މުރުތަޟާ މުޙައްމަދަކީ، 6 ޖުލައި 1982 ގައި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި ބޭފުޅެކެވެ. އޯޑިޓް އޮފީހުގެ ކާތިބެއްގެ ވަޒީފާއިން ޚިދުމަތް ފެށްޓެވުމަށްފަހު، މާލޭ މުނިސިޕަލްޓީއަށް ބަދަލުވެވަޑައިގެން، އެތާނގައި 2ނަންބަރު ކާތިބު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. ކަސްޓަމްސްއަށް ބަދަލުވެވަޑައިގަތީ، 24 ޖަނަވަރީ 1985 ގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް ހުންނެވީ ކަސްޓަމްސްގެ ވަޒީފާގައެވެ. ކަސްޓަމްސްގެ 2 ނަންބަރު ކާތިބުކަމުގެ އިތުރުން، ސްޓެޓިސްޓިކަލް ކްލާކް ކަމާއި، ކަސްޓަމްސް އޮފިސަރ ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2ގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. 28 އޮގަސްޓު 2019ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ޗީފް ކަސްޓަމްސް އޮފިސަރެއްގެ މަގާމުގައެވެ.
މުރުތަޟާ މުޙައްމަދަކީ، ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކަސްޓަމްސްއަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅޭ ބައެއް ތަކެއްޗާއި، އިންވޮއިސްއަށްވުރެ އިތުރަށް ހުންނަ މުދާ ހިފަހައްޓައި، އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅުއްވައިފައެވެ. އަދި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި، ބޭރުކުރާ ތަކެތި ހޯދައި ހިފެހެއްޓުމުގައި، އެންމެ ޚިދުމަތްތެރި ކަމަށް ފާހަގަކުރެވޭ މުވައްޒަފެއްގެ ގޮތުގައި، 1995 ވަނަ އަހަރު ހޮވިވަޑައިގެންފައި ވެއެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންގެ ތެރެއިން ހާޒިރީއަށް އެންމެ ފަރުވާތެރި މުވައްޒަފެއްގެ ގޮތުގައިވެސް މުރުތަޟާ މުޙައްމަދު ހޮވިވަޑައިގެންފައި ވެއެވެ.
މުރުތަޟާ މުޙައްމަދުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ދިގު މުއްދަތުގެ ކުލައާއި، އަޚްލާޤީ ކުލައާއި، ކާމިޔާބުގެ ރަންކުލައާއި، ޚިދުމަތުގެ ކުލައާއި، އިޚްލާޞްތެރިކަމުގެ ކުލައާއި، ޤާބިލުކަމުގެ ކުލަ، ކަސްޓަމްސް އިން ދެއްވައިފައި ވެއެވެ. އަދި ކަސްޓަމްސްގެ ރަން ބެޖުވެސް ލިބިވަޑައިގެންފައި ވެއެވެ.