާތަނަށް ލިޔުއްވާފައިވާ ބައެއް ފޮތްފޮތުގެ ތެރޭގައި، ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން [ރަހުންނާއި ރަނީން] އާއި [އެސޭސް އޮން އަރލީ މޯލްޑިވްސް] ހިމެނެއެވެ. [ތަރިކަ]އިގެ ގޮތުގައި ލިޔުއްވި ފޮތްތަކުގެ ތެރޭގައި، [ދިވެހިންނާއި ޕޯޗްގީޒުން] އާއި [ދިވެހިރާއްޖެ އުފެދުން] އާއި [ދިވެހިންގެ އަޞްލު] [ދިވެހިންގެ ބަސް] [ދިވެހިންގެ އަކުރު] އާއި [ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚު] "އައްސުލްޠާން މުޙަންމަދު ޣިިޔާޘުއްދީން" އާއި "އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން 1" މިފޮތްތައް ހިމެނެއެވެ. މީގެއިތުރުން، ރާއްޖޭގެ ރަށްރަށުގެ ނަންތަކާބެހޭ ފޮތެއް ކަމަށްވާ [އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް އައިލެންޑް ނޭމްސް] އާއި، [އިންސްކްރިޕްޝަން އޮފް މޯލްޑިވްސް] މި ދެފޮތް އެކުލަވައިލެއްވުމުގައި ބޭރުގެ ޕްރޮފެސަރެއް ކަމަށްވާ ޑޮކްޓަރ ޕީ ރަގުޕަތީއާ އެކީގައި އެކަމަނާ މަސައްކަތްޕުޅު ކުރެއްވިއެވެ.
މިހާރުވެސް އެކަމަނާ ގެންދަވަނީ ރާއްޖޭގެ މިޒަމާނުގެ ތާރީޚުގެ ތެރެއިން [މިނިވަން ދިވެހިރާއްޖެ] މިނަމުގައި ފޮތެއް ލިޔުއްވުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ނަސީމާ މުޙަންމަދަކީ ހޮސްޕިޓަލުގައި ވަޒީފާ އަދާކުރެއްވިއިރުވެސް ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. މަޑުމައިތިރި މިޒާޖެއްގެ ވެރިއެކެވެ. ބަލިމީހުންނަށް އޯގާތެރިކަމާއެކު އަޅާލެއްވުމުގައި ނަމޫނާ ބޭފުޅެކެވެ.