ޢަލީ ފަހުމީ ދައުލަތުގެ ޚިދުމަތަށް ނުކުމެ ވަޑައިގަތީ، އދ.ދަނގެތީ އޮފީހުގެ ކާތިބު ކަމުން، 1979 އޭޕްރިލް މަހުގެ 1 ވަނަ ދުވަހުގައެވެ. ތަޢުލީމީ ދާއިރާގައި ޢަލީ ފަހުމީ ޚިދުމަތް ކުރައްވަން ފެށްޓެވީ، 1982 ޖަނަވަރީ 26 ވަނަ ދުވަހު އދ.ދަނގެތީ މަދަރުސާގެ ޕްރައިމަރީ ޓީޗަރެއްގެ މަގާމުންނެވެ. ޢަލީ ފަހުމީ ތަޢުލީމީ ދާއިރާގައި 27 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއެވެ. ދަނގެތީ މަދަރުސާގައްޔާއި، އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ފީއަލީ ސްކޫލްގައްޔާއި، މާމިގިލީ ސްކޫލްގައްޔާއި، ރަސްދޫ ސްކޫލްގައްޔާއި، އަރި އަތޮޅު އުތުރުބުރީ އަތޮޅު މަދަރުސާގައްޔާއި، އދ.އޮމަދޫ ސްކޫލްގައި ކިޔަވައި ދެއްވުމާއި، އެ ސްކޫލްތައް ހިންގެވުމުގައި އިސް ވެރިއެއްގެ ގޮތުން މަސައްކަތް ކުރައްވައިފައި ވެއެވެ. ޢަލީ ފަހުމީ ޚިދުމަތްކުރެއްވި ސްކޫލްތަކުގައި، ޕްރައިމަރީ ޓީޗަރު ކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރު ކަމާއި، ހެޑްމާސްޓަރު ކަމާއި، އެސިސްޓެންޓް ޕްރިންސިޕަލް ކަމާއި، ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ޢަލީ ފަހުމީއަކީ، ކިޔަވައިދެއްވުމުގެ އިތުރުން، ސްކޫލްތަކުގެ އަހަރީ ޕްލޭންތައް ރާއްވަވައި، ތަންފީޛު ކުރެއްވުމުގައި، ހުރިހާ ފަރާތްތަކެއް ގުޅިގެން، ތަޢުލީމާއި ތަރުބިޔަތު ލިބިފައިވާ ދަރީންތަކެއް މުޖުތަމަޢަށް ނެރެދިނުމަށްޓަކައި، ނަސޭހަތާއި، އިރުޝާދުތައް ދެއްވަމުން ގެންދަވައިފައިވާ ބޭފުޅެކެވެ. ޢަލީ ފަހުމީއަކީ، ސަރުކާރުން ހިންގެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން، މަހިބަދޫގައި ހިންގުނު އަސާސީ ތަޢުލީމުގެ ކްލާސްތަކަށް ތަފާތު މާއްދާތައް ކިޔަވައި ދެއްވުމުގެ އިތުރުން، ބައިވެރިން އިމްތިޙާނުކޮށް ކުޑަފޮތް ޙަވާލު ކުރުމަށްޓަކައި ސަރުކާރުން ފޮނުއްވި މަންދޫބާއެކު އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން ކާމިޔާބު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ޢަލީ ފަހުމީ، ތަޢުލީމީ ދާއިރާގައި އެންމެ ގިނަދުވަހު ޚިދުމަތްކުރެއްވީ އދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކަމަށްވާތީ، އެ މަރުކަޒުގެ ދަރިވަރުން ދިވެހިބަހަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ރީތިބަހުން ވާހަކަ ދައްކަން ދަސްކޮށްދެއްވުމާއި، ޅެން ހަދަން ދަސްކޮށްދެއްވުމާއި، ނޫސް މަޖައްލާ، ލުއިފޮތް ފަދަ ލިޔުންތައް ތައްޔާރު ކުރުއްވުމާއި، ޢަރަބި ތާނަ ރީތިކޮށް ލިޔަން ދަސްކޮށްދެއްވުމާއި، ބޮޑު އަކުރުން ލިޔަން ދަސްކޮށްދެއްވުންފަދަ ގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ. އަދި މުދައްރިސުންނަށް ބޭނުންވާ ތަފާތު ޕްރޮގްރާމްތައް ހިންގެވުމާއި، ބެލެނިވެރިންނާއި ސްކޫލާ ދެމެދު ގާތް ގުޅުންތަކެއް ބޭއްވުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރެއްވިއެވެ.
ތަޢުލީމީ ގޮތުން ރާއްޖޭގައި އޮތް އެންމެ ޙާލަތު ދަށް 3 އަތޮޅުގެ ތެރޭގައި، އަރިއަތޮޅު ހިމެނިފައިވާކަން ތަޢުލީމީ ވުޒާރާއިން ފާހަގަ ކުރެއްވުމާ ގުޅިގެން، އަތޮޅުތެރޭގެ ސްކޫލްތަކުގެ ޙާލަތު ރަނގަޅު ކުރުމުގެ މަޤްޞަދުގައި، ސަރުކާރުގެ އިދާރާތަކާ ގުޅިގެން އަތޮޅު ފެންވަރުގައި، ތަޞައްވުރެއް އެކުލަވައިލައި، އަތޮޅު އޮފީހުގެ ފަރާތުން، އެކްޝަން ޕްލޭނެއް އެކުލަވާލައި ތަންފީޒު ކުރެއްވުމުގެގޮތުން އަތޮޅުތެރޭގެ ރަށްރަށުން ކުދީން މަހިބަދުއަށް ގެނެސްގެން ގޭގޭގައި ބައިތިއްބައިގެން، އެކުދީންގެ ތަޢުލީމީ ފެންވަރު މަތިކުރުމުގެގޮތުން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަތޮޅުގެ ސްކޫލްތަކުގައި ތިއްބެވި މުދައްރިސުންނަށާއި، ޚާއްޞަކޮށް ވަގުތީ މުދައްރިސުންނަށް، ތަޢުލީމާއި ތަމްރީނު ދެއްވުމަށްޓަކައި ގިނަ ޕްރޮގްރާމްތަކެއް ހިންގެވުމުގައި ފަހުމީ ވަރަށް ފުރިހަމަ ހިއްސާއެއް އަދާކުރެއްވިއެވެ. މީގެ އިތުރުން، އަތޮޅުގެ "އިހާ ސްކޫލް ނިޒާމް" ހިންގަވަން ހުންނެވި ދުވަސްވަރު އެ ސްކޫލްތަކުގެ ޙާލަތު ދެނެގަތުމާއި، ތަޢުލީމީ ނިޒާމް ރިފޯމްކޮށް، ޒަމާނީ ކުރުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
ފަހުމީ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރެއްވުމަށްފަހު، 2012 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި، އދ.އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރެއްގެ މަގާމު އަދާކުރައްވަން ފެށްޓެވިއެވެ. މި މަގާމުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލާއި ވިލާ ކޮލެޖާ ގުޅިގެން، އަތޮޅުގެ ދަރީންނަށް ފަސޭހައިން މަތީ ތަޢުލީމުގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި، މަހިބަދޫގައި ހުންނަ ވިލާ ކޮލެޖްގެ މަހިބަދޫ ކެމްޕަހުގައި ކިޔަވައިދޭން ފެށުމަށްޓަކައި، ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މީގެ އިތުރުން 2012 ވަނަ އަހަރުން ފެށިގެން، ރަށުފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައި ޤުރްއާން މުބާރާތް ހިންގާނެ ގަވައިދެއް އެކުލަވައިލައި ކޮންމެ އަހަރަކު އެއްފަހަރު ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައި ޤުރްއާން މުބާރާތްތައް ބާއްވަވައި، އެ މުބާރާތްތަކުން ޤައުމީ މުބާރާތަށް ކޮލިފައިވާ ކުދީން، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިކުރުވައިގެން ބައެއް ދަރިވަރުން، ރަން ވަނަތައް ހާސިލުކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ. މިކަމުގެ ސަބަބުން ތަޖްވީދު މަގުން ރިވެތި ކޮށް ކީރިތި ޤުރްއާން ކިޔަވަން ދަންނަ ކުދިންތަކެއް އުފެދި، ކީރިތ ޤުރްއާން ކިޔެވުމުގެ ރޫޙު މުޅި އަތޮޅުގައި އާވެ އާލާވެގެން ދިޔައެވެ. ދަތި އުނދަގޫ ކަންކަމާއެކުވެސް އަތޮޅު ފެންވަރުގައި ހިންގުނު ހުރިހާ މުބާރާތެއް ވިލަރެސްކޮށް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވައިފައި ވަނީ ޢަލީ ފަހުމީއެވެ.
ޢަލީ ފަހުމީ، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 38 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މިހާރު ހުންނެވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ އދ. މަހިބަދޫ ބްރާންޗުގެ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓުގެ މަގާމުގައެވެ.