ފަޟީލާ އަބޫބަކުރު، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 37 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. 1984 ވަނަ އަހަރުން ފެށިގެން މިހާތަނަށްވެސް ފަޟީލާ ޚިދުމަތް ކުރައްވަމުން ގެންދެވީ، އުނގޫފާރު ސްކޫލްގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުންނެވެ.
ފަޟީލާ އަބޫބަކުރު، ތަޢުލީމީ ދާއިރާގައި މި ހޭދަކުރެއްވި ދިގު މުއްދަތުގައި، ކިޔަވައިދެއްވުމުގެ އިތުރަށް، ދަރިވަރުންގެ އެކިއެކި ހުނަރުތައް ތަރައްޤީ ކުރުމަށް ކުރިއަށްގެންދިޔަ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، ސްކޫލްގެ ހައުސް މާސްޓަރކަމާއި، ކްލަބުތަކުގެ އިންޗާޖްކަމުގެ އިތުރަށް، ޕޭރަންޓް ޓީޗަރ އެސޯސިއޭޝަންގައިވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި ސްކޫލުން ފާހަގަކުރާ އެކިއެކި މުނާސަބަތުތަކުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.
ފަޟީލާ އަބޫބަކުރު ވަނީ، ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް ސްކޫލްގެ ފަރާތުން ހިންގައިފައިވާ ގިނަ ޕްރޮގްރާމްތަކެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ. ފަޟީލާ އަރިހުން ދަރިވަރުވި އެތައް ކުދިންނެއް މިއަދު ރާއްޖޭގެ އެކި ހިސާބުތަކުގައި، އެކި ފަންތީގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާކަމީ، ފަޟީލާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު ހިތްހަމަޖެހިވަޑައިގަތުމެވެ. އެއްވެސް ވަރުބަލިކަމެއް، ފޫހިފުޅުވުމެއްނެތި 37 އަހަރަށްވުރެ ގިނަ ދުވަހު، ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރެއްވުންމަތީ ސާބިތުވެ ހުންނެވުނީ، މި ދާއިރާއަށް ފަޟީލާގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމާއި ލޯތްބެއްގެ ބޮޑުކަމުންނެވެ.