އަޙްމަދު އިބްރާހީމް، ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެށްޓެވީ، 28 ޖަނަވަރީ 1978 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ޕިޔޯނެއްގެ ވަޒީފާއެވެ. އޭގެފަހުން، އަމީނިއްޔާ ސްކޫލްގެ ޕިޔޯނެއްގެ ވަޒީފާ އަދާކުރެއްވުމަށްފަހު، ކަސްޓަމްސްއަށް ބަދަލުވެވަޑައިގަތީ، 29 ޖަނަވަރީ 1979 ގައެވެ.
އަޙްމަދު އިބްރާހީމް، ކަސްޓަމްސްގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، 2ނަންބަރު ކާތިބު ކަމާއި، ސީނިއަރ ކާގޯ ކްލިއަރެންސް އޮފިސަރ ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރުކަން ހިމެނެއެވެ. 20 ފެބުރުވަރީ 2020 ގައި ކަސްޓަމްސްގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ.
ކަސްޓަމްސްގައި އަޙްމަދު އިބްރާހީމް މަސައްކަތް ކުރައްވައިފައިވާ ސެކްޝަންތަކުގެ ތެރޭގައި، ކާގޯ އެގްޒެމިނޭޝަން ސެކްޝަނާއި، އެއަރ ކާގޯ ސެކްޝަނާއި، ލޮޖިސްޓިކް ސެކްޝަނާއި، ސީޕޯޓް ސަރވައިލަންސް އެންޑް އިންޓަރޑިކްޝަން ސެކްޝަން ހިމެނެއެވެ. އަދި ބައެއް ސެކްޝަންތަކުގައި އޮފިސަރ އިންޗާޖެއްގެ ގޮތުގައިވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ.
އަޙްމަދު އިބްރާހީމް، ކަސްޓަމްސްއަށް ކުރެއްވި ޚިދުމަތްތަކުގެ އަގު ކަސްޓަމްސްއިން ވަނީ ވަޒަންކުރައްވައިފައެވެ. މިގޮތުން 5 ކުލައެއް ލިބިވަޑައިގެންފައި ވެއެވެ. އެއީ، ދިގު މުއްދަތުގެ ކުލައާއި، އަޚްލާގީ ކުލައާއި، އިޚްލާޞްތެރިކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ޤާބިލުކަމުގެ ކުލައެވެ.