އިބްރާހީމް ނަޞީރަކީ 18 ނޮވެންބަރު 1982ން ފެށިގެން އިމިގްރޭޝަންގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ، އިމިގްރޭޝަން އޮފިސަރ ކަމުގެ މަގާމެވެ. އޭގެފަހުން، ސީނިއަރ އިމިގްރޭޝަން އޮފިސަރ ކަމުގެ މަގާމާއި، ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ ކަމުގެ މަގާމާއި، ޗީފް އިމިގްރޭޝަން އޮފިސަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ކޮންޓްރޯލަރ ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.
ވޭތުވެދިޔަ 38 އަހަރު ދުވަހުގެ ތެރޭގައި، އިބްރާހީމް ނަޞީރު ވަނީ އިމިގްރޭޝަންގެ އެކިއެކި ލަނޑުދަނޑިތައް ހާސިލުކުރުމުގައި ހީވާގިކަމާއި އިޚްލާޞްތެރިކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އިބްރާހީމް ނަޞީރުގެ ވިސްނުންތެރި، އުފެއްދުންތެރި ޚިޔާލުތައް، ތަރައްޤީވެފައިވާ އިދާރާއެއްގެ ގޮތުގައި، މޯލްޑިވްސް އިމިގްރޭޝަން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.
31 މޭ 2018 އިން ފެށިގެން އިބްރާހީމް ނަޞީރު އަދާކުރައްވަމުން ގެންދަވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ ފައިނޭންޝަލް ކޮންޓްރޯލަރގެ މަގާމެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޯލޮޖީ ޑިވިޜަންގެ އިސް ވެރިއެއްގެ ގޮތުންވެސް ގެންދަވަނީ ޚިދުމަތް ކުރައްވަމުންނެވެ. މޯލްޑިވްސް އިމިގްރޭޝަންގެ އެންމެ މުހިންމު އެއް ޑިވިޜަން ކަމުގައިވާ އެއަރޕޯޓް ޑިވިޜަންގެ އިސް ވެރިއެއްގެ ހައިސިއްޔަތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި، އެތަން ބަލަހައްޓަވައިފައި ވެއެވެ. އަދި ރާއްޖޭގެ ވައިގެ ބަނދަރުން އެތެރެވާ ފަސިންޖަރުންނާއި، އެއަރޕޯޓް ޑިވިޜަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންތައް ރާއްވަވައި ހިންގެވުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. ދިވެހި ޕާސްޕޯޓް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގައި ބޭނުންކުރެވޭގޮތަށް "އީ-ޕާސްޕޯޓް" އަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތަކުގައިވެސް ނަޞީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޤާނޫނު ނަންބަރު 1/2007 "މޯލްޑިވްސް އިމިގްރޭޝަންގެ ޤާނޫނު" އެކުލަވައިލެއްވުމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ކުޅިވަރުގެ ޙަޔާތުގައި ހޯދާފައިވާ ކާމިޔާބީތައް ހާސިލު ކުރުމުގައި މުވައްޒަފުންނާ ގުޅިވަޑައިގެން ހިތްވަރާއެކު އިބްރާހީމް ނަޞީރު ކުރައްވައިފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ.